ކ. މާލެ
|
24 ޑިސެންބަރ 2024 | އަންގާރަ 12:41
ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި އިންޑިއާގެ ލޭބަރުން
ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި އިންޑިއާގެ ލޭބަރުން
މިހާރު
އިންޑިއާ ލޭބަރުންތަކެއް ހާލުގައި ޖެހުން
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
40 ލޭބަރުންނަށް މުސާރަ ނުދީ ހާލުގައި ޖައްސާފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފަ
އިންޑިއާ ލޭބަރުން ރާއްޖެ ގެނައީ އިމާރާތެއް އެޅުމުގެ މަސައްކަތަށް މިދިޔަ ޖޫން/ޖުލައި މަހުގައި ކަމަށް އެ ލޭބަރުން ބުނެފައިވޭ
ރާއްޖެއިން ވަޒީފާ ހަމަޖައްސައި ދިނުމަށް ކޮންމެ ލޭބަރަކު 40،000 އިންޑިއަން ރުޕީސް އެޖެންޓަށް ދައްކާފައިވާ ކަމަށް ބުނޭ

އިންޑިއާގެ 40 ލޭބަރުން މަސައްކަތް ކުރަން ރާއްޖެ ގެނެސް، މުސާރަ ނުދީ ހާލުގައި ޖައްސާފަައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ހޯމަ ދުވަހު އެ މީހުން ވަނީ ރާއްޖޭގައި މިވަގުތު އެމީހުން ދިރިއުޅެމުންދަނީ ދަތި ހާލުގައި ކަމަށް ބުނެ، އަނބުރާ ގައުމަށް ގެންގޮސްދިނުމަށް އެދި އާދޭސްކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

އެ ވީޑިއޯގައި ބުނެފައިވާ ގޮތުން އެމީހުން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ އެޖެންޓެއް މެދުވެރި ކޮށެވެ. އަދި ރާއްޖެ އައިސްފައިވަނީ ރަނގަޅު ކުންފުންޏަކުން، ރަނގަޅު މުސާރައަކާއި ހުރުމާއި ކެއުން ހަމަޖެހޭނެ ކަމަށް އެޖެންޓް ދިން ޔަގީންކަމަށް އިތުބާރު ކޮށްފައި ކަމަށް ވީޑިއޯގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ވެސް މިކަން ރިޕޯޓްކޮށްފައި ވާއިރު، އެގައުމުގެ ބައެއް ނޫސްތަކުން ބުނީ އެ ގައުމުގެ ސާޅީހަކަށް ލޭބަރުން ރާއްޖޭގައި ހާލުގައި ޖެހިގެން އެ މީހުން ސަލާމަތްކޮށްދިނުމަށް އިންޑިއާގެ ސަރުކާރުގައި އެދި ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ވަޒީފާ ހަމަޖައްސައި ދިނުމަށް ކޮންމެ މަސައްކަތްތެރިއަކު 40،000 އިންޑިއަން ރުޕީސް އެޖެންޓަށް ދައްކާފައިވާ ކަމަށާއި އަދި މުސާރާއިގެ ގޮތުން މަހަކު 25،000 އާއި 30،000 އިންޑިއަން ރުޕީސް މުސާރައިގެ ގޮތުގައި ދޭނެ ކަމުގެ ޔަގީންކަން ވެސް އެޖެންޓް ދިން ކަމަށް އެމީޙުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ އެކި ހިސާބުތަކަށް ނިސަބަތްވާ ލޭބަރުންތަކެއް ހާލުގައި ޖައްސާފައިވާއިރު، އެއީ އިމާރާތެއް އެޅުމުގެ މަސައްކަތަށް މިދިޔަ ޖޫން/ޖުލައި މަހު ރާއްޖެ ގެނައި ބައެއް ކަމަށް އާންމު ވި ވީޑިއޯގައި ވަނީ ބުނެފައެވެ. އެ މީހުން ރާއްޖެ އައި ފަހުން މުސާރަ ދީފައި ވަނީ އެންމެ މަހަކު ކަމަށާއި މުސާރަ ނުދޭ މައްސަލާގައި ކުންފުންޏާ ދެކޮޅަށް އިހުތިޖާޖު ކުރުމުން، އެ މީހުންނަށް ހަމަޖައްސާފައިވާ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާ ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާއިން ވެސް ވަނީ ޓައިމްސް އޮފް އިންޑިއާ އަށް މި ޚަބަރު ކަށަވަރުކޮށްދީފަ އަދި އެ މީހުންގެ އާއިލާތަކުން މި މައްސަލަ އިންޑިއާގެ ސަރުކާރަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް، މި މީހުން ތިބީ ރާއްޖޭގެ ކޮން ތަނެއްގައި ކަމާއި އެ މީހުން ރާއްޖެ ގެނައީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފުނުވާއިރު، މިހާތަނަށް ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ވެސް މިކަމުގައި އަދި ލިބިފައި ނުވެއެވެ.

އިންޑިއާ ސަރުކާރުން ދަނީ ހާލުގައި ޖެހުނު އެ ލޭބަރުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް، އިންޑިއާ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ ވަޒީފާގެ ހުށަހެޅުންތަކަށް ނުހެއްލުމަށް އިލްތިމާސް ކޮށްފަ އެވެ.

- ކޮމެންޓް