އައްޑޫ ސިޓީއަށް ތަރައްގީ ގެނެސްފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި އެކަނި ކަމަށާއި، ވޭތުވެދިޔަ 50 އަހަރު ތެރޭގައި ވެސް އެކަން ފެނިގެން ގޮސްފައިވަނީ އެގޮތަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަފު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ވެސް އައްޑޫ ސިޓީއަށް ތަރައްގީގެ މަސައްކަތެއް ކުރެވިފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި އެކަނި ކަމަށާއި ވަކިން ހާއްސަކޮށް ވޭތުވެދިޔަ 5 އަހަރު އެކަން ފާހަގަކުރެވިގެންދާނެ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ބައެއް ބޭފުޅުންނަކީ ހަނދާން ނެތޭ ބައެއް ކަމަށާއި، ކުރެވިފައި ހުންނަ ކަންކަން ވެސް ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއް ކަމަށެވެ. އެހެންނަމަވެސް އަލުން އެކަމަށް ވިސްނުން ހިންގާލުމުން އައްޑޫ ސިޓީގެ މަގުތައް ހެދުމާއި، އެއަރޕޯޓް ތަރައްގީކުރުމާއި، ރިސޯޓް ހެދުމަށް ބިން ހިއްކުމާއި، ރަށަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރުތައް ހެދުމާއި، މިފްކޯގެ ކޯލްޑް ސްޓޯރޭޖް ބޮޑު ކުރުމަށް ފަށާފައި ހުރި މަސައްކަތް ފެނުމުން ބަދަލުތަކެއް ގެންނަން މަސައްކަތް ކޮށްފައި ހުރިކަން ފެނިގެންދާނެ ކަމަށެވެ.
އަޅުގަނޑު އެދެނީ މި ސަރުކާރުގައި ވެސް، ލަސް ނުކުރައްވާ، ލަސްނުކުރައްވާ މި ކަންތައް ތަންފީޒުކުރައްވާށޭ. އެއީ ފައިސާ ހޯދާފައިވާ ޕްރޮޖެކްޓްތަކެއް. ޕްލޭންކުރެވިފައި ހުރި ޕްރޮޖެކްޓްތައް. ދިރާސާތައް ކުރެވިފައި ހުރި ޕްރޮޖެކްޓްތައް. އެކަންތައްތައް ނިމުމުން ހަމަގައިމުވެސް އަޅުގަނޑުމެންނަށް އައްޑޫ ސިޓީގައި ހަމަޖެހިގެން އައްޑޫ ރައްޔިތުންނަށް އުޅެވޭނެ. އެންމެ މުހިންމު ކަމަކީ ވަޒީފާ. ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ޓުއަރިޒަމް އިންޑަސްޓްރީ ކުރިއެރުވުން. އެއީ އަޅުގަނޑުމެން އައްޑޫ ސިޓިއަށް ގެންނަން ބޭނުންވި ބަދަލަކީ.ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައިސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ކުރިއެކޭ އެއްގޮތަށް އައްޑޫ ސިޓީގެ ތާއީދާއެކުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށެވެ.
ރައީސް ސާލިހުގެ ވާހަކަފުޅުގައި އައްޑޫ ސިޓީއަށް ވޭތުވެދިޔަ އެމަނިކުފާނުގެ 5 އަހަރު ތެރޭގައި ވެރިކަމުގެ ތެރޭގައި ކޮށްދެއްވާފައިވާ ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ.
މަގުހެދުމަށް 77 މިލިއަން ޑޮލަރު ހަރަދުކުރިން. އެއަރޕޯޓް ތަރައްގީކުރުމަށް 26 މިލިއަން ޑޮލަރު އެގްޒިމް ބޭންކުގެ ފައިނޭންސާއެކީގައި އޮތީ ހަމަޖެހިފައި. ރިސޯޓް ޑިވަލަޕްކުރުމަށް 85 މިލިއަން ޑޮލަރު ހަރަދުކުރެވުނު. މިފްކޯ ކޯލްޑް ސްޓޯރޭޖް އަޕްގްރޭޑް ކުރުމަށް 68 މިލިއަން ރުފިޔާ ވާނީ ބަޖެޓް ކުރެވިފައި. އަދި މީގެ އިތުރުން އެތައް އެތައް މަޝްރޫއެއް ވާނީ ފަށާފައި. އެހެންނަމަވެސް މިއަދު ރާއްޖޭގެ ކަންކޮޅުތަކުން ފެންނަނީ މިހެން ހުރި ހުރިހާ މަޝްރޫއެއް ހުއްޓުމަކަށް ވަނީ ގެނެސްފައި.ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައީސް ސާލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ނަމަވެސް، މިއަދު ގިނަ ރައްޔިތުންނަށް އެނގިގެންދަނީ އެމަނިކުފާނު ހެއްދެވީ ބޮޑެތި ދޮގުކަމަށާއި، މިކަމާ ދޭތެރޭގައި ޝައްކު ކުރާ ރައްޔިތަކު ނެތް ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ދޮގު މައްޗަށް ދޮގު ހަދަމުންދާ ކަމަށާއި، ރައްޔިތުން މިއަދު އެކަންކަމާއި ސުވާލު އުފައްދަންޖެހޭ ކަމަށާއި ބަޖެޓަށް ވަންނަ ފައިސާއާއި ޑަޒަނުން ވަޒީފާދޭއިރު، އެކަންކަން މި ސަރުކާރުން ހާމަނުކުރާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.