ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 04:37
އެމެރިކަން ކެންސަރ ސޮސައިޓީގެ ތަފާށް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބަލީގައި މަރުވާ ކޮންމެ 5 މީހަކުން 1 މަރުވަނީ، ފުއްޕާމޭގެ ކެންސަރު ބަލީގައި
ފުއްޕާމޭގެ ކެންސަރަށް ސްކްރީން ކުރާ ރޮބެޓް
ފުއްޕާމޭގެ ކެންސަރަށް ސްކްރީން ކުރުމުގެ ހާސްކަން ކުޑަކޮށްދޭ އައު ރޮބޮޓެއް!
 
އައު އަޔޯން ރޮބޮޓް ފަރުމާ ކޮށްފައި ވަނީ ފުއްޕާމޭގެ ބޭރު ފަށަލަވެސް ފަސޭހަކަމާއެކު ޑޮކްޓަރުންނަށް ދެނެގަނެވޭނެ ގޮތަށް
 
މިހާރުވެސް ވަނީ 3 ޕޭޝަންޓެއްގެ ހަށިގަނޑުގައި އައު އަޔޯން ރޮބޮޓް ޓެސްޓު ކޮށްފައި

އެމެރިކާގެ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް، ފުއްޕާމޭގެ ކެންސަރު ބަލީގައި އެމެރިކާއިން 125000 އެއްހާ މީހުން މަރުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކެންސަރު ޖެހޭ އިރު، ގިނަ ވައްތަރުތަކުގެ ކެންސަރު ބަލިތައް ފަދައިން، ފުއްޕާމޭގެ ކެންސަރަކީވެސް ދުރާލާ ދެނެގަނެވިއްޖެނަމަ، ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު އޮތް ބައްޔެކެވެ.

ކެންސަރަށް ސްކްރީން ކުރާ ޕޭޝަންޓުންގެ ތެރެއިން ގޮށްލުން ފަދަ އިންޒާރުގެ ނިޝާންތައް ފެންނަ ޕޭޝަންޓުންގެ ފުއްޕާމޭގެ ބަޔޮޕްސީ ހަދައިގެން، އެ ނޮޑިއުލްސްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތެއް ވުމަށް ޑޮކްޓަރުން އުންމީދު ކުރެއެވެ. އެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖެހުން ގާތްވެފައި ވާ ކަމުގެ އިޝާރާތެއް، އޭޕްރިލް 19 ވަނަ ދުވަހު ވަނީ ލިބިފައެވެ.

ކެލިފޯނިއާގައި ހުންނަ ސަޓަރ ހެލްސް މިލްސް-ޕެނިންސޫލާ މެޑިކަލް ސެންޓަރއިން ކެންސަރަށް ޑައެގްނޯޒް ކުރުމުގައި އެހީ ހޯދަމުން ދަނީ މުޅިން އައު، އަޔޯން ބްރޮންކޮސްކޯޕީ ރޮބޮޓެއްގެ އެހީގައެވެ. މި ރޮބޮޓް ދައްކާލާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އައު އަޔޯން ރޮބޮޓް ފަރުމާކޮށްފައި ވަނީ، ސްކްރީނިންގް މަރުޙަލާގައި ހަދާ ސީޓީ ސްކޭނެއްގެ އެހީގައި، ޕޭޝަންޓުގެ ފުއްޕާމޭގެ ވަރޗުއަލް ޗާޓެއްގައި އެކި ކޮޅުކޮޅަށް ޑޮކްޓަރަށް "ދެވޭ" ފަދަ ގޮތަކަށެވެ. ފުއްޕާމޭގެ ހޮޅިތަކަށް ކެތީޓަރ ވަދެގެންދާ ހިސާބުން، ޕޭޝަންޓުގެ ފުއްޕާމޭގެ ހުރިހާ މަންޒަރެއް، ވަގުތުން ވަގުތަށް، ޑޮކްޓަރަށް ބަލައިލެވެއެވެ.

ސަޓަރ ހެލްސް މިލްސް-ޕެނިންސޫލާ މެޑިކަލް ސެންޓަރގައި މަސައްކަތް ކުރައްވާ، ފުއްޕާމޭގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރ، ޑރ އެލެކްޒެންޑަރ ޒައިޑަރ މިހާރުވެސް ވަނީ 3 ޕޭޝަންޓެއްގެ ހަށިގަނޑުގައި އައު އަޔޯން ރޮބޮޓް ޓެސްޓު ކޮށްފައެވެ. ޑރ ޒައިޑަރގެ އުންމީދަކީ، ފަސޭހައިން ވާސިލުނުވެވޭ ހިސާބުގައި ހުރި ގޮށް ނުވަތަ ނޮޑިއުލް ފަދަ ކެންސަރުގެ އިންޒާރު ދެނިވި ނިޝާންތައް ހޯދާ، އެ ސަރަހައްދުތަކުގެ ބަޔޮޕްސީވެސް، އައު އަޔޯން ރޮބޮޓް މެދުވެރިކޮށް ހެދޭ ގޮތް ވުމެވެ. އެ ފުރުޞަތު ފަހިވުމަކީ، ޕޭޝަންޓުންގެ ހިތްތަކުގައި އުފެދޭ އިންތިހާ ހާސްކަމާއި ނުތަނަވަސްކަން އެތައް ގުނައެއް ކުޑަކޮށްދޭނެ ކަމެއްކަންވެސް ޑރ ޒައިޑަރ ފާހަގަކުރިއެވެ.

އައު އަޔޯން ރޮބޮޓް ފަރުމާ ކޮށްފައި ވަނީ ފުއްޕާމޭގެ ބޭރު ފަށަލަވެސް ފަސޭހަކަމާއެކު ޑޮކްޓަރުންނަށް ދެނެގަނެވޭނެ ގޮތަށެވެ. މިއާއެކު، ފުއްޕާމޭ ތެރޭގައި ފަސޭހަކަމާއެކު ކަށި ފަދަ އާލާތްތައް ހަރަކާތްތެރި ކުރުމުގެ ފުރުޞަތު، ޑޮކްޓަރަށް ލިބެއެވެ. މިޞްރާބު ކަސިޔާރު ވެގެން ފުއްޕާމާގެ ބޭރު ފަށަލާގައި ތޫނު ހަތިޔާރަކުން ޖެހި، ފުއްޕާމޭ ފަޅައިގެން ދިއުން ފަދަ ހިތާމަވެރި ޙާދިޘާތައް ހިނގުންވެސް ދުރުކޮށްދެއެވެ.

ޕަލްމޮނޮލޮޖިސްޓެއްގެ ގޮތުގަ، އާދަޔާ ޚިލާފު ސީޓީ ސްކޭންތައް ހެދުމަކީ ވަޒީފާގެ ބައެއް. އެންމެ ހައްސާސް އެއް ވަގުތަކީ ފުއްޕާމޭގެ ސީޓީ ހަދާއިރު ގޮށްލާފަ ހުއްޓާ، ނޮޑިއުލް ހުއްޓާ ފެނުން. އެ ވަގުތަކީ ޕޭޝަންޓުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ގެނުވާ ވަގުތެއް. ވަރަށް ކަންބޮޑުވާވަގުތެއް. ބައެއް ނޮޑިއުލްތައް މި ހުންނަނީ ބަޔޮޕްސީއެއް ހެދޭ ވަރަށް ވުރެ ކުޑަކޮށް. އަހަރެމެން އެބަ ޖެހޭ އެ ނޮޑިއުލްތަކަކީ ކެންސަރުގެ އަސަރު ހުރި ނޮޑިއުލްތަކެއްތޯ، ނޫންތޯ ބަލަން. މި ރޮބޮޓްގެ އެހީގަ، ޔަޤީނާ ގާތަށް އެބަ ކަށަވަރުކޮށްދެވޭ ހާލަތު. ރަނގަޅަށް ބަލި ދެނެގަނެވި، ބަލި މީހާގެ ނުތަނަވަސްކަން ކުޑަކޮށްދެވޭ. ނޫނީ، ފަރުވާ ކުރިއަށް ގެންދާނެ ގޮތެއް އެބަ ކަނޑައަޅައިދެވޭ.
ޑރ އެލެކްޒެންޑަރ ޒައިޑަރ؛ ޕަލްމޮނޮލޮޖިސްޓް

ޑރ ޒައިޑަރ ފާހަގަ ކުރި ގޮތުގައި، މީގެ ކުރިން ފުއްޕާމޭގެ އެކި ހިސާބުތަކުގައި ބަޔޮޕްސީ ހަދަން ޖެހެނީ ހިތުލަފައަށް، އަންދާޒާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ރޭޑިއޯލޮޖީގެ އެހީ ހޯދި ކަމުގައި ވީ ނަމަވެސް، ފުއްޕާމޭ ފަޅައިގެން ދާ ފަދަ ޙާދިޘާއެއް ހިނގުން ގާތް ކަމަށްވެސް ޑރ ޒައިޑަރ ފާހަގަ ކުރިއެވެ. އަދި ރޭޑިއޯލޮޖީ މެދުވެރިކޮށް ބަޔޮޕްސީ ހެދެނީވެސް ވަކި ހިސާބުތަކެއްގައިކަން ޑރ ޒައިޑަރ ފާހަގަ ކުރިއެވެ.

އެމެރިކަން ކެންސަރ ސޮސައިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބަލީގައި މަރުވާ ކޮންމެ 5 މީހަކުން 1 މަރުވަނީ، ފުއްޕާމޭގެ ކެންސަރު ބަލީގައެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ފުއްޕާމޭގެ ކެންސަރަކީ، ކެންސަރު ބަލީގައި މަރުވާ ޕޭޝަންޓުންގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ވައްތަރުގެ ކެންސަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް