ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެ، އެ އިދާރާގެ ކަންކަން ބަލަހައްޓަން ސްޕޭން ސަރުކާރުން ހާއްސަ ކޮމިޓީއެއް ނަގައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން މިކަމުގައި ބުނީ ސްޕޭން ސަރުކާރުގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް ފުޓްބޯޅަ ޖަމިއްޔާތަކަކީ ތިން ވަނަ ފަރާތެއްގެ ބައިވެރިވުމެއްނެތި މިނިވަންކޮށް ހިންގަންޖެހޭ ތަންތަނަށްވާތީވެ މިކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ސްޕޭން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ނިންމުމަކީ ފުޓްބޯޅަ ފެޑަރޭޝަނާ މެދު މިވަގުތު ހިނގަމުންދާ މައްސަލަތަކުގެ ސަބަބުން ސްޕޭނުގެ ކުޅިވަރުގެ ހިމާޔަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ސްޕޭނުގެ ކުޅިވަރަށް ޒިންމާވާންޖެހޭ ބަޔަކީ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަމަށެވެ.
ސްޕޭން ސަރުކާރުން މިފަދަ ނިންމުމެއް ނިންމީ އެގައުމުގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ފެޑަރޭޝަނާ ދެކޮޅަށް ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ފެންމަތިވަމުންދިޔަ މައްސަލަތަކަށް ބެލުމަށްފަހު އެވެ. މީގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކާއި ޖިންސީ ފުރައްސާރަ އާއި އިދާރީ މައްސަލަތައް ހިމެނެ އެވެ.
ސްޕޭން ސަރުކާރުން މި ނިންމުން ނިންމީ ތުހުމަތު ކުރެވޭ ސީރިއަސް ތުހުމަތުތައް ބަލައި ހައްލު ކުރުމުގެ ގޮތުން. މި ކޮމިޓީ އަކީ ކަންކަން ބަލާނެ ކޮމިޓީއެއް. މި ކޮމިޝަނާއި ނޯމަލައިޒް ކުރުމާއި ފެޑަރޭޝަން ތަމްސީލުކުރުމަކީ މިނިވަން ބައެއްގެ ބެލުމުގެ ދަށުން ދާންޖެހޭ ކަންކަންސަރުކާރުގެ ބަޔާނުގައިވޭ
ކޮރަޕްޝަނުގެ މައްސަލާގައި ސްޕޭނުގެ ފުލުހުން ވަނީ މިދިޔަ މަހު ސްޕޭނު ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ. އޭނާ އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޭނުގެ އަންހެން ކުޅުންތެރިއަކަށް ބޮސްދިން މައްސަލަ ޖެހި ކޯޓުގައި އެ މައްސަލަ ބަލަން ފެށުމުންނެވެ. މި ފަދަ މައްސަލަތަކުގައި ފުޓްބޯޅަ ފެޑަރޭޝަނުން މިދިޔަ އަހަރެއްހާ ދުވަހު އެތައް ބަޔަކު ވަނީ ވަކިވެސްކޮށްފަ އެވެ. އަދި މިދިޔަ މަހު ފުލުހުން ވަނީ އެފްއޭގެ އިމާރާތަށް ވެސް ވަދެ ފާސްކޮށްފަ އެވެ.
މީގެ އިތުރުން އިސްތިއުފާދިން ރައީސް ރުބިއަލެސްގެ ބަދަލުގައި ރައީސް ކަމަށް އަންނާނެ ކަމަށް ބެލެވިފައިވާ ފަރާތަށް ވެސް މިހާރު ވަނީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފަ އެވެ.