ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 12:55
އެޗް-1އަކީ ފިސާރި އަވަހަށް ކަންކަން ދަސްކުރާ ރޮބޮޓެއްކަންވެސް އެޗް-1 ދަނީ ސާބިތު ކޮށްދެމުން
އެޗް-1
ޗައިނާއިން "އެޗް-1": ފަހަރެއްގައިވެސް ވައިރަހެއް ނޫން!
 
އެޗް-1ގެ ހުނަރުތައް ފައްކާ ކުރަނީއޭއައި ނުވަތަ މަސްނޫޢީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން
 
ވޯންގް އުފެއްދި ރޮބޮޓް މިހާރު ވަނީ، އިންސާނުންކޮށް އުޅޭ ބައެއް ކަންކަން، ކާމިޔާބު ކަމާއެކު ނަކަލު ކުރަންވެސް ފަށާފައި

ޝަޢުޤުވެރިކަމެއް އޮވެގެން ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާ ކޮންމެ މީހަކަށްވެސް ކާމިޔާބު ލިބުން އޮތީ މާ ދުރުގައި ނޫން ކަން ސާބިތު ކޮށްދެމުންދާ އެކަކީ ޗައިނާގެ ޒުވާން ޑިޒައިނަރ ވޯންގް ޝިންގްޝިންގްއެވެ. ޢުމުރުން ވަރަށް ޅަ އިރު އަމިއްލަ ޓެކް-ކުންފުންޏެއް އުފައްދައިގެން އެ މަސައްކަތުގައި ހީވަގި ކަމާއެކު ދުވަސްތައް ހޭދަ ކުރަމުން ދާ ވޯންގް މިހާރު ވަނީ، އިންސާނެއްގެ ޝަޚްސު އަސްލަކަށް ބަލައިގެން އޭނާ އުފެއްދި (ހިއުމަނޮއިޑް) ރޮބޮޓް ފައްކާކޮށް ނިންމާލުމާ އިންތިހާ ގާތަށް ޖެހިލާފައެވެ.

ވޯންގް އުފެއްދި ރޮބޮޓް މިހާރު ވަނީ، އިންސާނުންކޮށް އުޅޭ ބައެއް ކަންކަން، ކާމިޔާބު ކަމާއެކު ނަކަލު ކުރަންވެސް ފަށާފައެވެ.

މީ އޭއައި އިން ހިންގާ އެއްޗެއް ވީމަ، ކޮންމެ ހަފުތާއަކުވެސް ކުރިއެރުންތައް އަންނަމުން ދާނީ. މަހުން މަހަށް ބެލިއަސް ކުރިއެރުންތައް އަންނާނެ. މިސާލަކަށް، މީ ވަރަށް ފަހުން ފައްކާ ކުރި ހުނަރެއް. އަތް އުފުލާ! ދެން، މިގޮތަށް، މައްޗަށް އަރާ!
ވޯންގް ޝިންގްޝިންގް؛ ޗައިނާގެ ޓެކް-ކުންފުންޏެއްގެ ޒުވާން ސީއީއޯ

ވޯންގްއަކީ ޗައިނާގެ އިރުމަތީ ޝީޖިއާންގް ޕްރޮވިންސްގައި ހިންގާ ޓެކް-ކުންފުންޏެއްގެ ސީއީއޯއެވެ. ވޯންގްގެ ރޮބޮޓަށް އޭނާ ދީފައި ވާ ނަމަކީ "އެޗް-1" އެވެ. އިސްކޮޅުގައި 1.8 މީޓަރު އަދި ބަރުދަނުގައި 47 ކިލޯ ހުންނަ އެޗް-1 އަކީ ތަސައްރަފު ފުދިފައި ހުރި އިންސާނަކު ހިނގާބިނގާވެ އުޅޭ ދުވެލީގައި އެކަން ކުރަން ދަސްކޮށްފައި ވާ ރޮބޮޓެކެވެ.

އެޗް-1ގެ ހުނަރުތައް ފައްކާ ކުރަނީ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫޢީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. މިހާރުވެސް އެޗް-1 ދަނީ އައު ހުނަރުތައް ދަސް ކުރަމުންނެވެ. އަދި އެޗް-1އަކީ ފިސާރި އަވަހަށް ކަންކަން ދަސްކުރާ ރޮބޮޓެއްކަންވެސް އެޗް-1 ދަނީ ސާބިތު ކޮށްދެމުންނެވެ.

މިހާ ހިސާބަށް އެޗް-1 ގެނައުމަށް ވޯންގްއާއި އޭނާގެ ޓީމުން މާ ގިނަ ދުވަހެއްވެސް ހޭދަ ކޮށްފައެއް ނުވެއެވެ. އެ މަސައްކަތުގައި ވޯންގްއާއި އޭނާ ޓީމުން ހޭދަ ކުރީ އެންމެ ހައެއްކަ މަސް ދުވަހެވެ. ވޯންގް އަދިވެސް ޢަމާޒު ހިފާފައި ހުރީ އެޗް-1ގެ ހުނަރުތައް 'އަޕްގްރޭޑް' ކުރުމަށެވެ. އެޗް-1އަށް ލިބިފައި ވާ ހުނަރުތަކާއި ޤާބިލުކަން އިތުރުކޮށް، ހުރި ހުނަރުތައް އިތުރަށް ފައްކާ ކޮށް، މީހުންގެ ދިރިއުޅުމުގައި މުހިންމު ބޭނުންތަކެއް ހިފިދާނެ ރޮބޮޓަކަށް އެޗް-1 ހެދުމަކީ ވޯންގްގެ އުންމީދެކެވެ.

އަހަރެމެން އެންމެ ބޮޑު އިސްކަމެއް ދެނީ އެޗް-1ގެ ބުންވަރާއި ފަންވަރު އަޕްގްރޭޑް ކުރަން. އޭރުން އެކި ކަހަލަ ވެއްޓަށް ފަރިތަވާނެތާދޯ. އެންމެ އުނދަގޫ ތަންތަނުގަ އުޅެންވެސް ދަސްވާނެ އޭރުން. މިސާލަކަށް ފަރުބަދަމަތީ ސަރަޙައްދުތައް ހުރަސް ކުރުން ކަހަލަ ކަންކަން ކުރަން. އޭގެ އިތުރަށް، ވަރަށް ކަވި ކަންކަން ކުރަންވެސް އަހަރެމެން އެބަ ދަސްކޮށްދެން އެޗް-1އަށް. މިސާލަކަށް، ފެކްޓަރީއެއްގަ ކުރާ ކަހަލަ މަސައްކަތްތައް ކުރަންވެސް ކުރިއަށް އޮތް ތަނުގަ އަހަރެމެން ދަސްކޮށްދޭނަން. މެކޭނިކަލް މެއިންޓަނަންސް މަސައްކަތް ކޮށްލާ އުޅެވޭ ވަރަށްވެސް އަހަރެމެން އެޗް-1 ތަރައްޤީ ކުރާނަން.
ވޯންގް ޝިންގްޝިންގް؛ ޗައިނާގެ ޓެކް-ކުންފުންޏެއްގެ ޒުވާން ސީއީއޯ

ރޮބޮޓް ފަރުމާކޮށް އުފެއްދުމަކީ ވޯންގްއަށް އައު މަސައްކަތެއް ނޫނެވެ. ވޯންގް އެންމެ ފުރަތަމަ ރޮބޮޓެއް އުފައްދަން މަސައްކަތް ފެށީ 2013 ވަނަ އަހަރުއެވެ. އޭރު އޭނާގެ ޔުނިވަރސިޓީ ތަޢުލީމުވެސް ނުނިމެއެވެ. ވޯންގް އެންމެ ފުރަތަމަ މަސައްކަތް ފެށީ 4 ފައި-ލީ ރޮބޮޓެއް އުފައްދާށެވެ. އެ ރޮބޮޓަށް އޭނާ ދިން ނަމަކީ "އެކްސްޑޯގް"އެވެ. ރޮބޮޓްގެ ޓެސްޓު ވީޑީއޯތައް ހިއްސާ ކުރަމުން ދިޔަ ވަރަކަށް، ޢާންމުންގެ ފަރާތުން ވޯންގްއަށް ދެމުން ދިޔަ ތަރުޙީބުވެސް ދިޔައީ އިތުރު ވަމުންނެވެ. އެކި ދިމާލުން އޭނާއަށް މާލީ އެހީތައް ލިބެން ފެށިއެވެ. އެ އެހީގެ ބޭނުން ހިފައިގެން ވޯންގް، އޭނާގެ އަމިއްލަ ޓެކް-ކުންފުންޏެއް އުފެއްދީ 2016 ވަނަ އަހަރުއެވެ.

އިންސާނެއްގެ ޝަޚްސު އަސްލަކަށް ބަލައިގެން، ހިއުމަނޮއިޑް ރޮބޮޓެއް ހެދުމަކީ ވަރަށް ފަންނީ ކަމެއް. މިދިޔަ އަހަރުތަކުގަ، އޭއައި ޓެކްނޮލޮޖީ ކުރިއަރާފަ މިއޮތީ އަހަރެން ހީވެސް ނުކުރާ މިންވަރަކަށް. އަހަންނަށް ހީވަނީ، ހިއުމަނޮއިޑް ރޮބޮޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ނެގޭ ވަރަށް އޭއައި ޓެކްނޮލޮޖީ ފައްކާވެފަ އޮތްހެން. އެހެންވެ، މި އަހަރު އަހަރެމެންގެ އަމިއްލަ އެއްޗެއް އުފައްދަން މި އަހަރު މި މަސައްކަތް ފެށީ. އަހަރެމެންގެ ކުންފުންޏަކީ ޓެކްނޮލޮޖީގެ ދުނިޔޭގެ ވަރުގަދަ ބިންގަލެއްގެ މަތީގަ އުފެއްދި ކުންފުންޏެއް، 4 ފައި-ލީ ރޮބޮޓް އުފެއްދުމުގެ ރޮނގުން. ހަރޑްވެއަރއާއި ސޮފްޓްވެއަރއަށް ބެލިއަސް، ކުރިއެރުންތަކާއި ޤާބިލިއްޔަތުކަމުގެ ގޮތުން އަހަރެމެން ވާނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފަ.
ވޯންގް ޝިންގްޝިންގް؛ ޗައިނާގެ ޓެކް-ކުންފުންޏެއްގެ ޒުވާން ސީއީއޯ

އޭނާއަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާތަކުގެ ބޭނުން ހިފައިގެން ވޯންގް ދިޔައީ އައު ނިޒާމުތައް އީޖާދުކޮށް، އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ ފުރަތަމަ ޕްރޮޑަކްޓްގެ ގޮތުގައި 4 ފައި-ލީ ރޮބޮޓް ތަޢާރަފު ކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އޭގެ ފަހުންވެސް ވޯންގްގެ ކުންފުނިން ދަނީ އެއް އުފެއްދުމަށް ވުރެ ފުރިހަމަ އިތުރު އެހެން އުފެއްދުމެއް ސިލްސިލާ ގޮތެއްގައި ތަޢާރަފު ކުރަމުންނެވެ. ރޮބޮޓް ކުއްތާއަކުން ފެށި މަސައްކަތް، އިންސާނީ ޝަޚްސު ރަމްޒުކޮށްދޭ ހިއުމަނޮއިޑް ރޮބޮޓަކާ ހިސާބަށް ގެންގޮސް ކާމިޔާބު ކުރިއެވެ. އެތައް ޒުވާނުންނަކަށް މިސާލު ދައްކައިދެމުންނެވެ.

ވޯންގްއަކީ ގަދަ ހިތްވަރާއި ޢަޒުމާއެކު މަސައްކަތެއްގައި ސާބިތުކަމާއި، ޝަޢުޤާ އެކީ ދެމިހުރެއްޖެނަމަ ކާމިޔާބު ލިބޭނެ ކަމުގެ ލާމަސީލު މިސާލެކެވެ. ޓެކްނޮލޮޖީގެ ދުނިޔެއަކީ އިންތިހާ ހަލުވި ދުވެލީގައި ބަދަލުވެ ކުރިއަރަމުން އަންނަ ދުނިޔެއަކަށް ވާ އިރު، އެ މައިދާނުގައި ސާބިތު ކަމާއެކު ކުރިއަށް ދިއުމަށްޓަކައި ޚުދު އަމިއްލަ މީހާވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަން ވޯންގް ދަނީ ޢަމަލުންވެސް ދައްކައިދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް