ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 13:22
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު
ރައްޔިތުންގެ މަޖިލިސް
ކުޑަކުއްޖަކަށް އަނިޔާކުރުން
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ މަޖިލިސް ކޮމިޓީއަށް
ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް އިންޒާރު ދީފައިވަނީ 13 އަހަރާއި 14 އަހަރުގެ ދެ ކުއްޖެއް
ކުޑަކުދިން ހިމެނޭ މައްސަލައަކަށްވުމާއެކު، އެކުދިންގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާދާރުކުރާނެ ގޮތްތައް ބަލާނެ
ކަމާއި ބެހޭ ފަރާތްތަކުން މި މައްސަލައިގައި އަމަލުކުރާނެ ގޮތްތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައި

އއ. ރަސްދޫ މިސްކިތެއްގެ ފާހާނާ ހުންނަ ސަރަހައްދުގައި ކުޑަކުއްޖަކަށް އިންޒާރުދީ އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. މެންބަރު ޖީހާން "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެންމެ އަވަހަށް މަޖިލިސް ހުޅުވޭ ދުވަހު ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. ސަރުކާރު ބަންދާއި އީދު ބަންދު އަންނާތީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އީދަށް ފަހުގައި ކަމަށް މަޖިލީހުން ބުނެއެވެ.

މެންބަރު ޖީހާން ވިދާޅުވީ މަޖިލިސް ބަންދު ނަމަވެސް ލިޔެކިޔުންތައް ބަދަލުކުރެވެމުންދާނެ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި 3 ކަމަކަށް ކޮމިޓީން ބަލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ އަށް ކަމާ ބެހޭ ފަރާތްތަކުން ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީ ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އަދި އެހީތެރިކަން ފޯރުކޮށްދީފައިވޭތޯ ބަލާނެ ކަމަށެވެ.

މީގެ އިތުރުން ދެވަނަ ކަމަކަށް މި މައްސަލައިގައި ކުށްކޮށްފައިވަނީ ކުޑަކުދިން ކަމުން، އެކަމުގައި ދައުލަތުން ގެންގުޅޭ އުސޫލާއި، އަމަލުކުރާނެ ގޮތްތައް ދެނެގަންނާ ކަމަށެވެ. އަދި މިއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށްވުމާއެކު، މިކަމުގައި ޒިންމާވާންޖެހޭ އެހެނިހެން ފަރާތްތައް، ބެލެނިވެރިން ހިމެނޭގޮތަށް ޒިންމާދާކުރުކުރުމަށް ކުރާ ކަންތައްތަކާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ ގޮތަށް މިކަމުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް އޮޅުން ފިލުވާނެ ކަމަށެވެ.

3 ވަނަ ކަމަކަށް އެކަން ތަކުރާރުވިޔަ ނުދިނުމަށް ދައުލަތުން ކުރާ މަސައްކަތްތައް އޮޅުން ފިލުވާ، ތަންފީޒުކުރަން ކުރަމުންދާ މަސައްކަތް ދެނެގަންނާނެކަމަށް ޖީހާން ވިދާޅުވިއެވެ.

Advertisement

ކުޑަކުއްޖަކަށް މިސްކިތެއްގެ ފާހާނައިގައި އެހެން ދެ ކުއްޖަކު ވެގެން އަނިޔާކޮށް ބިރު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯގައި "ވޯންޓެޑްއޭ ކިޔާފައި ވާހަކަ ނުދައްކާ" ފަދަ އިބާރާތުން އިންޒާރުދީ އެ ކުއްޖާގެ ގައިގައި ޖަހާ ތަޅާ އަނިޔާކުރާތަން ފެނެއެވެ. އަދި ކަކޫމައްޗަށް ތިރިވެ މައާފަށް އެދެން ބުނެ އިންޒާރުދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ވަނީ ފަށާފައެވެ.

ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިންނެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ފުލުހުން އެދިފައި ވެއެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް