ޣައްޒާގައި ކުޑަކުދިންގެ އިންސާނީ ހާލަތު ގޯސްވަމުންދާތީ ފިޔަވަޅު އެޅުމަށް އީޔޫގެ ބެލްޖިއަމް ޕްރެޒިޑެންސީ އާއި ޔޫރަޕިއަން ކޮމިޝަނުން ބުދަ ދުވަހު ގޮވާލައިފިއެވެ.
ބެލްޖިއަމްގެ ރައީސާއި އީޔޫ ކޮމިޝަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަހީދުވި ފަލަސްތީނުގެ 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 11،682 އަށްވުރެ ގިނަ ކުޑަކުދިން ޒަޚަމްވެ އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށެވެ.
މި ހާލަތުގެ ސަބަބުން ވަރަށް ގިނަ ކުދިން ނަފްސާނީ ގޮތުން ހާލުގައި ޖެހިފައިވާ ކަމަށާއި، ޔުނިސެފުން އަންދާޒާކުރާ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވާކަމަށް އެ ބަޔާނުގައި ވެއެވެ.
ހުރިހާ ހަނގުރާމައެއްގައި ވެސް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުޑަކުދިންނަށް ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުތިރާމް ކުރަން ޖެހޭ ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ ހުރިހާ ކުދިންވެސް ޝަރުތެއް ނެތި ދޫކޮށްލަން ޖެހޭ ކަމަށެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި ހަމާސް ޖަމާއަތުން، ހާއްސަކޮށް ކުޑަކުދިން ހިފަހައްޓައިގެން ތިބި އެންމެން ވަގުތުން އަދި ޝަރުތެއް ނެތި މިނިވަންކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޫބަރު މަހު ދިން ހަމަލާއެއްގައި އިސްރާއީލުގެ ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައެވެ.
އިސްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 31،800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ގެއްލި، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްފަރުވާއަށް ޖެހިފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.
ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ދައުވާ ކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ތެލްއަވީވްގެ އަސްކަރިއްޔާއިން ގަތުލުއާންމުގެ އަމަލުތައް ނުކުރުމަށާއި ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އިސްރާއީލުން މިކަމަށް އިޖާބަ ދީފައެއް ނުވެއެވެ.