ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 15:11
ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ކޮންމެދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ
ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ކޮންމެދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ
ރޮއިޓާސް
ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާ
‎‏ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ފަލަސްތީނުގެ 92 މީހުން ޝަހީދުކޮށްލައިފި‏
 
‎އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 31،645 އަށް ‎‎އަރާފައި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި އިސްރާއީލުން ހިންގި ނުވަ ގަތުލުއާންމެއްގައި ފަލަސްތީނުގެ 92 މީހަކު ޝަހީދުކޮށްލައި 130 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފިއެވެ.‎

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ‎އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 31،645 އަށް ‎‎އަރާފައިވާއިރު، އިތުރު 73،676 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ‎‎ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ބަރުހަތިޔާރުތަކުން ވަނީ ޚާން ޔުނިސްގެ ދެކުނު އަދި ‎‎އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށާއި، ރަފަހުގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް، ޣައްޒާގެ ދެކުނުގައި ވާ ސަރަހައްދަށްވެސް ‎‎އަމާޒުކޮށްފައެވެ.‎

‎އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދާތާ 163ވަނަ ދުވަހަށް ދާއިރު، އިސްރާއީލުން ޚާން ޔުނިސްގެ ދެކުނުގެ ސަރަޙައްދުތަކަށް ‎‎އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވާއިރު، އެ ސިޓީގެ އިރު އުތުރުގައި ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ ‎‎މަސްދަރުތަކުން ބުނެއެވެ.‎

‎އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވެސް ވަނީ އެ ސަރަހައްދުގެ އެންމެ ދުރުގައި އޮންނަ ރަފަޙް ސިޓީގެ އިރު އުތުރުގައި ވައިގެ ‎‎ހަމަލާތަކެއް ދީފައެވެ.‎

‎ހަމައެއާއެކު އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގެ މަންސޫރާ މަގުގައި ހުންނަ ގެއަކަށާއި ޣައްޒާ ‎‎ސިޓީގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޮން އަޅާފައެވެ.‎

‎އަދި މީގެ އިތުރުންވެސް ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސިޓީގެ މެދުގައި އޮންނަ ބުޝާރާ އަވަށުގެ ތަބެޓް އާއިލާއަށް ނިސްބަތްވާ ގެއަކަށް އަމާޒުކޮށް ‎‎އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެގޭގައި އެވަގުތު ތިބި އެއްއާއިލާއަކަށް ނިސްބަތްވާ 12 މީހުން ޝަހީދުވެ އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ.‎

‎ ޣައްޒާގައި އެހީތެރިވާ މަދަނީ ދިފާއީ ޓީމުތައް އައުމަށް އިސްރާއީލު ސިފައިން ހުރަސް އަޅަމުންދާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމާއި، ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް ޙަރަކާތްތެރިވާ އެމްބިއުލާންސް އާއި ރެސްކިއު ޓީމުތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ރެސްކިއު ޓީމްތަކަށް އެ މީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ތިބީ ކުނިތަކުގެ ދަށުގައި އަދި ‎‎މަގުމަތީގައި ތާށިވެފައި ކަމަށް ޣައްޒާގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް