ކ. މާލެ
|
22 ޑިސެންބަރ 2024 | އާދީއްތަ 21:16
އިޒްރޭލުން ސްކޫލަކަށް ދިން ހަމަލާއެއްގައި ލިބިފައިވާ ގެއްލުން
އިޒްރޭލުން ސްކޫލަކަށް ދިން ހަމަލާއެއްގައި ލިބިފައިވާ ގެއްލުން
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
‎ފާއިތުވި 24 ގަޑިީއިރުގެ ތެރޭގައި އިޒްރޭލްގެ ހަމަލާތަކުގައި މަދުވެގެން 32 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 54 މީހުން ޒަޚަމްވެއްޖެ
ހަމަލާތަކަށް އެއްވެސް ހުއްޓުމެއް އައިސްފައި ނުވާއިރު، ހަނގުރާމައިގެ ސަބަބުން ކާނާއާއި ފެނުގެ ބޮޑު ދަތިކަމެއް ކުރިމަތިވެ، ޣައްޒާ އަށް ކުރިމަތިވެފައިވަނީ އިންސާނީ ކާރިސާއަކާއެވެ.

ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 32 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 54 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާ ސަރަޙައްދުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި، އިޒްރޭލުގެ ސިފައިން ވަނީ އުތުރު ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފައެވެ.

މިއީ އެ ތަނުގައި ތިބި މީހުންނާއި އެ ސަރަޙައްދުގައި ތިބި މީހުން އެތަނުން ނެރުމަށް އަމުރުކުރުމަށްފަހު ދިން ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުގެ ބާރުތަކުން އުތުރު ޣައްޒާ ސިޓީގައި ހުރި ސްކޫލަކަށްވެސް ބޮން އަޅައި، މަދުވެގެން 8 ފަލަސްޠީނު މީހުން ޝަހީދު ކޮށްލާފައިވެއެވެ.

މީގެ އިތުރުން އުތުރު ޣައްޒާގައި ދިން ވަކިވަކި ހަމަލާތަކުގައި އިތުރު 9 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ވެސް ހިމެނެއެވެ.

ޔަމަނުގެ ވެރިރަށް ސަނާއަށް އެމެރިކާގެ ސިފައިން ވަނީ ހަމަލާދީފައެވެ. މިއީ ޙޫތީންގެ މިސައިލެއް އިޒްރޭލުގެ ތެލް އަވީވް-ޖާފާ ސަރަޙައްދަށް ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން ދިން ހަމަލާއެކެވެ. މި ހަމަލާގައި މަދުވެގެން 14 މީހުންނަށް ކުދިކުދި އަނިޔާތައް ލިބިފައިވެއެވެ.

އޮކްޓޯބަރ 7، 2023ން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މަދުވެގެން 45،259 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 107،627 މީހުން ޒަޚަމްވެފައިވެއެވެ. ހަމަލާތަކުގައި އިޒްރޭލުން މަދުވެގެން 1،139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ރަހީނުކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް