ވަގުން ވާނީ ވަގުންނަން ކަމަށާއި، އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ޕީއެންސީގެ ފޯމްތައް ބަލާނުލާ ޕްރޮސެސްކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަ ދައްކަވަމުން އައިކް އަހުމަދު އީސާ ވިދާޅުވީ މިހާތަނަށް އެމްޑީޕީ އަކުން ވަގުފޯމެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެގޮތުން ޕާޓީއަށް ހުށަހަޅާ ފޯމްތައް ބަލާފައި އެ ފޯމެއްގައި އައިޑީކާޑުގައި އިންނަ ފޮޓޯ ޖަހާފައިވާނަމަ ޕާޓީން އެ ފޯމެއް ރިޖެކްޓްކުރާނެ ކަމަށެވެ. އަދި މިފަދައިން އޭނާ ހުށަހެޅި ފޯމްވެސް ރިޖެކްޓްކޮށްފައިވާ ކަމަށާއި، ސަބަބަކީ އިލެކްޝަންސް ކޮމިޝަންގެ ގަވާއިދުގައިވެސް އައިޑީކާޑުގައި އިންނަ ފޮޓޯ ފޯމުގައި ނުޖެހޭނެކަމަށް ބުނެފައިވާތީ ކަމަށެވެ. އައިކް ވިދާޅުވީ މިއީ ވެރިފިކޭޝަން މަރުހަލާގެ ޕްރޮސެސްއެއް ނަމަވެސް، ހުރިހާ ކަންކަމެއް ދޫކޮށްލާފައި ޕީއެންސީން ހުށަހެޅި ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ކޮށްފައިވާ ކަމަށެވެ.
ޕީއެންސީން ވަގުފޯމްތަކެއް ހުށަހެޅުން، އަޅުގަނޑު ދެން ޕީއެންސީގެ ފަރާތުން އިތުރުކަމެއްވެސް އުއްމީދެއް ނުކުރަން. ވަގުން ވާނީ ވަގުންނަށް. އެކަމަކު، އިސީން، މިނިވަން މުވައްސަސާއަކުން އެއްވެސް ވަރަކަށް ބަލާލުމެއް ނެތި ފޯމްތައް ޕްރޮސެސް ކުރުމަކީ ހަގީގަތުގައި ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މއީ ގާނޫނުއަސާސީއަށާއި، ގާނޫނުތަކަށް ގެނެވުނު ބަދަލުގެ ކުލަވަރު. އީސީގެ ރައީސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރަށް ކިޔަމަންވާންޖެހޭނެ މީހެއް. އޭނާގެ ވަޒީފާ އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައި. އެހެންކަމަށްވާނަމަ އެބޭފުޅާއަށް މުސްތަގިއްލުކަމާއި މިނިވަންކަމާއެކު ޒިންމާއަދާނުކުރެވޭނެ. އެހެންކަމުން މިއަދު މިކަމެއް ނުވާނެ.އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސަ
އައިކް ވިދާޅުވީ ހަމަބުއްދި ހުރި މީހަކު މި މައްސަލައާއި ގުޅިގެން ވިސްނާލުމުން ހުރިހާކަމެއްވެސް ސާފުވާނެ ކަމަށެވެ. ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އަބަދުވެސް ފޯމް ހުށަހަޅާނެ ކަމަށާއި، ނަމަވެސް ގާނޫނުތަކާއި ގަވާއިދުތަކުގައި ލިޔެފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއްވެސް ވަރަކަށް މަސައްކަތް ނުކުރީ ކީއްވެގެންތޯ އައިކް ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ މިދައްކަނީ އެންމެ ފޯމެއް ދެފޯމެއް ނޫން ކަމަށާއި، ހާހުން ފޯމުގައި މި މައްސަލަ އުޅޭކަން ފާހަގަކުރެވުމަކީ އިލެކްޝަންސް ކޮމިޝަންގެ ބައިވެރިވުންވެސް މިކަމުގައި އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިކަން ބަލަންތިބި އިދާރާތައް މައްސަލަ ނުބަލަންވި ސަބަބެއްވެސް ނެތް ކަމަށެވެ. ސޯޝަލް މީޑިއާއިން ފެށިގެން ރަސްމީކޮށް މައްސަލަތައް ހުށަހެޅިފައިވީނަމަވެސް މި މައްސަލަ އަދިވެސް ނުބަލާކަމަށް އެނާ ވިދާޅުވިއެވެ.