ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 15:14
ތުޅާދޫ ދާއިރާގެ މަޖްލިސް މެންބަރު ހިސާން ހުސައިން
ތުޅާދޫ ދާއިރާގެ މަޖްލިސް މެންބަރު ހިސާން ހުސައިން
މަޖިލިސް
މެންބަރު ހިސާންގެ ފާޑުވިދާޅުވުން ސަރުކާރަށް
ގާނޫނީ ނިޒާމުގެ ބޭރުން ދައުލަތް ހިންގުމަށް މަސައްކަތްކުރާކަމަށް ވިދާޅުވެ، ހިސާން ފާޑުވިދާޅުވެއްޖެ
 
ބަޖެޓް ވަރަށް ފުންކޮށް ދިރާސާކުރަންޖެހޭ
 
އަރަނި ބޮޑުކޮށް، ދަރަނި ކުޑަކުރަން ކަނޑައަޅާފައި ހުރި ސިޔާސަތުތަކަކީ ކޮބައިކަމެއް ނޭނގޭ
 
އެލްޖީއޭގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މިނިސްޓްރީއަކަށް ހަވާލުކޮށްފައިވަނީ ކޮން އުސޫލުތަކުންތޯ ސުވާލު އުފެއްދެވި

ގާނޫނީ ނިޒާމުގެ ބޭރުން ދައުލަތް ހިންގުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ، ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ މަފްހޫމާ ކަނޑައެޅިގެން ޚިލާފަށް އެޓޯލްސް މިނިސްޓްރީއެއް ގާއިމްކުރުމަށްފަހު، ލާމަރުކަޒީ ނިޒާމު ކުރިއަށްގެންދާނެ ކަމަށް ސަރުކާރުން ބުނިނަމަވެސް އެކަން ގަބޫލުނުކުރެއްވޭ ކަމަށެވެ. ގާނޫނު އަސާސީއާއި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، ލާމަރުކަޒުކޮށް ދިވެހިރާއްޖެ ހިންގާނެ ގޮތަކާމެދު އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މިނިސްޓްރީއަކަށް ހަވާލުކޮށްފައިވަނީ ކޮން އުސޫލުތަކުންތޯ މެންބަރު ހިސާން ސުވާލު އުފެއްދެވިއެވެ.

އޮފީސް އޮފް ސިވިލް ރައިޓްސް ނަމަކަށް ކިޔާ އޮފީހެއް ބަންޑާރަ ނައިބު އޮފީހުގެ ދަށުގައި ގާއިމްކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު ހިސާން ވިދާޅުވީ، އެ އޮފީހަށް ރައްޔިތުން ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ.

އަޅުގަނޑުގެ ސުވާލަކީ، އާއްމުރައްޔިތުންގެ ހައްގުތައް ގެއްލިގެން ޝަކުވާ ހުށަހަޅާ، އެޝަކުވާތައް ތަހުގީގުކޮށް، އެކަމަށް ފިޔަވަޅުއެޅުމުގެ ބާރު މި އޮފީހަށް ލިބެނީ ކިހިނެއްތޯ؟ މި އޮފީހުގެ ގާނޫނީ ހައިސިއްްޔަތަކީ ކޮބައިތޯ؟ އަދި ގާނޫނީގޮތުން އާއްމު ރައްޔިތުންގެ މައްޗަށް ތަހުގީގު ހިންގާ، ފިޔަވަޅު އެޅުން އެއީ ކިހިނެއް ލިބިގަންނަ ބާރެއްތޯ؟ ގާނޫނީ ނިޒާމުގެ ތެރެއިން ގާނޫނީ އޮނިގަނޑުގެ ތެރެއިން ދައުލަތް ހިންގަން އުޅުން، އެނޫން ގޮތަކަށް އެކަން ކުރަން އުޅުން، މީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. ތަކުރާރުކޮށް ދަންނަވާލަން، އަޅުގަނޑުމެންނަށް މިފެންނަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ ދިމާ އިދިކޮޅަށް ފުށުއަރާގޮތަށް މުޅި ދައުލަތުގެ އިންތިޒާމުތައް ރާވާތަން.
ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސައިން

ނިމިދިޔަ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް މިސަރުކާރުގެ ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވިކަން ފާހަގަކުރައްވައި މެންބަރު ހިސާން ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި، މާލީ ސިޔާސަތުތައް ބަދަލުކުރުމަށް އެއްވެސް ކަމެއް ހުށަހަޅާފައި ނުވާކަމަށެވެ. އަރަނި ބޮޑުކޮށް، ދަރަނި ކުޑަކުރަން ކަނޑައަޅާފައިހުރި ސިޔާސަތުތަކަކީ ކޮބައިކަން ނޭނގޭކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ އުމްރާނީ ބިނާކުރުމާއި، އިންސާނީ ބިނާކުރުން ކަމަށްވާއިރު، ސިކުނޑިތައް ތަރައްގީކުރުމަށް އެއްވެސް ކަމެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށެވެ.

އައު ސަރުކާރުގެ މަދު މި ދުވަސްކޮޅުގެ ތެރޭގައިވެސް ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި، ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގައި ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާކަމަށެވެ. ހިސާން ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަރައްގީގެ މަޝްރޫއުތައް ހުއްޓަވާނުލައްވައި ކުރިއަށްގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، މިހާރުވެސް ބައެއް މިނިސްޓަރުން އެ މަޝްރޫއުތައް ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިން ބޯހިޔާވަހިކަމުގެ ބިމާއި، ކުރީ ސަރުކާރުން ދޫކުރި ފްލެޓުތަކާމެދުވެސް ސުވާލު އުފެދިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، ގިނަ ފުށުއެރުންތަކެއް ހުރުމާއެކު، ބަޖެޓް ވަރަށް ފުންކޮށް ދިރާސާކުރަންޖެހޭ ކަމަށާއި، އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތަކަށް ވާނެ ގޮތްތައްވެސް ބަލަންޖެހޭކަމަށެވެ. އަދި މަޖިލީހުގެ އެންޑޯޒްމަންޓާއެކު ނޫންގޮތަކަށް މި ބަޖެޓް ފާސްވެގެން ނުވާނެކަމަށެވެ. ސަރުކާރުގެ މަސައްކަތްތަކާއި، ކުރިއަށް ގެންދަން ރާވާފައި ހުރި މަޝްރޫއުތައް މިހާރަށްވުރެ ބޮޑަށް ހާމަވާންޖެހޭ ކަމަށާއި، މަސައްކަތްތަކާއި މަޝްރޫއުތަކުގެ ފުށުއެރުންތައް ސާފުވާންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް