ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 14:44
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ޑްރަގް ވިޔަފާރި
ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ އެއީ ފުލުހުން "ޕްލާންޓްކުރި" ތަކެތިކަމަށް
 
ފެނިފައިވާ މަސްތުވާތަކެއްޗަކީ އެމީހުންނާ ގުޅުމެއް ހުރި އެއްޗެއް ނޫންކަމަށްވެސް އެމީހުން ބުނޭ
 
ހައްޔަރު ކޮށްފައިވަނީ 48 އަހަރު، 23 އަހަރު އަދި 28 އަހަރުގެ ދިވެހި ފިރިހެނުންތަކެއް

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތުގައި 3 މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 48 އަހަރު، 23 އަހަރު އަދި 28 އަހަރުގެ ދިވެހި ފިރިހެނުންތަކެކެވެ.

އެމީހުންގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ. އެމީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ 3 މީހުންވެސް ބުނެފައިވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ ފުލުހުން އެތަނަށް ލީ އެއްޗެއް ކަމަށެވެ. އެގޮތުން ފުލުސް އޮފިސަރެއްގެ ޖީބުން އެ މަސްތުވާތަކެތި ހުރި ސިގިރޭޓު ފޮށި ނަގައި، އަލަމާރި ތެރެއަށް ލީ މަންޒަރު ފެނިފައިވާކަމަށް އެމީހުން ބުނެއެވެ. ކ

އަދި މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ އެމީހުންނާ ގުޅުމެއް ހުރި އެއްޗެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މުއްދަތު މަޖިލީހުގައި އެމީހުން ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަދި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވާހަކަތަކަށް ބާރުދޭ އިތުރު ހެއްކެއްވެސް ހުށަހެޅިފައިނުވާކަން ކޯޓުއަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، އެމީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ 3 ބާވަތަކަށް ޕޮޒިޓިވްވެފައިވާތީ، މިއީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނަށް ބާރު ލިބިދޭ ކަމެއްގެ ގޮތުގައި މައްސަލަ ތަހުގީގު ކުރާ ފުލުސް އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ލިއުންތަކާއި، ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެެއްގެ ހެކި ޤަރީނާ ހުރިކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން ކޯޓުން ވަނީ އެ 3 މީހުންވެސް 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ 26 އޭޕްރީލް 2024 ގައެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ އެކޯޓުގެ އިސްގާޒީ އާދަމް މުޙައްމަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް