ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ އިސްލާހުގެ ފުރަތަމަކިޔުން އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހަށް ހޮވޭ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާ ހުށަހަޅުއްވާފައިވާ އިސްލާހަކީ މާރޗް 26 ވަނަ ދުވަހު ހުށަހަޅާފައިވާ އިސްލާހެކެވެ.
ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ އެ މެންބަރަކު ހޮވޭ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މިނިވަން ކެންޑިޑޭޓަކު ޕާޓީއަކާއި ގުޅިއްޖެ ނަމަ އަދި ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ޤާނޫނު އަސާސީ އަށް މިފަދަ އިސްލާހެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، ދާދިފަހުން މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް ކަނޑައަޅާ، އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށް އެ ޤާނޫނު ވަނީ ތަންފީޒު ވެސް ކޮށްފައެވެ.
އެންޓި ޑިފެކްޝަން ޤާނޫނު ބުނާ ގޮތުން މިފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެނަމަ މެންބަރު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެއެވެ. ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް މި ޤާނޫނުގައި ބަޔާންކޮށްފަ ނެތެވެ. އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤު ކުރައްވާފައި ވަނީ އެޕްރިލް 16ގައެވެ.
މި ބިލަކީ 2024 އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
އެންޓި-ޑިފެކްޝަން ޤާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.