މުޙައްމަދު އަނަސްއަކީ އަނިޔާވެރި ގޮތަކަށް މަރާލެވުނު ރ. އަތޮޅުގެ ދެވަނަ ދަރި ކަމަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުން އިދާރާއިން ބުނެފިއެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހްމަދު ސޮއިކުރައްވާ އާދިއްތަ ދުވަހު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޖުލައި 31 ވަނަ ދުވަހުގެރޭ އެ ރަށުގެ ފެންފިޔާޒުގޭ އަނަސް އަނިޔާވެރި ގޮތަކަށް މަރާލާފައި ވާތީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި މިފަދަ އަމަލުތަކަކީ ތަރައްޤީވަމުން އަންނަ މުޖުތަމައު އެއްގައި ފެނިގެންވާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި އަނަސްއަކީ ކ. މާލެއާއި ރ އަތޮޅާއި ދެމެދު އޮޕަރޭޓް ކުރަމުންދިޔަ ލޯންޗެއްގައި ހީވާގިކަމާއިއެކު މަސައްކަތް ކުރަމުންދިޔަ ކެޕްޓަނެއް ކަމަށެވެ.
އަނަސްގެ އާއިލާއަށާއި ރ. މަޑުއްވަރީ ރައްޔިތުންނަށް ލިބިފައިވާ ފުން ހިތާމައިގައި މަޑުއްވަރީ ކައުންސިލާއި ރައްޔިތުން ބައިވެރިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި 2012 ވަނަ އަހަރުގައި ވެސް ވަރަށް އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައިވާ ކަމަށާއި މިއަދާ ހަމައަށް އައިއިރު އަފްރާޝިމްގެ އާއިލާއަށް އިންސާފު ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވީއެންމެ އަވަހަކަށް އަނަސްގެ ޤާތިލުން ހޯއްދަވައި ދެއްވައި އެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ހުކުރު ދުވަހުގެ ރޭ އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން އޮޅިގެން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ފުލުހުން މި މައްސަލާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.