ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 16:22
ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ޝަހީބު، ނޫސްވެރިންތަކަކާއެކު
ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ޝަހީބު، ނޫސްވެރިންތަކަކާއެކު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ޝަހީބެވެ. ހަޔާތްވެސް ކުޑަވާންވާނީ ވަކިވަރަކަށެވެ. އަންހެނަކާ ދިމާއަށް އެހެން ބުނަން ލަދެއްވެސް ނުގަނޭހެއްޔެވެ؟
 
ޝަހީބު އެ މަގާމަށް އައްޔަންކުރުމަކީ މި ސަރުކާރުން ނޫސްވެރިންނަށް ކުރި މަލާމާތެއް
 
ތަކުރާރުކޮށް އަންހެން ނޫސްވެރިންނަށް މެސެޖްކޮށް، ޖަވާބު ނުލިބުމުން އުނދަގޫވެސްކުރޭ
 
"މީހަކާ ބެހެންޏާ ތި ކުއްޖާއާ ބެހިފަ ހުންނާނީ" މިހެން ޝަހީބު ވިދާޅުވި

ހ. ރީތިގަސްދޮށުގޭ މުހައްމަދު ޝަހީބުއޭ ބުނުމަކުން އަދި އާންމުންނަކަށް ނޭނގިދާނެއެވެ. ނަމަވެސް އެއީ ކާކުކަން ނޫސްވެރިން ވަރަށް ރަނގަޅަށް ދަންނާނެއެވެ. ބްރޯޑްކޮށް ޝަހީބޭ ބުނުމުން ގިނަ ބަޔަކަށް އެނގޭނެއެވެ. އެހާހިސާބުން ޝަހީބަކީ ކާކުކަން އާންމުންނަށް ސިފަވާނީވެސް ކިލަނބު ގޮތަކަށެވެ. ކަން އޮތީވެސް އެހެންވިއްޔާއެވެ.

މި ސަރުކާރުން ނޫސްވެރިންނާއި ނޫސް ހިންގާ އިދާރާތަކަށް ރަނގަޅު ގޮތް ހޯދައިދޭނެކަމަށް ބުނެ ދެއްކި ވާހަކައަކީ ވެސް މިއަދު ފާޑެއްގެ ޖޯކެކެވެ. ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ނޫސްތައް ކުޑަކަކޫ މައްޗަށް ތިރިކޮށް، މިލިއަނުން ޖޫރިމަނާކުރަމުންދިޔަ ސަރުކާރެއް އަލުން އިއާދަވެ، ނޫސްވެރިކަމަށް ހެޔޮ ގޮތެއް ހޯދައިދޭނަމޭ ބުނުމުން އެކަން ބަޔަކު ގަބޫލުވެސް ކުރިއެވެ. އޭގެ ބަދަލުގައި ފެނިގެން މިދިޔައީ ނޫސްތައް ޖޫރިމަނާކުރުމަކީ މޮޅުކަމެއް ކަމަށް ދެކެވަޑައިގެން އެކަން ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އުޅުއްވި ބޭފުޅަކު ނޫސްވެރިންނާ އެންމެ ގާތުން މައުލޫމާތު ދިނުމަށް ހަމަޖެއްސި ތަނެވެ. އާދެ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަގާމަށް މުހައްމަދު ޝަހީބު އައްޔަންކުރެވުނު ވާހަކައެވެ. ނޫސްވެރިންނަށް ކުރި ފުރައްސާރައެކެވެ.

ފުރައްސާރައިގެ ވާހަކައިން ދެން މި ހަނދާންވީ އެހެން ވާހަކައެކެވެ. ޝަހީބާ ގުޅުންހުރި ވާހަކައެކެވެ. ޝަހީބަށް ކުރެވޭ ހަޑިމުޑުދާރު ތުހުމަތެއްގެ ވާހަކައެވެ. ކޮންމެއަކަށް ވަރަށް ކިލަނބު މާޒީއެއް އޮތް، އަދި ނޫސްވެރިންނާ އެހާ ބީރައްޓެހި، ޒާތީ ބޭފުޅަކު މިފަދަ މަގާމަކަށް އައުމުން ސުވާލުވެސް ކުރާނެއެވެ.

ޝަހީބުގެ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ސުވާލުކުރި ދުވަހު އެކަމުން ބޯ ދަމައިގަންނަންވެސް ނިކަން މަސައްކަތް ކުރިއެވެ. މުޅި ސޯޝަލް މީޑިއާގައި ޝަހީބު ޓެގްކޮށް އާންމުން ކުރި ސުވާލުތައް ނުފެންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ހަގީގަތެއްވެސް ނޫނެވެ. މަގާމު ދިން ހިސާބުން އާންމުން ކުރި ސުވާލުތަކާ ގުޅިގެން ޝަހީބު އެ ވާހަކަ ގާތް މީހުން ކައިރީގައިވެސް ދެއްކިއެވެ. އަދި އެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެމުންދާތީ ހުރީވެސް ކުޑަކޮށް ޖެހިލުންވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު އަންނާނެކަން އެނގޭތީ ޝަހީބު ހުރީ ނިކަން ތައްޔާރު ވެގެންނެވެ.

އެ ސުވާލުވެސް ކުރެވުނެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބުގެ އެފަދަ ވާހަކަތަކެއް ދައްކާކަމެއް ނޭނގޭ ކަމަށް ބުނެ އެކަމަށް ފަސްއަޅައި ފޮރުވަން ކުރި މަސައްކަތުން އަނެއްކާވެސް ތި ހެދީ ބޮޑު ގޯހެކެވެ. އެފަދަ މައްސަލައެއް އޮތްކަން އެނގެއެވެ. އަދި އެއީ އަލަކަށް ދެކެވުނު ވާހަކައެއްވެސް ނޫނެވެ. ބޮލުން ކަޓުވާލަން ދިން ޖަވާބަށްވުރެ، ޑިޕްލޮމެޓިކްކޮށް އެ ވާހަކަ ދެއްކެންވެސް އޮތެވެ. ނަމަވެސް މުޑުދާރު އަމަލެއް ފޮރުވަން ވަކި ދެއްކޭނީވެސް ކޮން ވާހަކައެއް ހެއްޔެވެ. ކޮންމެއަކަސް ތުރުތުރު އަޅާފައި އެކަމަށް ދެއްވި ޖަވާބާއެކު ދެން އަނެއްކާވެސް ތިޔަ ކުރީ ހާދަ ހުތުރު ކަމެކެވެ.

ޝަހީބެވެ. ޖިންސީ ފުރައްސާރައިގެ ވާހަކައަށްފަހު އަނެއްކާވެސް އަންހެން ނޫސްވެރިއަކަށް ފުރައްސާރަ ކުރުމުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަންހެން ނޫސްވެރިއެއް ކައިރި ޝަހީބު ބުނީ މިފަދައިންނެވެ. "މީހަކާ ބެހެންޏާ ތި ކުއްޖާއާ ބެހިފަ ހުންނާނީ" މިހެންނެވެ. ފަކުރެވެ. ވަރަށްވެސް ފަކުރެވެ. ހަމަ އޯކާ ދެމިފައި ހޮޑުލެވޭހާ ފަކުރެވެ. ހަޑި މުޑުދާރު ވާހަކައެކެވެ. ޝަހީބަކަސް ކަތީބަކަސް ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް މިއީ ހަމަ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ހަމަ ޖިންސީ ފުރައްސާރައެވެ. މިއީ އަންހެން ނޫސްވެރިންނާއެކު ގާތުން މަސައްކަތްކުރަން ހުރި ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހެއްގެ އަނގައިން ނުކުންނަންޖެހޭ ވަރުގެ ބަހެއް ނޫނެނެވެ. ހުތުރު އަމަލެކެވެ. ނިޔަތް އޮތްގޮތް ސާފުވެގެންދިޔަ ކަމެކެވެ.

މި އެކަންޏެއް ނޫނެވެ. ޝަހީބު އަންހެން ނޫސްވެރިންނަށް ގުޑްމޯނިންގ މެސެޖް ފޮނުވުމާއި، އޭގެ ޖަވާބެއް ނައިސްގެން، ޖަވާބު ނުދެނީ ކީއްވެގެންތޯ އެހުމާއި، މިއީވެސް ޝަހީބު ކުރަމުން އަންނަ ކަންކަމެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ޝަހީބު އަންހެން ނޫސްވެރިއަކަށް ތަކުރާރުކޮށް ކޮށްފައި ހުރި މެސެޖްތައް - ރާއްޖެއެމްވީ

ޝަހީބުފަދަ ޖިންސީ ފުރައްސާރައިގެ ލައްގަނޑެއް ޖެހިފައިހުރި މީހަކު އެފަދަ މަގާމަށް ގެނައުމުން، ދެން އެ މަގާމުގެ ބާރުވެރިކަމުގައި ކުރާނެ ކަންކަމުގެ ކުޑަ މިސާލެއް އެ ދުވަހު ފެނިއްޖެއެވެ. މިއީ އަންހެން ނޫސްވެރިއަކަށް ރަސްމީ ހައިސިއްޔަތުން، ރަސްމީ މަސައްކަތެއްގައި، ރަސްމީ އޮފީހެއްގައި ހުރެ އަނެއްކާވެސް ދެއްކި ވާހަކައެވެ. ޝަހީބަކީ ނޫސްވެރިކަމުގައި ދުވަސްވީ މީހެކެވެ. ނަމަވެސް ނޫސްވެރިކަމުގެ ދުވަސްވުމުގެ މާނައަކީ ޝަހީބަށް އޭގެ ނާޖާއިޒް ފައިދާ ނެގުމެއް ނޫނެވެ. ވަކިން ޚާއްސަކޮށް އަންހެނަކަށް ފުރައްސާރަ ކުރުމެއްވެސް ނޫނެނެވެ.

ޝަހީބުަ ފަދަ ކަޅު ލައްގަނޑެއް ޖެހިފައި ހުރި މީހަކު، އަދުގެ ސަރުކާރުގެ އިސް ތަރުޖަމާނަކަށް ހުރުމަކީވެސް ނޫސްވެރިންނަށް އޮތް ލަދެކެވެ. ނޫސްވެރިންނަށް ކުރި މަލާމާތެވެ. ވަކި ޚާއްސަކޮށް އަންހެން ނޫސްވެރިންގެ މޫނުމަތީގައި އަޅާލި އެތިފަހަރެކެވެ. މީގެ އެންމެ ރަނގަޅު ގޮތަކީ އެ ދެއްކި ވާހަކައަށް މާފަށް އެދި މަގާމުން ދުރުވުމެވެ.

ކޮމެންޓް
ގުޅުންހުރި
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި އާއްމުކޮށްފި
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި އިނާމު އަރުވާފައިނުވާ ފަރާތްތަކުގެ ރެކޯޑު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވަނީ
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެނީ
ސިޔާސީ މަޤާމުތަކަށް މިފަހުން އައްޔަންކުރި ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުން: ސަރުކާރުން ބުނަނީ ވެބްސައިޓުގެ ޓެކްނިކަލް މައްސަލައެއްކަމަށް