ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށާއި، ކުރިން އެ މަންޒަރުތައް ފެނިވަޑައިގެންފައިވާ ކަމަށެވެ.
އެހެންނަމަވެސް ޕީއެންއެފް ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގި ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުން ކަމަށާއި، ސާފު އިރުޝާދެއް އޮއްވައި އެހެން ކަންކަން ދިއުމުން ހިތާމަ ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމާ މެދު ހޯމް މިނިސްޓަރާވެސް ސުވާލު ކުރެއްވި ކަމަށާއި، ހޯމް މިނިސްޓަރުވެސް އެކަން ހިނގާ ދިޔަ ގޮތް ބައްލަވާނެކަމަށް ވިދާޅުވިކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެސްއޯ ފުލުހުން ދާން ޖެހުނީ ކާކުގެ އިރުޝާދެއްގެ ދަށުންތޯ ކޮމިޝަނަރު އަރިހުންވެސް ސުވާލު ކުރައްވާފައިވާނެ ކަމަށާއި، އެކަމުގެ ތަހުގީގު ރިޕޯޓު ބުދަ ދުވަހުގެ އިރު އޮއްސެންވާއިރަށް ލިބެންޖެހޭނެކަމަށް އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރިޕޯޓު ލިބިވަޑައިގަތުމުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.