މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަހު ނުބާއްވަން އަބަދުވެސް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަކާލާތު ކުރަމުން އައި ކަމަށާއި މިކަމުގައި އެ ކޮމިޝަނުގެ އަމިއްލަ އެޖެންޑާ އެއް ނޯންނާނެ ކަމަށް އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހުގެ ރޭ ކަނޑައެޅުމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ. ހަބީބު ވިދާޅުވީ އީސީ އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބަލާފައި ވާނީ ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް، ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ގޮތަކަށް އަމަލުކުރުމަށް ކަމަށެވެ. އަދި އީސީ އަކީ އަބަދުވެސް ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ތަބާވެ ބޯލަނބާނެ މުއައްސަސާއެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
ރަމަޟާން މަހު އިންތިހާބުތައް ބޭއްވުން މަނާ ވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލު ހިމެނޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބުރާސްފަތި ދުވަހުގެ ރޭ ތަސްތީގުކުރައްވާފައެވެ. އެ ބިލް ތަސްދީގުކުރެއްވިތާ ގަޑިއެއްހާއިރު ނުވަނީސް އީސީން ވަނީ އިންތިޚާބާއި މެދު ގޮތެއް ނިންމުމަށް ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެކަމުން އެކަނި ވެސް މިކަމާ މެދު އީސީން ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ ކުރިން މާރޗް މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ބާއްވަން ކަނޑައެޅި އިރު އެއީ ރަމަޟާން މަހުގެ 7 ވަނަ ދުވަހެވެ.އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކުރުމާއި ގުޅިގެން އީސީން ވަނީ އެޕްރިލް މަހަށް އިންތިޚާބު ފަސްކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ.
ހަބީބު ވިދާޅުވީ މި ބަދަލާ އެކު ވޯޓާސް ލިސްޓާއި ރީ ރެޖިސްޓްރޭޝަން ފަދަ އިދާރީ ބައެއް ކަންކަމަށް އިތުރު މުއްދަތެއް ލިބޭނެ ކަމަށާއި އެކަމާއި ގުޅޭ ތަފްސީލްތައް ހިއްސާކުރަމުންދާނެ ކަމަށެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރާ އިރު އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ 238 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އެއީ 90 ކެނޑިދޭޓުންނެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި 89 ކެންޑިޑޭޓުން ވާދަކުރެއެވެ.
ރޯދަ މަހު އިންތިހާބު ނުބާއްވާ ގޮތަށް ފުރަތަމަ ފާސްކުރި ބިލް ރައީސް މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން ދެ ވަނަ ފަހަރަށް އެ ބިލް މަޖިލީހުން ވަނީ ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ. އެ ބިލް ތަސްދީގުކުރެއްވީ ބަންޑާރަނައިބުގެ ލަފަޔާއި އެކުގައެވެ. މިކަމާއި ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމްވަނީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަރައިރުންނުވާނެ ގޮތަކަށް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.