ޣައްޒާ ސިޓީގައި ހުރި އަލް-ތާބިއީން ސްކޫލަށް އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އަންގާރަ ދުވަހު ދިން ހަމަލާއެއްގައި 4 މީހުން ޝަހީދު ވެއްޖެ ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.
މިއީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެކެވެ.
މި ރިޕޯޓުގައި ބުނާ ގޮތުން، މި ހަމާލާގެ ސަބަބުން ބަޔަކު ގެއްލިފައިވާއިރު، އެތައް ބަޔަކަށް ޒަޚަމްތައް ވަނީ ލިބިފައެވެ.
އަލް-ތާބިއީން ހިޔާވެއްސަކީ މިއަހަރުގެ އޯގަސްޓް މަހު އިޒްރޭލުން ދިން ހަމަލާއެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވި ތަނެކެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކުރިން މި ސްކޫލަށް އިޒްރޭލުން ދިން ހަމަލާއަކީ ވީހާވެސް ގިނަ ބަޔަކަށް ގެއްލުން ދިނުމުގެ ގޮތުން ދިން ހަމަލާއެއްކަން ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ. އެއީ ފަތިސް ނަމާދު ވަގުތާ ދިމާވާ ގޮތައް ދިން ހަމަލާއެކެވެ. މި ވަގުތަކީ ސްކޫލުގައި ހިމާޔަތް ހޯދަމުންދިޔަ ގިނަ އާންމު ރައްޔިތުން ނަމާދަށް ޖަމާވާ ވަގުތެވެ.
އަންގާރަ ދުވަހު ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ޒައިތޫން ސަރަހައްދުގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދަމުންދިޔަ އެހެން ސްކޫލަކަށް ވެސް އިޒްރޭލުން ވަނީ ވައިގެ މަގުން ހަމަލާ ދީފައެވެ.
ސަރަހައްދުގެ މަސްދަރުތަކާ ހަވާލާދީ ވަފާ އިން ބުނާ ގޮތުގައި، ޔަހޫދީ ހަނގުރާމަމަތީ މަތިންދާބޯޓު ތަކުން ޒައިތޫން ސަރަހައްދުގައި ހުރި އަލް-ހުއްރިއްޔާ ސްކޫލަށް ބޮން އެޅުމުގެ ސަބަބުން 11 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.
މީގެ އިތުރުން، ޣައްޒާ ސްޓްރިޕްގެ އުތުރުގައި އޮންނަ ބައިތް ހަނޫންގައި އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި ޒުވާނަކު މަރުވެއްޖެއެވެ.
އިޒްރޭލުގެ ބާރުތަކުން 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާ ސްޓްރިޕަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 44،249 އާންމު ރައްޔިތުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 104،746 ށް ވަނީ އަރާފައެވެ.