ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކައުންސިލަރުން ހޮވައިފިނަމަ މަޝްރޫއުތަކަށް ހުރަސްއަޅައި "ސިޔާސީ ޖަގަޑާ" ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް ގެންދަން ވެސް ވަރަށް ގިނަ މަޝްރޫއުތައް އެބަހުރި ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ މި ހުރިހާ މުހިންމު މަސައްކަތްތަކަށް އެޅިގެން ދާ ހުރަކަށްވުމުގެ ފުރުސަތު އެއްވެސް ރައްޔިތަކު ނުދެއްވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލަރުންނާއި، ކައުންސިލްގެ ރައީސުންނާއި، ސިޓީތަކުގެ ކައުންސިލަރުން އަދި ސިޓީތަކުގެ މޭޔަރު ކަމަށް އިންތިޚާބުވާ ކޮންމެ ބޭފުޅަކީ އެމަނިކުފާނާއެކު، ސަރުކާރުގެ ސްޕީޑްގައި އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭ މީހަކަށް ވާން ޖެހޭ ކަމަށެވެ. އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތް ފުރިހަމައަށް އެއްބާރުލުން ދޭނެ މީހުން އިންތިޚާބު ކޮށް ދިނުމަށް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮތް ފަސް ސިޓީ އަކީ ތަރައްގީ މަޑުޖެހިފައި އޮތް ތަންތަނަށް ވާން ބޭނުން ނުވާ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރު ހޮވާ މޭޔަރުންނަކީ އެމަނިކުފާނާއި އިދިކޮޅު ބަޔަކަށް ވާން ބޭނުން ނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކޮށްދޭނެ، ރައްޔިތުންނަށްޓަކައި ފެށިފައި ހުރި މަޝްރޫއުތަކާ ފަށަން ހުރި މަޝްރޫއުތަކާ މި ސިޔާސަތު ތަންފީޒު ކުރުމުގައި ރައްޔިތުންގެ ވިންދާ އިހުސާސްއާއެކު ސަރުކާރުގެ މަޝްރޫއުތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކައުންސިލަރުންތަކެއް ހޮވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް. އަޅުގަނޑު ކުރާ އިލްތިމާސް. އަޅުގަނޑަށް ޔަގީން އަޅުގަނޑު ބޭނުން ރައްޔިތުންނަށް ސީދާ ބާރު މިނުގައި މިފެށޭ ކަންކަމާ ފަށަން ހުރި ކަންކަން އެއްވެސް ކަހަލަ ސިޔާސީ ޖަގަޑައެއް ހަދަން ފުރުސަތު ނުދީ ބާރަށް ކުރިއަށް ގެންދެވޭނެ ގޮތް ލޯކަލް ލެވަލްއެއްގައި އޮންނަން. އެކަން ކުރުމުގައި އެއްވެސް ކަހަލަ ހުރަހެއް އެޅުމުގެ ފުރުސަތު ރައްޔިތުން ނުދެއްވާނެ ކަމަށް އެއީ އަޅުގަނޑު ޔަގީން ކުރާ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ރައީސް މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ގިނަ ބާރުތަކެއް ކައުންސިލްގެ އަތުން ވަނީ ނަގާފަ އެވެ.
މިދިޔަ އޮގަސްޓް 14 ވަނަ ދުވަހުގެރޭ ރައީސް މުއިއްޒު އެ ބިލު ތަސްދީގުކުރައްވައި އެ އިސްލާހުތަކަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު އެވެ. މި އިސްލާހުތަކާއެކު ކައުންސިލްތަކުގެ ދައުރު ހަމަވާ އަހަރު، ވަރަށް ގިނަ ކަންކަން ނުކުރެވޭގޮތަށް ވަނީ ހަދާފަ އެވެ. މީގެ ތެރޭގައި މުވައްޒަފުން ނެގުމާއި، މަސައްކަތް ހަވާލުކުރުން ފަދަ މުހިންމު ކަންކަން ހިމެނެ އެވެ.