ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 11:22
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ އާއި، އޭނާގެ އެންމެބޮޑު އެހީތެރިޔާ އެމެރިކާގެ ރައީސް ޖޯ ބައިޑެން
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ އާއި، އޭނާގެ އެންމެބޮޑު އެހީތެރިޔާ އެމެރިކާގެ ރައީސް ޖޯ ބައިޑެން
އޭއޭޕީ
ޣައްޒާއަށް އެހީވެއްދުމަށް ދެ މަގެއް ހުޅުވާލުން
އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ވަގުތީގޮތުން ދެ މަގެއް ހުޅުވާލަނީ
 
އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެރޭޒް ކްރޮސިން އާއި އަޝްދޯދު ބަނދަރު ހުޅުވަން ވަނީ ނިންމާފައި

އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ވަގުތީގޮތުން ދެ މަގެއް ހުޅުވާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އިސްރާއީލުން ބުނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޣައްޒާގެ އުތުރުގެ ސަރަހައްދަށް ދަތުރުކުރާ މުހިންމު ބޯޑަރު އަލުން ހުޅުވުން ހިމެނޭ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ދޭ އެއްބާރުލުން ބިނާވެފައިވަނީ އާންމުންނާއި އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އިސްރާއީލުން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށް ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ ޣައްޒާއަށް މީހުން ވަނުމާއި ބޭރަށް ދިއުމަށް ހަމަޖެހިފައިވާ ހަމައެކަނި ޕެސެންޖަރު ޓާމިނަލްގެ ގޮތުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުން އައި އެރޭޒް ކްރޮސިން ވަގުތީ ގޮތުން ހުޅުވާނެ ކަމަށެވެ. އަދި އިސްރާއީލުން އެގައުމުގެ އަޝްދޯދު ބަނދަރު ބޭނުންކޮށްގެން ޣައްޒާއަށް ދަތުރުކުރާ އެހީގެ ޝިޕްމަންޓްތައް ޕްރޮސެސްކުރުމުގެ ހުއްދަ ދޭނެ ކަމަށާއި އެހެން ލޭންޑް ކްރޮސިންއެއް މެދުވެރިކޮށް އުރުދުންގެ އެހީގެ ޝިޕްމަންޓްތައް އިތުރުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެ އިއުލާނުގައި އެހީގެ ސާމާނު އެތެރެއަށް ވަންނާނެ މިންވަރާއި ބާވަތްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވަނީ ނަތަންޔާހޫގެ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެ، އެ ޕްލޭން "މިހާރުން މިހާރަށް ހަލުވިކަމާއެކު ތަންފީޒު ކުރަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ.

އެހީ ފޯރުކޮށްދިނުމަށް އާ ދެ މަގެއް ހުޅުވާލަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބައިޑަން ނަތަންޔާހޫއަށް ވަރުގަދަ އިންޒާރެއް ދެއްވާފައި ވަނިކޮށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ހަތް މީހަކު މަރުވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ބައިޑަން އާއި ނަތަންޔާހޫ ގާތްގަނޑަކަށް 30 މިނެޓު ވަންދެން ފޯނުން ގުޅުއްވާ ވާހަކަ ދައްކަވާފައިވާއިރު، އަހަމަލާއާއި ގުޅިގެން ދެ ލީޑަރުންގެ ގުޅުން ވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ.

ބައިޑަންގެ މި މެސެޖަކީ އިސްރާއީލުގެ ހަނގުރާމައިގެ މަސައްކަތްތަކަށް އޭނާގެ ސަރުކާރުން ކުރަމުންދާ ތާއީދަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ މެސެޖަކަށްވާއިރު، އިސްރާއީލުން ގެންގުޅޭ ޓެކްޓިކްސް ބަދަލުކޮށް ޣައްޒާއަށް އިތުރު އިންސާނީ އެހީގެ ފުރުސަތު ނުދީފިނަމަ އޭނާގެ ތާއީދާ މެދު އަލުން ވިސްނާނެ ކަމުގެ އިންޒާރު ބައިޑެން ފުރަތަމަ ފަހަރަށް ދެއްވިއެވެ.

އެމެރިކާއިން އިސްރާއީލާއި މެދު ބަދަލުގެންނާނީ ކޮންކޮން ސިޔާސަތުތަކެއްކަން ވައިޓް ހައުސްއިން ހާމަކޮށްފައި ނުވި ނަމަވެސް އޭގެ ތެރޭގައި އިސްރާއީލަށް އަސްކަރީ ސާމާނު ވިއްކުމަށް ބަދަލު ގެނައުމާއި ދުނިޔޭގެ މައިދާނުގައި އިސްރާއީލަށް ދެމުންދާ އެމެރިކާގެ ޑިޕްލޮމެޓިކް ބެކަޕަށް ބަދަލު ގެނައުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް