ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 12:54
މި ރޮބޮޓްތައް ތަރައްޤީ ކޮށްފައި ވަނީ އިނގިރޭސިވިލާތުގައި މަރުކަޒު ކޮށްގެން ހިންގާ ޑެކްޒޮރޯއީ ކުންފުނިން
ގުދަން ބަލަހައްޓާ ރޮބޮޓުން
ގުދަންތައް ބެލެހެއްޓުންވެސް ރޮބޮޓުންނަށް! ކިހާ ވަރަކުން ދާނެބާ؟
 
ޑެކްޒޮރޯއީގެ ރޮބޮޓްތައް ފަރުމާކޮށްފައި ވަނީ ގުދަނުގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް އެތައް މިލިއަން މައުލޫމާތެއް އެއްކޮށް، ރައްކާ ކުރެވޭ ގޮތަށް
 
މުދާ ހަލާކުވަމުން ދާ ގޮތާއި، ބިނާރަށް ލިބޭ ގެއްލުންތައް ފަދަ ހައްސާސް އެތައް މައްސަލައަކަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި 'އެޓެންޑް' ވެވޭ

އަރޓިފިލިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނިފިލިކަމުގެ ރޮނގުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު ދިރިއުޅުމުގެ އެތައް ކަމަކަށް ލުއިފަސޭހަ ކަން ލިބެއެވެ. ޖިސްމާނީ، ނަފްސާނީ އަދި ނުވިތާކަށް މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރެއެވެ. އޭއައި ޓެކްނޮލޮޖީ މިފަހަރު މި ވަނީ ގުދަންތަކަށެވެ. ގުދަން ބަލަހައްޓާ، މާސިންގާ ރޮބޮޓްތަކެއްގެ ސިފައިގައެވެ.

ގުދަނެއް ބެލެހެއްޓުމަކީ ކިހާ ވަރެއްގެ ކަމެއް ކަން އެނގޭނީ ހަމަ އެކަމުގައި އުޅޭ ބަޔަކަށެވެ. ފެންނަ ފެނުމަށް އެއީ މާ ބޮޑު ކަމެކޭ ހީނުވެދާނެއެވެ. ނަމަވެސް އެއީ ޙިކުމަތާއި ޖިސްމާނީ ގޮތުންވެސް ހުނަރުތަކެއް ބޭނުންވާ މަސައްކަތެކެވެ. ގުދަނުގައި މުދާ ހުރި، ނެތް މިންވަރާއި، އެއީ މުއްދަތު ހަމަވާ ތަކެއްޗާއި ވަކި ފިނިހޫނު މިނެއްގައި ރައްކާ ކުރަން ޖެހޭ އެއްޗެހި ހުންނަ ނަމަ، އެ ހުނަރުވެރިކަމުގެ ބޭނުން ޖެހޭ މިންވަރު އިތުރުވެއެވެ. ކަން ދިމާވާ ގޮތަކުން ބައެއް ފަހަރު، މުވައްޒަފުންނަށް ޖިސްމާނީ އަނިޔާތައް ލިބެއެވެ. ނޫޏީ ވިޔަފާރިއަށް މާލީ ގެއްލުންތަކެއް ލިބެއެވެ.

ގުދަން ބެލެހެއްޓުމުގެ މަސައްކަތަކަށް އިންޤިލާބީ ލުއިފަސޭހަ އީޖާދަކަށް މިއަދު ވެފައި މި އޮތީ އޭއައި ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ މާސިންގާ ރޮބޮޓްތަކެކެވެ. ބަހުގެ މާނައިވެސް އައު އުސްމިންތަކެއްގައި ކުރާ ރޮބޮޓްތަކެކެވެ. މި ރޮބޮޓްތަކީ ގުދަނުގައި ހުރި ސާމާނުތައް ސްކޭން ކުރުމުގެ ޤާބިލުކަން ލިބިފައި ވާ ރޮބޮޓްތަކެކެވެ. އިންސާނެއްގެ އެހީ މާ ބޮޑަކަށް ބޭނުމެއް ނުވެއެވެ. ހަރަކާތްތެރިވަނީ އޭގެ އަމިއްލަ ޒާތުގައެވެ.

މި ރޮބޮޓްތައް ތަރައްޤީ ކޮށްފައި ވަނީ އިނގިރޭސިވިލާތުގައި މަރުކަޒު ކޮށްގެން ހިންގާ ޑެކްޒޮރޯއީ ކުންފުނިންނެވެ. މާސިންގާ ގުދަންތައް ޕެޓްރޯލް ކުރުމުގައި މި ރޮބޮޓްތައް ހަރަކާތްތެރި ވަނީ އިންތިހާ ލުއިފަސޭހަ ގޮތަކަށެވެ. މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް ހާޒިރުވުމަށް ލިބޭ ފުރުޞަތުވެސް ފަހިވެފައި އަވަސްވެއެވެ. މުދާ ހަލާކުވަމުން ދާ ގޮތާއި، ބިނާރަށް ލިބޭ ގެއްލުންތައް ފަދަ ހައްސާސް އެތައް މައްސަލައަކަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި 'އެޓެންޑް' ވެވެއެވެ.

ޑެކްޒޮރޯއީގެ ރޮބޮޓްތައް ފަރުމާކޮށްފައި ވަނީ ގުދަނުގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް އެތައް މިލިއަން މައުލޫމާތެއް އެއްކޮށް، ރައްކާ ކުރެވޭ ގޮތަށެވެ. އެ އެއްކުރާ މައުލޫމާތުން، ގުދަނުގެ 3ޑީ މޮޑެލްއެއް އުފައްދާ، ގުދަނުގެ ހާލަތު، ވަގުތުން ވަގުތަށް ބަލައިލެވެއެވެ. އަދި ކުރިމަތިވެދާނެ ހާލަތެއް ލަފާކޮށް، އަންދާޒާކޮށްލަންވެސް ފަސޭހަކޮށްދެއެވެ.

ޑެކްޒޮރޯއީ ރޮބޮޓްތަކުގެ އެންމެ ހާއްސަ ސިފައަކީ އިސްކޮޅުން ދެމިލެވޭ ކަމެވެ. ބޭނުން ޖެހިއްޖެ ހިނދެއްގައި 12.5 މީޓަރު ނުވަތަ، ގާތްގަނޑަކަށް 40 އަކަށް ފޫޓަށް އިސްކޮޅުން ދެމިލިވެއެވެ. ވިލާތުގެ ގުދަންތަކުގައި ހަރުތައް ހުންނަ އާންމު އުސްމިނަކީވެސް އެއީ ކަމަށް ވާ އިރު، އެންމެ ދަތުރަކުންވެސް މުޅި ގުދަން ސްކޭން ކުރުމުގެ ގާބިލުކަން، ޑެކްޒޮރޯއީ ރޮބޯޓްތަކަށް ލިބެނީ މި ސަބަބާ ހެދިކަން، އެ ކުންފުނީގެ ސީއީއޯ އަދި ކޯފައުންޑަރ، އަންދްރޭ ދާނެސްކޫ ފާހަގަ ކުރިއެވެ.

މި ރޮބޮޓްތައް އެމްބެޑްކޮށްފަ މި ހުރި އޭއައި އަކީ، އިތުރު އިންސާނެއްގެ އެހީއަށް ބޭނުން ނުވެ، އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ހުންނަ ޓެކްނޮލޮޖީއެއް. ފޯކްލިފްޓް ކަހަލަ އެއްޗެހި ވަށާވެސް ދަތުރުކޮށްލާނެ، ކާރޫބާރޫ ބޮޑު ގުދަންތަކުގަވެސް ހަމަ އެއްވެސް ދަތިކަމެއް ނެތި. އެހެންކަހަލަ ހިސާބުކިތާބުތައް ބޭނުންކޮށްގެން، މެޝިން ލަރނިންގް ނިޒާމްގެ އެހީގަ، މި ރޮބޮޓްތަކަށް ބޮޑު ބަދަލެއް މި ވަނީ ގެނެވިފަ. ލީޑަރ ޓެކްނޮލޮޖީގެ އެހީގަ އަހަރެމެން މި އެއްކޮށްލަނީ ބޭނުންވާ ސީދާ މައުލޫމާތު. ވަގުތުން ވަގުތަށް އެކަމަކާ ފިޔަވަޅުވެސް އަޅާލެވޭނެ. ގުދަނުގެ މަސައްކަތް އިތުރަށް އެފިޝަންޓްކޮށްލެވޭ.
އަންދްރޭ ދާނެސްކޫ؛ ޑެކްޒަރޯއީގެ ސީއީއޯ އަދި ކޯފައުންޑަރ

ހަކަތައިގެ ގޮތުން ބަލާއިރުވެސް، ޑެކްޒޮރޯއީ ރޮބޮޓްތަކަކީ، ގުދަން ބެލެހެއްޓުމުގެ މަސައްކަތަށް އެންމެ ރަނގަޅު އެއް ކެންޑިޑޭޓްއެވެ. އެންމެ ބެޓެރީއެއްގެ އެހީގައި ހަކަތަ ނަގާ ރޮބޮޓަކުން، 1 މިލިއަން އަކަފޫޓުގެ ގުދަނެއްގައި، 1 ލައްކައަށްވުރެ ގިނަ ޕެލެޓް، 1 ދުވަސް ތެރޭ ސްކޭންކޮށްލައެވެ. ޗާޖު ކުރަން ޖެހިއްޖެ ހިނދެއްގައި، އެކަމަށް ހާއްސަކޮށްފައި ޑޮކަށް ރޮބޮޓް ދަތުރުކުރަނީވެސް އަމިއްލައަށެވެ.

ބައިނަލްއަޤުވާމީ ޝިޕިންގްއަދި ލޮޖިސްޓިކްސް ކުންފުނި، އޭޕީ މޯލަރ-މޭސްކްއިން ޖެނުއަރީ 2023 ގައި ޑެކްޒަރޯއީއާއެކު ޕަރޓްނަރޝިޕް ހެދީ، އިނގިރޭސިވިލާތުގެ ގުދަންތައް ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ އުންމީދުގައެވެ. މޭސްކްއިން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ހުރިހާ ހިސާބެއްގައި އެކުންފުނިން ބަލަހައްޓަމުންދާ ގުދަންތަކުގައި މިހާރު ބޭނުން ކުރަނީ ޑެކްޒަރޯއީ އޭއައި ރޮބޮޓްތަކެވެ. ވިލާތުގެ ބައެއް އެހެން ޤައުމުތަކަށްވެސް ރޮބޮޓްތައް ގެންދާ ކަން މޭސްކްއިން ފާހަގަ ކުރިއެވެ.

މޭސްކްގެ ކޮމަރޝަލް ކަންކަމާ ހަވާލުވެ ހުރި ފަރގަސް ވިނަމް ފާހަގަ ކުރި ގޮތުގައި، މިއީ ފަހަރެއްގައިވެސް އިންސާނީ ވަސީލަތަށް ވަޒީފާގެ ނުރައްކާ ކުރިމަތި ކުރުވާނެ ކަމެއް ނޫނެވެ.

ނޫން، މިއީ އިންސާނުންގެ ބަދަލުގަ އަންނަ އެއްޗެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ. މިކަމުގެ އަސާސަށް ވިސްނާލަމާ، މި ކަމަކީ އިންވެންޓްރީ ބެލެހެއްޓުމާ ކަންކަން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތެއް. މިކަމަށް އާލާތްތަކެއްވެސް ބޭނުންވޭ. އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ޕީކް ދުވަސްކޮޅު، ގިނަ ޢަދަދަކަށް މުދާ ހުންނަ އިރު. އެ ކަހަލަ ވަގުތެއްގައި އެ ހުރިހާ މަސައްކަތެއް ކުރާނެ މީހުންނާއި އާލާތްތައް އެބަހުރިތަ؟ އެހެންވެ، އަހަރެމެން މިކަމާ އުޅެން ފެށީ. އެއްވެސް ގޮތަކަށް، ވަކި ކަމެއްގެ ބަދަލުގަ އެއް ނޫން މި ރޮބޮޓްތައް މި ބޭނުން ކުރަނީ. އިތުރު ފުރިހަމަކަމެއް އަސްލު މި ގެނެސްދެނީ. އަހަރެމެންގެ މުވައްޒަފުންނަށް އެދެވޭ ބަދަލެއް މީ. މުވައްޒަފުންނަށްވެސް ވަޒީފާއާ މެދު އޮންނަ ޔަޤީންކަން އިތުރު ވާނީ. ރޮބޮޓުންނާ އެކީ މަސައްކަތް ކުރުމުގެ ފައިދާ އެމީހުންނަށްވެސް ފެންނާނީ.
ފަރގަސް ވިނަމް؛ މޭސްކްގެ ކޮމަރޝަލް ހެޑް

ވާހަކަ އެފަދަ ގޮތަކަށް ހުރި ނަމަވެސް، ތާރީޚު ދުށް ކޮންމެ އީޖާދަކާއެކު، ޒަމާންވާ ވަރަކަށް އެތައް ބައެއްގެ ވަޒީފާތައް ގެއްލި ގޮސްފައި އެބަހުއްޓެވެ. ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން އިންސާނީ ޙަޟާރާތުން ހޯދަމުންދާ ކުރިއެރުންތަކަކީ، އަމިއްލަ ނަފުސަށް ދެވޭ ގެއްލުމަކަށް ވުމާ ދެމެދު އޮންނަނީ ތުނި ފަރުދާއެއްކަން ފަހަރެއްގައި ހަނދާން ނައްތާލެވޭކަށް ނެތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް