އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ޓޫރިޒަމް ފުނޑާލަން، ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކޮށް ޕީއެންސީން ހޯމަ ދުވަހުގެ ރޭ ބޭއްވި، ޖަލްސާގައި ވާހަކަދެއްކެވި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދު ސަސްޕެންޑް ކޮށްފައިވަނީ ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން އެފަދަ ވާހަކަތަކެއް ދެއްކެވި މައްސަލައާއި ގުޅިގެންނެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހ. ވެޔޮވިލާ ގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ ކުރީގެ މެންބަރު ނިހާދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ތުހުމަތުކުރެއްވި އެވެ.
ނިހާދުގެ މި ތުހުމަތުތަކަށް އިންކާރުކޮށް އެ މައްސަލަ ބެލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެ ޕާޓީން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކި ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.