ކ. މާލެ
|
13 މާރޗް 2024 | ބުދަ 05:34
މެޗަށްފަހު އަލް ނަސްރުގެ ކުޅުންތެރިންނާއެކު ކާސްޓްރޯ
މެޗަށްފަހު އަލް ނަސްރުގެ ކުޅުންތެރިންނާއެކު ކާސްޓްރޯ
ރޮއިޓާސް
އަލް ނަސްރު
އަހަރެންގެ ފަރާތުން ނަތީޖާ އަށް އުންމީދު ކޮށްގެން ނުވާނެ: ކާސްޓްރޯ
ކާސްޓްރޯ ބުނީ، އަލް ނަސްރުގައި އޭނާ ހުރީ ބުރަކޮށް މަސައްކަތް ކުރަން ކަމަށް

އޭނާގެ ފަރާތުން ނަތީޖާ އަށް އުންމީދުކޮށްގެން ނުވާނެ ކަމަށް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް އިރުޝާދު ދެމުން އަންނަ ލުއިސް ކާސްޓްރޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އަލް އައިން އަތުން ބަލިވެ، އަލް ނަސްރު މުބާރާތުން ކެޓުމާއެކު އެވެ. ދެ ވަނަ ލެގުގެ މެޗުގެ ނަތީޖާ އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. އެ ޕެނަލްޓީގައި އަލް ނަސްރަށް ކާމިޔާބު ކުރެވުނީ ވެސް އެންމެ ޕެނަލްޓީ އެކެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ކާސްޓްރޯ ބުނީ، އަލް ނަސްރުގައި އޭނާ ހުރީ ބުރަކޮށް މަސައްކަތް ކުރަން ކަމަށެވެ. އެ ކުލަބުގައި އޭނާ ކުރަމުން އަންނަ މަސައްކަތް އެހެން ފަރާތްތަކަށް ނޭނގޭ ނަމަ، އެ ސުވާލު ކުލަބުގެ ކުޅުންތެރިންނާ ކުރުމަށް ވެސް ކާސްޓްރޯ ވަނީ އެދިފަ އެވެ. ކާސްޓްރޯ ފާހަގަ ކުރި ގޮތުގައި އޭނާ ކުރަމުން އަންނަ މަސައްކަތް އެންމެ ރަނގަޅަށް ފެންނާނީ ވެސް ޓީމުގެ ކުޅުންތެރިންނަށެވެ.

މީގެ އިތުރުން ކާސްޓްރޯ ބުނީ މުބާރާތުން އަލް ނަސްރު ކެޓުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ޚާއްސަކޮށް ކުލަބުގެ ސަޕޯޓަރުންނަށް އުފާވެރިކަމެއް ނުލިބުނީތީ، އެކަމާ ވެސް ދެރަވާ ކަމުގައި ކާސްޓްރޯ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް ކާސްޓްރޯ ބުނީ ނަތީޖާ ނެރޭނީ އޭނާ ނޫން ކަމަށާއި، އޭނާގެ ފަރާތުން ނަތީޖާއެއް ލިބިދާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ ކަމަށެވެ.

ޕޯޗުގަލް އަށް އުފަން އުމުރުން 62 އަހަރުގެ ކާސްޓްރޯ، އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އަލް ނަސްރު ވަނީ މިހާތަނަށް 43 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 32 މެޗުންނެވެ. ހަ މެޗުން ބަލިވެފައިވާއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އޮތީ ދެ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް