ވެރިކަން ކުރާ ޕީއެންސީން ހުށަހަޅާ 100 އިންސައްތަ ފޯމުތަކަކީ ވަގު ފޯމުތަކެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ހޯމަ ދުވަހުގެ މެންދުރު ވަޑައިގެން ރާއްޖެޓީވީއާއި ވާހަކައްކަވަމުން މައުރޫފް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ވައްކަން ކުރުމާއި ދޮގު ހެދުމުގެ ވާހަކަ ރައްޔިތުން ކިތައްމެ ވަރަކަށް ދެއްކިނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ އެއްވެސް ކަހަލަ ފަރުވާލެއް ނެތް ކަމަށެވެ. އަދި މިކަން ކުރަމުން ދަނީ ހޯދުނު ގޮތަކަށް ފައިސާ ހޯދުމުގެ ވިސްނުމުގައި އެއްވެސް ފަރުވާލެއް ނެތި މަކަރު ހަދާ އޮޅުވާލައިގެން ކަމަށެވެ. މައުރޫފް ވިދާޅުވީ މިކަންކަން މިގޮތަށް ތަކުރާރުވަމުން ދާތީ ފިޔަވަޅު އަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ކުރިންވެސް އެދިފައިވާނެ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އިލެކްޝަންސް ކޮމިޝަނުން އެކަންކަން ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުނު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން މިއޮތީ 100 އިންސައްތަ ވެރިކަން ކުރާ ޕާޓީގެ މުށުތުރެއަށް ލާފައި. މިއަދު އަޅުގަނޑުމެން ތަކުރާރުކޮށް އެހިން ޕީއެންސީއިން ހުށަހަޅާ ފޯމްތަކުގެ ކިހާ އަދަދެއްގެ ފަސެންޓެއްތޯ ސައްހަކަން ކަށަވަރުވަނީ. އެބޭފުޅުން ވިދާޅުވީ 40 އައި 60 އިންސައްތައާއި ދޭތެރޭގެ ފޯމްގެ ސައްހަކަން ކަށަވަރު ނުވެގެން ރިޖެކްޓް ކުރަންޖެހެޔޭ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަގުސަދުގައި ހީލަތްތެރިކަމާއެކު މި ހުރިހާ ފޯމެއް މި ހުށަހަޅަނީ. އަޅުގަނޑަށް ޔަގީންވޭ ޕީއެންސީން ހުށަހަޅާ 100 އިންސައްތަ ފޯމަކީ ސައްހަ ނޫން ފޯމުކަން. ވަގު ފޯމުކަން.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މައުރޫފް ވިދާޅުވީ ޕީއެންސީން ހުށަހަޅާ ފޯމުގެ ތިރީގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހަމީދު ޕާޓީގެ ފަރާތުން ޒިންމާވާނެކަމަށް ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅާފައިވަނީ އެހެން ފަރާތަކަށް ކަމަށާއި، އޭނާއަށް ފިޔަވަޅު ނާޅާއިރު އެ ޕާޓީން މި މައްސަލައިގައި އެއްވެސް ކަންބޮޑުވުމެއް ވެސް ނެތް ކަމަށެވެ.
މައުރޫފް ވިދާޅުވީ މި ކަންކަމުން އެނގިގެންދަނީ ވައްކަން ކުރުމުގައި ޕީއެންސީ ހައްދުފަހަނައަޅާ ގޮސްފައިވާކަން ކަމަށެވެ. އަދި މިކަމުގައި ރައްޔިތުން ސަމާލުވެ ކޮންމެ ރައްޔިތަކުވެސް އޮތީ ކޮން ޕާޓިއެއްގައިކަން ޗެކްކޮށް މައްސަލައެއް އުޅޭނަމަ ކަމާއިބެހޭ ފަރާތްތަކަށް އެންގުމަށް މައުރޫފް ވަނީ ގޮވާލައްވާފައެވެ.