ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 11:59
ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްގެ ފޯމު ބަލައިނުގަތް މައްސަލަ
ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްގެ ފޯމު ބަލައިނުގަތް މައްސަލަ
ރާއްޖެއެމްވީ
ނޮޅިވަރަމް ދާއިރާ
ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި އިޔާޒުގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލާނެ ތަނެއް ނެތް
ޝަރުތު ފުރިހަމަ ނުވުމާ ގުޅޭ ނިންމުންތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް
މިއީ ލިއެކިއުން ހުށަހަޅާފައިނުވުމާ ގުޅޭ މައްސަލައެއް

ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި އޮންނަ ގޮތުން، އިންތިޚާބަށް ކުރިމަތިލުމުގައި ފުރިހަަމަ ވާން ޖެހޭ ޝަރުތު ފުރިހަމަ ނުވުމާ ގުޅޭ ނިންމުންތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށްކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް އީސީގެ ވަކީލު ވިދާޅުވީ، އީސީގެ ނިންމުން ބިނާވެފައިވަނީ ކެންޑިޑޭޓާއި އިންތިޚާބީ އެޖެންޓުގެ ޝަރުތާ ގުޅިގެނެއް ނޫން ކަމަށާއި، އެގޮތަށް ނިންމީ އިއުލާނުގައި ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަ ނުވާތީ ކަމަށެވެ.

މި މައްސަލައިގެ ޙުކުމުގައި ފަނޑިޔާރު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލާ ކޮންމެ މީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހެއްގެ ރަސްމީ އިންތިޚާބީ އެޖެންޓަކު ކަނޑައަޅަން ވާނެކަމަށް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ރަސްމީ އިންތިޚާބީ އެޖެންޓެއްކަމަށް ކަނޑައަޅާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ރަސްމީ އިންތިޚާބީ އެޖެންޓަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއްނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމަށްވެސް ވާން ޖެހެއެވެ.

ހުށަހެޅިފައިވާ ލިއެކިއުންތަކަށް ބަލާއިރު، އިޔާޒްގެ އިންތިޚާބީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިއެކިއުންތަކުގެ ތެރޭގައި ކުށުގެ ރެކޯޑު ހިމެނިފައިވީނަމަވެސް، ދަރަނީގެ ރެކޯޑު ހިމެނިފައި ނެތްކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ވުމާއެކު، މިއީ ލިއެކިއުން ހުށަހަޅާފައިނުވުމާ ގުޅޭ މައްސަލައަކަށްވާތީ މި މައްސަލަ ސުޕްރީމް ކޯޓުން ބަލަންޖެހޭ ތަނެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރުން ނިންމެވިއެވެ.

ރިޔާސަތުގެ ފަނޑިޔާރު، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުޙައްމަދު އިބްރާހިމް ވަނީ ތާއީދު ކުރައްވާފައެވެ.

- ކޮމެންޓް