Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 18:37
ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
ކުޑަކުދިންގެ ހައްގުތައް
ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގައުމީ ޕްލޭން އިފްތިތާހުކޮށްފި
މި މަސައްކަތުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިދޭނެ
ކުދިންނާއި ގުޅުންހުރި ކަންކަމާއި އަދި އެކުދިންގެ މުސްތަޤުބަލާއި މެދުގައި އެކުދިންގެ ޝުޢޫރުތައް ހިމެނޭހެން މަސައްކަތްތައް ބައްޓަންކުރުމަށް ބާރު ލިބޭނެ

ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގައުމީ ޕުލޭން އިފްތިތާހުކޮށްފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި އދ. ގެ ކުޑަކުދިނާއި ބެހޭ ޖަމިއްޔާ (ޔުނިސެފް މޯލްޑިވްސް) އާއި ގުޅިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ވަޒީރު ޑރ. އައިޝަތު ޝިހާމާއި އެކު ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.

ގައުމީ އޮނިގަނޑު އިފްތިތާހުކޮށް، އަމަލީގޮތުން މަސައްކަތްކުރުވެން ފެށުން ވެގެންދާނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ "ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެކްޓް އެންޑް ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުއާހަދާއަށް އަމަލުކުރުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށެވެ. އަދި ޔުނިސެފް މޯލްޑިވްސްއާ އެކީގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިދޭނެއެވެ.

Advertisement

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރަމުންދާ މިފަދަ މުހިންމު މަސައްކަތްތަކީ އޭގެ ސަބަބުން ކުޑަކުދިންނަށް ތައުލީމު ހާސިލްކުރުމާއި، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމާއި، އެކުދިންނާއި ގުޅުންހުރި ކަންކަމާއި އަދި އެކުދިންގެ މުސްތަގުބަލާއި މެދުގައި އެކުދިންގެ ޝުއޫރުތައް ހިމެނޭހެން މަސައްކަތްތައް ބައްޓަންކުރުމަށް ލިބޭ އިތުރު ބާރެކެވެ.

އެއްވެސް ކުއްޖަކު ބާކީ ނުވާނެފަދައިން އެކުދިންގެ މި ހައްގުތައް ރައްކާތެރިކޮށް، އެކަންކަމަށް ވަކާލާތުކޮށް، އެކުދިންގެ ލާބައަށް އިސްކަންދޭ މުޖުތަމައެއް ބައްޓަންކުރުމަކީ އިޖުތިމާއީ އަދި އާއިލީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް އިން ހިއްސާވާ، އަދި އެކަމަށްޓަކާ މެދުނުކެނޑި މަސައްކަތްކުރަމުންދާ އަޒުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ މި އެކްޝަން ޕްލޭން އިފުތިތާހު ކުރެވިގެން ދިއުމަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މި އެކްޝަން ޕްލޭނަކީ އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ދިނުމާއި އެފަދަ ކުދިން ހިމާޔަތްކުރުން ފަދަ ކަންކަން ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އަދި އެފަދަ ކަންކަމާމެދު އަމަލުކުރާނެ ގޮތްތަކުގެ ސާފު މަގުޗާޓެއް ހިމެނޭ ވަރަށް ފުރިހަމަ ޕްލޭނެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކޮންމެ ކުއްޖަކީވެސް ޒިންމާދާރު، ވިލުންތެރި، އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ފަރުދެއްގެ ގޮތުގައި އަދި އަނިޔާއާ ދުރު މުޖުތަމަޢެއްގައި ހުރެ ހެދިބޮޑުވަމުން އަންނަ ފަރުދަކަށް ވުމީ ދެކެވަޑައިގަންނަވަން ބޭނުންވާ ތަސައްވުރު. އަދި އެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރި މާހައުލެއް އުފެއްދުމާއި އަދި މި ކަންކަމަށް މަގުފަހިވާގޮތަށް ކުދިން ތަރުބިއްޔަތު ކުރުމުގައާއި ޢާއިލާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވޭ
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިޖުތިމާއީ އަދި ޢއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ކުދިންނަށްވެސް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްކާތެރި އަދި އޯގާތެރި މާޙައުލެއްގައި އުޅުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށެވެ.

ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތު ފާހަގަކުރައްވާ، ވެސްޓް ބޭންކާއި ގައްޒާ ސްޓްރިޕާއި ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުން ވޭތުވެދިޔަ 76 އަހަރު ތަހައްމަލުކުރަމުން އައި ދަތި ހާލު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 25،000 ކުދިން ޔަތީމުވެ، 100،000 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި އަތްފައި އައިބުވެ، ގެއްލިފައިވާ 30،000 ކުދިން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

14،000 އަށްވުރެ ގިނަ ކުދިން ދުނިޔެއާ ވަކިވެފައިވާއިރު، އެތައް ހާސް ކުދިންނެއް ވަނީ ޒަހަމްވެފައި. ޣައްޒާގެ ހުރިހާ ކުދިންވެސް ވަނީ ހަނގުރާމައިގެ ނުރައްކާތެރި ތަޖުރިބާތަކާ ކުރިމަތިލާންޖެހިފައި. އެއާއެކު، މީގެ އަސަރު އެ ކުދިންގެ މުޅި އުމުރަށް ދެމިގެންދާނެ. ގެދޮރު ގެއްލި ތަންތަނަށް ދާންޖެހުމާއި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދިރިހުރި ކުދިންވެސް ވަނީ ތަޢުލީމާއި، އަސާސީ ހައްގުތަކުން މަހުރޫމުވެފައި. ސްކޫލްތަކާއި، ހިޔާވަހިކަން ދޭ ތަންތަނާއި، ހޮސްޕިޓަލްތަކަށް ބޮންއެޅުމާއި، އެތަންތަން ވީރާނާކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުޑރ. ޢާއިޝަތު ޝިހާމް

މި ޕްލޭނާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ "ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެކްޓް އެންޑް ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުއާހަދާއަށް އަމަލުކުރުމަށް ފަސޭހަވެގެންދާނެއެވެ.

Advertisement

Advertisement
- ކޮމެންޓް