15 އަހަރަށްވުރެ ދަށުގެ ޢުމުރު ފުރާތަކުގެ ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނުނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި، ޤާނޫނާ ޚިލާފު ޢަމަލުކުރާ 15 އަހަރުން ދަށުގެ ކުޑަކުދިންނާމެދު ފިޔަވަޅު އެޅެން ނެތް ކަމަށް ބުނެ ކަމާއި ބެހޭ އިދާރާތަކުން ދެއްކި ވާހަކަތަކަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ރައްދު ދީފިއެވެ.
އެޕްރީލް 04 ވީ ބުރާސްފަތި ދުވަހުގެރޭ އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް، ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯ އާއި އެކަމާގުޅިގެން ދައުރުކުރަމުންދާ ފޮޓޯތަކާއި ޚަބާރުތަކާއި، ބޭއްވުނު ނިއުސް ކޮންފަރެންސްއާގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާއިރު، ކުޑަކުއްޖަކާ ދެކޮޅަށް މިފަދަ ޢަމަލެއް ހިންގައި އަދި މި ޢަމަލު ހިންގުމުގައި ކުޑަކުދިން ބައިވެރިވުމަކީ ނުހަނު ހިތާމަވެރިކަމެއް ކަމަށެވެ.
އަދި މި ޙާދިސާއާ ގުޅިގެން ކުށްކުރާ ކުޑަކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުޑަކުދިންނާމެދު ޤާނޫނީ ނިޒާމުގެ ތެރެއިން އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ބަޔާންކޮށް ޢާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދޭ ގޮތަށް ދެކެވެމުންދާ ވާހަކަތަކާއި، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އެ އޮފީހުން ބުނެފައިވަނީ މިހާރުގެ ޙާލަތަށް ބަލާއިރު ކުށްކުރާކުދިންނާއި ކުށަށް އަރައިގަތުމުގެ އިހުތިމާލު އޮތް ކުދިންގެ ޢަދަދު 15 އަހަރުން ދަށުގެ ޢުމުރު ފުރާގައި ގިނަވާ އެއް ސަބަބެއްކަމުގައި ބެލެވެނީ، ކުށުގެ މާޙައުލުގައި އުޅޭ ފަރާތްތަކުން އެ ޢުމުރުގެ ކުދިންނަށް ޓާގެޓްކޮށް އެކްސްޕްލޮއިޓްކުރާތީ ކަމަށެވެ.
އަދި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރު ހަގު ކުރުމަކީ، މިހާރު ފާހަގަކުރެވިފައިވާ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިން އެކްސްޕްލޮއިޓްކުރުމުގެ އިހުތިމާލު އޮތްކަމެއްކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރު މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ ވަރަށްވުރެ ހަގު ކުރުމަކީ މިހާރުގެ ޙާލަތަށް އޮތް ޙައްލެއްކަމުގައި ނުދެކޭ ކަމަށް ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ބަލާލާއިރު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ކުޑަކުދިން ކުރާ ކުށްތަކުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ އުމުރުން 15 އަހަރު ކަމުގައި ކަނޑައަޅާފައިވީނަމަވެސް، 15 އަހަރަށްވުރެ ހަގު ޢުމުރުތަކުގެ ކުޑަކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށް ކުރުމުން ދުރުހެލިކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި، ރީހެބިލިޓޭޝަން އަދި އެ ނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމްތައް ދައުލަތުން ހަމަޖައްސައި، ކުޑަކުދިންނާމެދު ޢަމަލުކުރުމަށް ޚާއްޞަ ނިޒާމެއް ދައުލަތުން ޤާއިމްކުރުމަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގައި މިހާރުވެސް ބަޔާންކޮށްފާ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ބުނެފައެވެ.
އަދި 15 އަހަރަށްވުރެ ދަށުގެ ޢުމުރު ފުރާތަކުގެ ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނުނަމަވެސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރާއިރު، ކުޑަކުދިންނަށް ޚާއްޞަކުރެވިގެން ޤާއިމްކުރެވޭ ނިޒާމެއްގެ ދަށުން، ޤާނޫނާ ޚިލާފު ޢަމަލުކުރާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތެވެ.
އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެކުލަވާލެވިފައިވާ އުޞޫލުތަކާ އެއްގޮތަށް، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި، ރީހެބިލިޓޭޝަން އަދި އެ ނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ ހަރުދަނާ އިންތިޒާމްތައް ދައުލަތުން ހަމަޖައްސައި އަވަސް ފިޔަވަޅުތަކެއް އެޅޭނޭ ގޮތްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަކީ މުހިންމުކަމެއްކަން އެ އޮފީހުން ވަނީ ބުނެފައެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދައުލަތުގެ އިދާރާތަކުން ތަންފީޛުކުރާ މިންވަރު މޮނިޓަރކުރާ ފަރާތެއްގެ ޙައިސިއްޔަތުން، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިން ރީހެބިލިޓޭޓްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާގުޅިގެން ދައުލަތުގެ އިދާރާތައް ޒިންމާދާރުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށްކުރުމުގެ އިހުތިމާލު އޮތް ކުދިންނާ ގުޅޭގޮތުން އެއޮފީހުން ޑެސްކް ރިވިއުއެއް ތައްޔާރުކޮށް ގުޅުންހުރި އިދާރާތަކަށް ހިއްޞާކުރެވި، ހުށަހެޅުންތަކެއް ހުށަހެޅިފައިވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ އޮފީހުން ހިންގާފައިވާ ތަޙުޤީޤުތަކުންވެސް މިފަދަ ކުދިން ފާހަގަވެ، އޭގެ ކަންބޮޑުވުންތަކާއި މިފަދަ ކުދިންނަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އިރުޝާދާއި ލަފާ ދީފައިވާނެކަމަށް ބުނެފައިވެއެވެ. އަދި މިކުދިންނަށް ހިންގަންޖެހޭ ޕްރޮގްރާމްތަކުގެ މުހިންމުކަން އެކިއެކި ބައްދަލުވުންތަކުގައި މި އޮފީހުން ފާހަގަކޮށް، ހުރިހާ މުއައްސާތައް އެކުގައި މަސައްކަތްކުރުމަށާއި، މިފަދަ ޙާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަކާލާތު ކުރެވިފައިވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.