ކ. މާލެ
|
4 މާރޗް 2024 | ހޯމަ 13:41
އެމެރިކާގެ ނައިބްރައީސް ކަމަލާ ހެރިސް
އެމެރިކާގެ ނައިބްރައީސް ކަމަލާ ހެރިސް
އަނަދޮލޫ
ޣައްޒާ ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ގޮވާލުން
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ނައިބު ރައީސް ގޮވާލައްވައިފި
 
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30،410 މީހުން މަރުވެ، 71،700 މީހުން ވަނީ ޒަޚަމްވެފައި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ގޮވާލައްވައިފިއެވެ.

ސެލްމާގެ އެޑްމަންޑް ޕެޓަސް ބްރިޖުގައި ބޭއްވި، މަދަނީ ހައްގުތަކުގެ މުޒާހަރާގެ ބައިވެރިންނަށް ދައުލަތުގެ ލޯ އޮފިސަރުން ހަމަލާދިން ދުވަސް ކަމަށްވާ "ބްލަޑީ ސަންޑޭ"އަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި އަލަބާމާގައި އާދީއްތަ ދުވަހު ދެއްކެވި ވާހަކަފުޅުގައި އެމެރިކާގެ ނައިބު ރައީސް ވިދާޅުވީ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް އިން އިސްރާއީލަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތާލަން ޖެހޭ ކަމަށެވެ.

އަދި ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ބޮޑެތި ދަތިތަކަށް ބަލާއިރު، މަދުވެގެން ކުރިއަށް އޮތް ހަ ހަފުތާއަށް ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި އެއީ މަޝްވަރާކޮށް ނިމި މިހާރު މޭޒުމަތީގައި އޮތް ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުން އިސްރާއީލްގެ ރަހީނުންވެސް ސަލާމަތް ކުރެވި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އިސްރާއީލަކީ އަމާން ޤައުމެއްކަން ކަށަވަރުކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ކަރާމާތާއި މިނިވަންކަމާއި އަމިއްލަ ނަފްސު ގެއްލުމުގެ ޙައްޤަށް އިޙްތިރާމްކުރުމުގެ ގޮތުން ދެމެހެއްޓެނިވި ކަމެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކަމަލާ ސިފަކުރެއްވި ގޮތުގައި ޣައްޒާގެ ހާލަތަކީ ވަރަށް ނުރައްކާތެރި ހާލަތެކެވެ.

އާއިލާތަކުން ފަތް ނުވަތަ ޖަނަވާރުގެ ކާނާ ކެއުމާއި، ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތް، އަދި ކުޑަކުދިން ނިއުޓްރިޝަން އާއި ޑީހައިޑްރޭޝަންގެ ސަބަބުން މަރުވާ ކަމުގެ ރިޕޯޓްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ.އަޅުގަނޑު އެތައް ފަހަރަކު ދެންނެވިފަދައިން، ކުށެއް ނެތް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެއްޖެ. އަދި އަޅުގަނޑުމެންނަށް މި ފެންނަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާތަން، މާޔޫސްވެފައިވާ އެތައްބަޔަކު އެހީގެ ޓްރަކްތަކުގެ ކައިރިއަށް ގޮސް ތިބިތަން، އުތުރުގެ ޣައްޒާއަށް ގާތްގަނޑަކަށް އެއްވެސް އެހީއެއް ނުލިބި އެތައްދުވަހަކު އޮތުމަށް ފަހު، އެމީހުންގެ ޢާއިލާތަކަށް ކާބޯތަކެތި ހޯދައިދިނުމަށް މަސައްކަތް ކުރާތަން. އަދި އެމީހުންނާ ކުރިމަތިލާން ޖެހުނީ ބަޑީގެ ހަމަލާތަކާއި ހަލަބޮލިކަން
އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް

ކަމަލާ އިތުރަށް ވިދާޅުވީ އެ ބިރުވެރި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށާއި ޣައްޒާގެ ކުށެއް ނެތް ހުރިހާ ރައްޔިތުންނަށް ޓަކައި ހިތާމަ ކުރައްވާ ކަމަށެވެ. އަދި އިންސާނީ ކާރިސާއެއްގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށެވެ. އެއީ ލާއިންސާނީ ޙާލަތްތަކެއް ކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށައިފަ އެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ ވަގުތީ ހުކުމާ ހިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 30،410 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 71،700 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް