ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 14:29
އީރާންގެ ގައުމީ ދިދަ އުފުލާލަނީ -- ފޮޓޯ: އަލްޖަޒީރާ
އީރާންގެ ގައުމީ ދިދަ އުފުލާލަނީ -- ފޮޓޯ: އަލްޖަޒީރާ
އީރާނުން އިސްރާއީލަށް ދިން ހަމަލާ
އީރާނުގެ މިސައިލްތައް ވައްޓާލުމަށް އިސްރާއީލަށް އެހީތެރިވީ އަރަބި ކޮން ގައުމުތަކެއް؟
 
ހަމަލާތައް ހުއްޓުވުމުގައި ސައޫދީއާއި، އުރުދުން އެހީތެރިވިކަމަށް ބައެއް ރިޕޯޓްތައް ބުނޭ

އެތައް ސަތޭކަ ޑްރޯންއަކާއި މިސައިލްތަކެއް ހިމެނޭގޮތުން ސީދާ އީރާނުގެ ބިމުން އިސްރާއީލަށް ދިން ފުރަތަމަ ހަމަލާ ނާކާމިޔާބުކޮށްލުމުގައި އިސްރާއީލަށް ބަޔަކު އެހީތެރިނުވިނަމަ، އީރާނުގެ އެ ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ނުކުޅެދި ވަރަށް ބޮޑެތި ގެއްލުންތައް އެގައުމަށް ލިބުނީސްކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ. އެ ހަމަލާ ނާކާމިޔާބު ކޮށްލުމުގައި ބައެއް އަރަބި ގައުމުތަކުން އެހީތެރިވެދިންކަމަށް ތުހުމަތު ކުރާއިރު، އެކަމުގައި އިސްރާއީލަށް އަމަލީގޮތުން އެހީތެރިވެދިން ބައިނަލްއަގްވާމީ އަސްކަރީ އިއްތިހާދަށް އިސްރާއީލުގެ ލީޑަރުންވަނީ ޝުކުރުއަދާކޮށް ކްރެޑިޓް ދީފައެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް އިސްވެ އޮވެ މެދުއިރުމަތީގެ ގިނަ ގައުމުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އަސްކަރީ ކޯލިޝަނުން އިސްރާއީލަށް ތާއީދު ކޮށްފައި މިވަނީ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިސްރާއީލް އެކަހެރިވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނީ މިއީ މެދުއިރުމަތީގައި އީރާނާއި އެ ގައުމުގެ ޕްރޮކްސީތަކުގެ ނުރައްކަލާ ދެކޮޅަށް މިފަދަ އިއްތިހާދެއް ގުޅިގެން މަސައްކަތް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ނޭނގޭ އެއް ކަމަކީ އީރާނުން ފޮނުވާލި ގާތްގަނޑަކަށް 350 ޑްރޯން އާއި މިސައިލްގެ ބޮޑު ބައެއް ވައްޓާލުމުގައި ބައިވެރިވީ އިސްރާއީލުގެ ކޮން އަވަށްޓެރިއެއް ކަމެވެ. އިސްރާއީލުގެ އަސްކަރީ އޮފިޝަލުންނާއި ހަނގުރާމައިގެ ވަޒީރުންގެ މަޖިލީހުގެ އިސް މެމްބަރަކު ވަނީ އިތުރު "ޕާޓްނަރުން" ގެ ނަން ހާމަނުކޮށް އެކަން ފާހަގަކޮށްފައެވެ. ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ވެސް އެ ބޭފުޅުންގެ ނަން ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭގެތެރެއިން އެއްގައުމަކީ ހަމަ ޔަޤީނުން ވެސް އުރުދުން ކަމަށް ގިނަ ނޫސްތަކުން ފާހަގަކޮށްފައިވާއިރު، އުރުދުންއިން މިހަމަލާގެ ތެރެއަށް ވަދެފައިވަނީ އެ ގައުމުގެ އަމިއްލަ ދިފާއުގައި ކަމަށް ބުނެއެވެ.

"އީރާނުގެ މިސައިލްތައް އުރުދުންއަށް ވެއްޓުމުގެ ހަގީގީ ނުރައްކަލެއް އޮތް ކަމަށް ފެންނާތީ އެސެސްމަންޓެއް ހެދި، ސިފައިން އެ ނުރައްކަލާ ކުރިމަތިލީ. އަދި އިސްރާއީލުގެ ފަރާތުން މި ނުރައްކާ އަތުވެއްޖެ ނަމަ އުރުދުންއިން ވެސް އެ ފިޔަވަޅު އަޅާނެ،" އުރުދުންގެ ދައުލަތުގެ ޓީވީ "އަލް މަމްލަކާ" އަށް ދެއްވި އިންޓަވިއުއެއްގައި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލް ސަފާދީ ވިދާޅުވިއެވެ.

އިސްރާއީލް އެއްބައިވަންތަކޮށް، އަރަބި ދުނިޔެއާ ގުޅުން ބަދަހި ކުރުމުގެ ގޮތުން އީރާނާ ދެކޮޅަށް ސަރަހައްދީ ގޮތުން އިއްތިހާދެއް އުފައްދަން އެމެރިކާއިން ޒަމާނުއްސުރެ މަސައްކަތް ކުރެއެވެ. މި މަސައްކަތުގެ ތެރޭގައި އިސްރާއީލާއި އަރަބި ހަތަރު ގައުމަކާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރި 2020 ވަނަ އަހަރުގެ އަބްރަހަމް އެކޯޑްސް އާއި މެދުއިރުމަތީގެ އޮޕަރޭޝަންތައް ބަލަހައްޓާ އަދި މެދުމިނުގެ އަރަބި ގައުމުތަކުގެ އަސްކަރިއްޔާތަކާ ގާތުން މަސައްކަތް ކުރާ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގައި އިސްރާއީލު ހިމެނުން ހިމެނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާއިން ދިޔައީ އިސްރާއީލާއި ސަރަހައްދީ ހެވީވެއިޓް ސައޫދީ އަރަބިއްޔާއާ ދެމެދު ފުރިހަމަ ގުޅުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. ފަލަސްތީނުގެ 33،700 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ މި ހަނގުރާމައިގެ ސަބަބުން އަރަބި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ނުރުހުންތަކެއް އުފެދުމުގެ ސަބަބުން އެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި އޮތް ބައެއް އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާކަން ފެންނައިރު، ވައިޓް ހައުސްއިން ވަނީ ރާވާފައިވާ ޕްލޭނެއްގެ ދަށުން ހަނގުރާމައަށްފަހު އިސްރާއީލާއި ސައޫދީއާ ދެމެދު ގުޅުން ބަދަހިކުރެވޭނެ ކަމުގެ އުއްމީދު ތައް ހިފަހައްޓައިފައެވެ.

އީރާނުގެ ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން އެމެރިކާގެ ސެންޓްކޮމްގެ ކޮމާންޑަރު ޖެނެރަލް އެރިކް ކުރިއްލާ އިސްރާއީލަށް ވަޑައިގެން ސްޓްރެޓެޖީއެއް އެކުލަވާލެއްވިއެވެ.

އިސްރާއީލުގެ އަސްކަރީ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ހަރްޒީ ހަލެވީ އާދީއްތަ ދުވަހު ވަނީ ސެންޓްކޮމް ގުޅިގެން ކުރެވުނު ޑިފެންސިވް މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އުރުދުން އާއި ސައުދީ އަރަބިއްޔާ ވެސް އޮތީ ސެންޓްކޮމްގެ ދަށު ދިފާއީ މަސައްކަތުގައި ކަން ވަނީ ތުހުމަތުކޮށްފައެވެ. އީރާނުގެ ހަމަލާތައް ހުއްޓުވުމުގައި ބައިވެރިވިކަން އެއްވެސް ފަރާތަކުން އިއުތިރާފު ނުވި ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދެ ގައުމުގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މިސައިލްތައް ފެންނަ މެޕެއް އާންމުކޮށްފައެވެ.

އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަމޯސް ޔަދްލިން، އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ހަމަލާ ހުއްޓުވުމުގައި އަރަބި ގައުމުތަކުން އިސްރާއީލުގެ އެހީތެރިކަމަށް އައީ އީރާނާ ދެކޮޅަށް ސަރަހައްދީ އިންތިޒާމު ތައް ބާއްވަން ޖެހޭކަން އެމީހުންނަށް ވިސްނޭތީއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންއާ ވާހަކަ ދެއްކެވި ކަމަށާއި މި އެއްބާރުލުމުން "އީރާނުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލާ ކުރިމަތިލުމަށް ބައިނަލްއަގުވާމީ އިއްތިހާދަކާއި ސްޓްރެޓެޖިކް އިއްތިހާދެއް އުފެއްދުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވައިޓް ހައުސްއިން ވަނީ އެ ޕާޓްނާޝިޕްތައް އިތުރަށް ބަދަހިކުރާނެ ކަމުގެ އިޝާރާތެއް ދީ، އީރާނަށް ހަމަލާ ދިނުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ވިސްނުމަށް އިސްރާއީލަށް ގޮވާލާފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވީ އީރާނާ ދެކޮޅަށް އަޅާ އެއްވެސް ހަރުކަށި ފިޔަވަޅެއްގައި ވޮޝިންޓަނުން ބައިވެރި ނުވާނެ ކަމަށް ބައިޑަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެންނެވި ކަމަށެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ވަޒީރުންގެ މަޖިލީހުން އާދީއްތަ ދުވަހުގެ ރޭ ބައްދަލުކުރައްވައި، އެކަމަށް ރައްދު ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ނަމަވެސް، މަޝްވަރާތައް ދަންނަ އިސްރާއީލުގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވީ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ މީޑިއާތަކަށް މައުލޫމާތުދިނީ އެއީ ސިއްރު މަޝްވަރާތަކާ ބެހޭ ވާހަކަތަކަކަށް ވާތީއެވެ.

ބަދަލު ހިފުމުގެ ޕްލޭންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ހަގަރީ ވަނީ ސީދާ އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވައިފައެވެ. އަދި ހުރިހާ ގޮތަކުން ވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރަހައްދީ އިއްތިހާދެއް އުފައްދައި، އީރާނުން އަގު ނަގާނީ، އަޅުގަނޑުމެންނަށް ފެތޭ ގޮތަށް
ބެނީ ގަންޓްޒް / ވޯ ކެބިނެޓްގެ އިސް ބޭފުޅެއް

އީރާނުން މި ހަމަލާ ދޭން ފަށާފައި މިވަނީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލާ އިމާރާތަކަށް މިމަހު ހަމަލާދީ އީރާނުގެ ދެ ޖެނެރަލަކު ޝަހީދުކޮށްލި އިސްރާއީލުގެ މައްޗަށް ގިނަ ބަޔަކު ތުހުމަތުކުރާ ހަމަލާއަކާ ގުޅިގެންނެވެ.

އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް އީރާނުން ވަނީ ހަމަލާ ނިމިފައިވާ ކަމަށް ބުނެ، އިސްރާއީލުން އެގައުމުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލާފައެވެ. އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވީ އީރާނުން އިސްރާއީލަށް ފިލާވަޅެއް ދަސްކޮށްދީފައިވާ ކަމަށާއި އީރާނުގެ މަސްލަހަތާ ހިލާފަށް އާ ރައްދެއްދީފި ނަމަ އެކަމަށް އީރާނުގެ ފަރާތުން ވަރުގަދަ އަދި ހިތާމަވެރި ޖަވާބެއް ލިބޭނެ ކަމަށެވެ.

ދުޝްމަނުން ހިޔަނި ހަނގުރާމައެއްގައި އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު، އާދީއްތަ ދުވަހު ދިން ހަމަލާއަކީ 1979 ވަނަ އަހަރު އިސްރާއީލަށް އައި އިސްލާމީ އިންގިލާބާ އިދިކޮޅަށް އެތައް ޒަމާނެއް ވަންދެން ދެކޮޅުވެރިކަން އުފެދިފައިވީ ނަމަވެސް އީރާނުން އިސްރާއީލަށް ސީދާ އަސްކަރީ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.

އީރާނުން ބުނީ ދިމިޝްގުގެ ހަމަލާގައި ބައިވެރިވި އިސްރާއީލުގެ މަރުކަޒުތަކަށް އަމާޒުކޮށް، އާދީއްތަ ދުވަހުގެ ފަތިހު ވައިޓް ހައުސްއަށް އަންގާފައި ވަނީ އެ އޮޕަރޭޝަނަކީ "މިނިމަލިސްޓިކް" އޮޕަރޭޝަނެއް ކަމަށެވެ.

ނަމަވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވީ އީރާނުގެ ވިސްނުމަކީ "ހަލާކުކޮށް، މީހުން މެރުން" ކަމަށާއި އެކަން ކާމިޔާބުވެއްޖެ ނަމަ އެ ހަމަލާތައް ކޮންޓްރޯލް ނުކުރެވޭ ވަރުގެ އިތުރުވުމެއް އުފެދިގެން ދާނެ ކަމަށެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި އެއް ފަހަރާ އެންމެ މިނެޓެއް ހާއިރު މަދުވެގެން 100 ބެލިސްޓިކް މިސައިލް ވައިގެ ތެރޭގައި އޮތެވެ.

އިސްރާއީލުން ބުނީ އީރާނުން ފޮނުވާލި ހަމަލާތަކުގެ 99 އިންސައްތަ އަށް ވުރެ ގިނަ އިން ހުއްޓުވި ކަމަށާއި، އެ ސަރަހައްދުން ވަދެފައިވަނީ މަދު މިސައިލެއް ކަމަށެވެ. އިސްރާއީލުގެ އެއާބޭސްއަކަށް ވަނީ ކުދި ކުދި ގެއްލުންތަކެއް ލިބިފައެވެ.

އިސްރާއީލުން ވަނީ ދިގު ރާސްތާގެ މިސައިލްތަކާއި ކްރޫޒް މިސައިލާއި ޑްރޯން އަދި ކުރު ރާސްތާގެ ރޮކެޓްފަދަ ތަފާތު ނުރައްކާތައް ހުއްޓުވޭނެ ނިޒާމުތައް ހިމެނޭ މަލްޓިލޭޔަރޑް އެއަރ ޑިފެންސް ނެޓްވޯކެއް ޤާއިމުކޮށްފައެވެ.

މިދިޔަ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު، އީރާނުގެ ހަމަލާތައް ނާކާމިޔާބުކޮށްލުމުން އިސްރާއީލުގެ ތަސައްވުރު އަލުން އިއާދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މެދުއިރުމަތީގެ އަސްކަރިއްޔާ އިން ދެން ކުރާ ކަންކަން އެ ސަރަހައްދާއި ހުޅަނގުގެ ވެރިރަށްތަކުގައި ވަރަށް ގާތުން ބަލާނެ ކަމަށާއި ހާއްސަކޮށް އިސްރާއީލުން އާދީއްތަ ދުވަހު ތައުރީފުކުރި ކޯލިޝަން އުފެއްދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ވޮޝިންޓަންގައި ބައިޑަން ވަނީ އެކުވެރި މަޝްވަރާތަކެއް ބާއްވައި އެއްބައިވަންތަ ޖަވާބެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވީ އެމެރިކާއިން އެކުވެރިންނާއެކު މަޝްވަރާކުރާނެ ކަމަށެވެ. ކުއްލި ބައްދަލުވުމަކަށް ފަހު ގްރޫޕް އޮފް ސެވަންގެ ގައުމުތަކުގެ އިއްތިފާގުން ވަނީ އީރާނުގެ ހަމަލާ ކުށްވެރިކޮށް އިތުރު ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލާއި އީރާނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް އުފެދިފައެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާގައި އީރާނުގެ ތާއީދު އޮންނަ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގައި 1200 މީހުން މަރާލައި 250 މީހުން ވަގަށް ނަގާފައެވެ. އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 33،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

ހަމާސް އިން ވަނީ އީރާނުގެ ހަމަލާއަށް މަރުހަބާ ކިޔައި، މިއީ ސީރިއާއަށް ދިން ހަމަލާއަށް އެކަށީގެންވާ އަދި ހައްގު ޖަވާބެއް ކަމަށް ބުނެފައެވެ. އަދި މި ސަރަހައްދުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ހަނގުރާމައިގައި ހަމާސް އަށް އެއްބާރުލުން ދިނުމުގައި ދެމިތިބުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޒްބުالله އިން ވެސް ވަނީ އެ ހަމަލާއަށް މަރުހަބާ ކިޔާފައެވެ. ޣައްޒާގައި ހަނގުރާމަ ފެށުނުތަނާހެން ހިޒްބުالله އިން ވަނީ އިސްރާއީލުގެ އުތުރު ބޯޑަރަށް ހަމަލާދޭން ފަށައިފައެވެ. ކޮންމެ ދުވަހަކު ވެސް ދެ ފަރާތުން ބަޑީގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އިރާގާއި ސީރިއާ އަދި ޔަމަނުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލާ ދިމާލަށް ރޮކެޓާއި މިސައިލްތައް ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް