ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 09:37
ބޮކްސިންއަށް ޕްރޮގްރާމްކުރަމުންދާ ރޮބޮޓާއި ދިރާސާކުރާ މީހެއް
ބޮކްސިންއަށް ޕްރޮގްރާމްކުރަމުންދާ ރޮބޮޓާއި ދިރާސާކުރާ މީހެއް
ބޮކްސިންގ
ބޮކްސިންގް ރިންގެއްގައި އިންސަނަކާ ރޮބޮޓެއް: މަޤްޞަދު ވަރަށް ތަފާތު!
ނާދިއާގެ ޙަޤީޤީ ކޮންޓްރޯލް އޮންނަނީ ސައެންސްޓިސްޓެއްގެ އަތުގައި
އިންސާނެއްގެ ޢަމަލުތައް ހުންނާނެ ގޮތް ނާދިއާވެސް ނަކަލު ކުރޭ

ބޮކްސިންގް މެޗެއްގައި އިންސާނަކާއި ރޮބޮޓެއް ކުރިމަތިލާ ވާހަކަ ބުނެފިނަމަ އެންމެ ފުރަތަމަވެސް ޚިޔާލަށް އަންނާނީ ކޮންމެވެސް ޚިޔާލީ، ސައެންސް ފިކްޝަން ފިލްމެއްގެ މަންޒަރެކެވެ. ނަމަވެސް، ފްލޮރިޑާގެ ހިއުމަން އެންޑް މެޝިން ކޮގްނިޝަން (އައިއެޗްއެމްސީ)ގެ ދިރާސާ ޓީމަށް މި ޙާލަތު ވަރަށް ތަފާތެވެ. އައިއެޗްއެމްސީގެ ދިރާސާ ޓީމުން ބުނާ ގޮތުގައި އިންސާނަކާއި ރޮބޮޓެއް، ބޮކްސިންގް ރިންގެއްގައި ކުރިމަތި ލުމަކީ، އިންސާނެއްގެ ޝަޚްސު އަސްލަކަށް ބަލައިގެން އެ ޓީމުން އީޖާދު ކޮށްފައިވާ ރޮބޮޓް – 'ނާދިއާ'ގެ ހުރި ވަރެއް ބަލާލަން އޮތް އެންމެ ރަނގަޅު ފުރުޞަތެވެ.

އައިއެޗްއެމްސީ ރޮބޮޓިކްސް ލެބާއި ބްރޯޑްވޯކް ރޮބޮޓިކްސް ގުޅިގެން ދާދި ފަހުން ވަނީ، ނާދިއާގެ ޤާބިލިއްޔަތުކަން ދައްކާލުމަށް ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ އިވެންޓުގައި، ބޮކްސިންގް ރިންގެއްގައި ނާދިއާގެ އިދިކޮޅު ބައިވެރިއަކަށް ނުކުތީ އިންސާނެކެވެ.

ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ފަންނީ ކަންކަމަށް ބަލާއިރު، ނާދިއާގެ ޙަޤީޤީ ކޮންޓްރޯލް އޮންނަނީ ސައެންސްޓިސްޓެއްގެ އަތުގައެވެ. ވާޗުއަލް ރިއާލިޓީ (ވީއާރް) ކޮންޓްރޯލް އުސޫލުން، އެކަހެރިކޮށް ހުރެ ނާދިއާގެ ހަރަކާތްތައް ކޮންޓްރޯލް ކުރަނީ އޭނާއެވެ. މިއާއެކު އިންސާނުންގެ ކޮންޓްރޯލް ނުގެއްލޭނެހެން ރޮބޮޓުންތަކެއް މައިދާނަށް ނެރެވިދާނެ ކަމުގެ ޔަޤީން ވަނީ ބޮޑުވެފައެވެ.

ދިރާސާ ސައެންޓިސްޓް ރޮބަރޓް ގްރިފިން ބުނި ގޮތުގައި، ނާދިއާއަކީ އެތެރޭގެ މާޙައުލުތަކުގައި އެއްތަނުން އަނެއްތަނަށް ގޮސް ހެދުމަށް ބޭނުން ކުރެވިދާނެ ރޮބޮޓެއް ކަމަށެވެ. އެފަދަ ތަނެއްގައި އިންސާނެއްގެ ޢަމަލުތައް ހުންނާނެ ގޮތް ނާދިއާވެސް ނަކަލު ކުރެއެވެ. އެގޮތުން ސިޑިބަރިތަކުން އެރުމާއި، ހަރުގަނޑުތަކަށް އެރުމާއި، ގާފުނިތަކުގެ މައްޗަށް އަރާ ހެދުން ކަހަލަ ކަންކަން، ނާދިއާ ނަކަލު ކުރެއެވެ.

ނާދިއާ ބައިވެރިކޮށްގެން މިވަގުތު އަހަރެމެން ކުރިއަށް މިގެންދާ މަޝްރޫޢުތަކުގެ ޢަމާޒަކީ ފަހަރެއްގައިވެސް ބޮކްސިންގްއެއް ނޫން. އަހަރެމެން މި ބަލަނީ މިވަގުތު އިންސާނުން ކުރަމުންދާ އިންތިހާއަށް ނުރައްކާ ބައެއް މަސައްކަތްތައް ކުރާނެ ރޮބޮޓެއް އުފެއްދޭތޯ. މިސާލަކަށް ބޮން ނުގޮވާނެ ގޮތަށް ނައްތާލުމާ، ނިއުކްލިއަރ ކުނިބުނި ސާފު ކުރުމާ، ކުއްލި ޙާލަތްތަކުގައި ކާރިޘާތަކުގައި އެހީއަށް ނުކުތުން ކަހަލަ ކަންކަމަށް ރޮބޮޓް ތައްޔާރު ކުރަން މި ބަލަނީ. މި ހުރިހާ ކަމެއްގައިވެސް މިހާރު މި އުޅެނީ އިންސާނުން. އެއީ، އިންސާނުންގެ ބަދަލުގަ އެކަންކަން ކުރާނެ ރޮބޮޓުން އުފެއްދިފަ ނެތީމަ. އަމިއްލަ ޒާތުގައި ހަރަކާތްތެރިވާ ޑިވައިސްތަކާއި މަސްނޫޢީ ތޫނުފިލިކަމުގެ ދާއިރާގަ އެއްދުވަހުން އަނެއް ދުވަހަށް ކުރިއެރުންތައް ހޯދަމުން ދިޔައަސް، އިންސާނަކު ނުކުރާ ކަމެއް ރޮބޮޓުން ލައްވާ ކުރުވާނެ ގޮތެއް ހަދަން އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ. އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނުންނަށް ލިބިފައިވާ ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަން އެ ރޮބޮޓްތަކަށް ލިބިފަ ނެތުން. އެހެންވީމަ، މިގޮތަށް ރިމޯޓް ކޮންޓްރޯލް އިންޓަރފޭސްއެއް ބޭނުންކޮށްގެން، އިންސާނާ ރައްކާތެރި މާޙައުލެއްގަ ބަހައްޓައިގެން ރޮބޮޓުން ލައްވާ ނުރައްކާ މަސައްކަތް ކުރުވޭނެ ގޮތް ހެދޭތޯ ބަލަނީމި.
ރޮބަރޓް ގްރިފިން؛ އައިއެޗްއެމްސީގެ ރިސަރޗް ސައެންޓިސްޓް

ސައެންސްވެރިންގެ މަޤްޞަދަކީ ރޮބޯ-ބޮކްސިންގް ކުރިއެރުވުން ނޫނެއް ކަމަކު، ގްރިފިން ބުނި ގޮތުގައި ނާދިއާއަށް ލިބިފައިވާ ޙަޤީޤީ ޤާބިލިއްޔަތުކަން ބޭނުންކޮށްގެން އޭނާ ހޫރާލާ އަތެއްގެ ބާރު ފިސާރި ގަދަ ވާނެ ކަމަށެވެ.

އަލަށް މި އެޅުވި 2 އަތަކީ ކިތަންމެ ބާރުގަދަ 2 އަތަށް ވިއަސް، އެ 2 އަތުގެ ޙަޤީޤީ ބާރު އަހަރެމެން އަދި ވަޒަނެއް ނުކުރަން. ކިހާ ބަރުދަނެއްގެ އެއްޗެހި އުފުލާލެވޭތޯ، ނޫނީ ކިހާ ބާރަކަށް ކޮއްޕާލެވޭތޯ، އެކަހަލަ ކަންކަން އަދި ޓެސްޓެއް ނުކުރަން. ވަރަށް އާދައިގެ ޓެސްޓުތަކެއް އަދި މި ހެދީ. މިސާލަކަށް، ކިހާ ބަރުދަނެއްގެ އެއްޗެހި ބޮނޑިބޮނޑި ކޮށްލެވިދާނެތޯ ބެލިން. މޯޓަރު ދޮންބޮޑުނުވެ، ފަސޭހަ ކަމާއެކީ 6 ކިލޯގެ އެއްޗެހި ބޮނޑިބޮނޑިކޮށްލާ އެބަ. އަދި އަހަރެމެން ނުދަން މެކްސިމަމް ކެޕޭސިޓީ ބަލާކަށް.
ރޮބަރޓް ގްރިފިން؛ އައިއެޗްއެމްސީގެ ރިސަރޗް ސައެންޓިސްޓް

މި ރޮބޮޓަށް ދީފައިވާ 'ނާދިއާ'ގެ ނަން ނިސްބަތް ވަނީ ޖިމްނާސްޓިކްގެ ރޮނގުން މަޝްހޫރުންކަން ހޯދާފައިވާ ރޯމޭނިއާގެ ނާދިއާ ކޮމްއޮނޭޗީއަށެވެ. އެންމެ ޒަމާނީ އީޖާދުތައް ބޭނުންކޮށްގެން ނާދިއާ ފަރުމާކޮށްފައި ވަނީ ހަލުވި ހަރަކާތްތަކެއް ކުރެވޭ ގޮތަށެވެ.

- ކޮމެންޓް