ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 17:12
ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން
ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން
ރާއްޖެ އެމްވީ
ޕީޕީއެމް-ޕީއެންސީ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
 
ރަމަޟާން މަހުގެ ފަހު 10 ގެ ތެރެއިން ދުވަހެއްގައި ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަންގައި އޮތީ، ހައްތަހާ ވެސް "ބެވުމެވެ!"

އާންމު ގޮތެއްގައި ޕެނަލް ޑިސްކަޝަންތައް ބާއްވައި އުޅެނީ ކޮންމެ ވެސް މައްސަލައަކަށް ވާހަކަ ދައްކައި، ނުވަތަ ކޮންމެ ވެސް މަޢުޟޫއެއްގައި ވާހަކަ ދެއްކުމަށެވެ. އެގޮތުން، ޤައުމީ ބޮޑެތި މައްސަލަތަކާއި، އިޖުތިމާއީ މައްސަލަތަކުގެ އިތުރުން، އެހެނިހެން މައްސަލަތަކަށް ވެސް ވާހަކަ ދައްކަ އެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކަށްވެފައި އޮންނަނީ އެކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވާރަކޮށް، ޙައްލެއް ހޯދުމެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ އާދިއްތަ ދުވަހު ޕެނަލް ޑިސްކަޝަނެއް ބާއްވައިފަ އެވެ. އެހެން ޕެނަލް ޑިސްކަޝަންތަކޭ އެއް ފަދައިން މޮޑަރޭޓަރެއް ވެސް އިންނަވައިގެން ކުރިއަށް ގެންދިޔަ އެ ޕެނަލް ޑިސްކަޝަންގައި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. ސަރުކާރުގެ އިސް ވަޒީރުގެ އިތުރުން، ބައެއް ކެބިނެޓު ވަޒީރުންނާއި، ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން އަދި ޕީއެންސީގެ ބައެއް އިސްވެރިން ވެސް ތިއްބެވި އެވެ.

މި ބޭފުޅުން ތިއްބަވައިގެން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން މިއީ މިހާތަނަށް އަޅުގަނޑަށް ފެނުނު އެންމެ ތަފާތު ޕެނަލް ޑިސްކަޝަން އެވެ. އުންމީދު ކުރެވުނީ ޤައުމީ މައްސަލަތަކަކަށް ވާހަކަ ދައްކަވާނެ ކަމަށެވެ. ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކުރާނެ މަސައްކަތްތަކުގެ ވާހަކަ ދައްކަވާނެ ކަމަށް ވެސް ހީކުރެވުނެވެ.

އެހެން ނަމަވެސް، މި ދަންނަވާ ތަފާތު ޕެނަލް ޑިސްކަޝަން އަމާޒު ކުރެއްވި އެންމެ ދިމާލަކަށެވެ. އެ ބޭފުޅުން މިއޮތް ހުރިހާ ދުވަހަކު ޘަނާ ކިޔުއްވައި، ތަޢުރީފު ކުރެއްވި ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާ ދިމާލަށް ބަސް ބަސް އުކުން ފިޔަވައި އެހެން ކަމެއް ފާހަގައެއް ނުވި އެވެ. ނުވިތާކަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އާއި ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީނަށް ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އެ ޕެނަލްގައި އިންނެވި ސަރުކާރުގެ އިސް ވަޒީރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަދި ދަރިކަލުން ޒޭން، އެންމެ މުޒާހަރާ އަކަަށް ވެސް ވަޑައިނުގެންނެވީ ކީއްވެތޯ ސުވާލު ކުރައްވަން ބޭނުންވާ ކަމަށެވެ. އެއަށްފަހު ވިދާޅުވީ، އެއީ ސުވާލު އުފައްދަވަން ޖެހޭ ކަންތައްތައް ކަަމަށެވެ. އަދި ރައީސް ޔާމީނަށް، އިޚުލާސްތެރިން އޮޅިވަޑައިގެން އުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޢަބްދުއް ރަޙީމް ވިދާޅުވީ، 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުން ބަލިވެ ވަޑައިގެންނެވުމުން، ދެއްވި ތަޤުރީރުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް މީހުން ދަސް ނުވާ ވާހަކަ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ އިޚުލާސްތެރިން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ޕެނަލްގައި ތިއްބެވި ބޭފުޅުންނާއި، ޕީއެންސީގައި ތިއްބެވި ބޭފުޅުންނަކީ ރައީސް ޔާމީނާ އިޚުލާސްތެރިން ކަމަށެވެ.

މީގެ ކުރިން އެތައް ފަހަރަކު ރައީސް ޔާމީނަށް ތަޢުރީފު ކުރައްވާ ވާހަކަ ދައްކަވާފައިވާ ޢަބްދުއް ރަޙީމް ވިދާޅުވީ، އެ ފަރާތްތަކުގެ އަގު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އިޚުލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތް ބަލައި ނުގަންނަ ކަމަށާއި، މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ވެސް ވަރަށް އިހާނެތިކޮށް ކަންތައް ކުރައްވާފައިވާ ކަމަށެވެ.

މިއީ ހައްތަހާ ވެސް ޕީއެންސީގެ ޕެނަލް ޑިސްކަޝަނުން އަޑު އިވުނު ވާހަކަ ތަކެވެ. ރަމަޟާން މަހުގެ ފަހު 10 ގެ ތެރެއިން ދުވަހެއްގައި ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަންގައި އޮތީ، ހައްތަހާ ވެސް "ބެވުމެވެ!" ފާޑު ވިދާޅުވުމެވެ. މިއީ އާންމު ގޮތެއްގައި ނުފެންނަ ކަހަލަ، ވަރަށް ވެސް ތަފާތު ޕެނަލް ޑިސްކަޝަން އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް