ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ބުދަ ދުވަހު ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ، މިއީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ، އަދި ޤައުމު ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލައެއްކަމަށް އެ އޮފީހަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އަދި މިއީ ޤައުމުގެ އާންމު މަސްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަންވެސް އޭޖީ އޮފީހުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
އޭޖީ އޮފީހުން ވަނީ އެކަމާ ގުޅޭ މާއްދާތަކަށް މި މައްސަލަ ފެތޭ ސަބަބުތައްވެސް ކިޔާދީފައެވެ.
ވަކީލު ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގެ މެމްބަރުން ގުނުމުގައި މަޖިލީހުގައި އޮންނަންޖެހޭ ނިސްބަތް މަދުވާ ގޮތަށް، ރައްޔިތުންނަށް ލިބިގެންވާ ބާރުތައް ހަނިވާގޮތަށް މަޖިލީހުން އަމަލުކޮށްފައިވާ މައްސަލައެއް ކަމަށެވެ.
މިއީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރުގެ ދެމެދުގައި ޤާނޫނުއަސާސީ މާނަ ކުރުމާއި ގުޅޭގޮތުން އުފެދިފައިވާ މައްސަލައެއްކަމަށް ޤަބޫލު ކުރައްވާކަމަށްވެސް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
ވަކީލު ވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށްވެސް މި އަޑުއެހުމުގައި އަލިއަޅުވާލައްވާފައެވެ. ވަކީލު ވިދާޅުވީ، 18 ޑިސެމްބަރު 2023 ގެ ނިޔަލަށްވެސް ރައްޔިތުންގެ މަޖިލީހުން ޖުމުލަ މެމްބަރުންގެ އަދަދު ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައް ހިމެނޭގޮތަށް ކަމަށެވެ.
އަޅުގަނޑުމެން މިހާރު އަމަލުކުރަމުން މި ދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން އިންތިޚާބު ކޮށްފައިވާ 17، 18 އަދި 19 ވަނަ މަޖިލިސް އަދި، 18 ޑިސެމްބަރު 2023 ގެ ނިޔަލަށްވެސް ރައްޔިތުންގެ މަޖިލީހުން ޖުމުލަ މެމްބަރުންގެ އަދަދު ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައް ހިމެނޭ ގޮތުން، އަދި މަޖިލީހަށް ކަނޑައެޅިފައިވާ ޖުމުލަ މެމްބަރުންގެ އަދަދަށް ބަލައިގެން، މާނައަކީ ހުސްވެފައިވާ ގޮނޑިތައްވެސް ހިމެނޭ ގޮތުން އަދި ގޮނޑިއެއް ހުސްވިކަމުގައިވީނަމަވެސް، އެއީ ޖުމުލަ މެމްބަރުންގެ ގޮތުގައި ހަމަ 87 މެމްބަރުންގެ ގޮތުގައި މަޖިލީހުންވެސް ބަލަމުން މިހާތަނަށް ގޮސްފައިވަނީއޭޖީ އޮފީހުގެ ވަކީލު
ވަކީލު ވިދާޅުވީ، އާންމު އުސޫލުން 87 މެންބަރުން ތިބޭނަމަ، 58 މެމްބަރުންގެ ވޯޓުން ރައީސް އަޒުލު ކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާޙުގެ ސަބަބުން 54 މެމްބަރުންގެ ވޯޓާއެކު ރައީސަކު އަޒުލު ކުރެވިދާނެކަމަށް ވަކީލު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއްކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށެވެ.
އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާ، އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށްވެސް ބުނެފައިވެއެވެ.
މި އަޑުއެހުމުގައި ފަނޑިޔާރުންވެސް ވަނީ ބައެއް ސުވާލުތައް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.
މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކުރުމަށް ދާދި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކޮމިޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކޮށް، މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށެވެ. އެގޮތުން 'ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެމްބަރުން އަދަދު ގުނާނެ ގޮތް' ކިޔާ މާއްދާއެއް މަޖިލީހުގެ ޤަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެ މާއްދާގައި ހިމެނުމަށް ކޮމިޓީން ފާސްކޮށްފައިވަނީ "މެމްބަރުކަމުން ވަކިވުމުން، ކުރިއަށް މަޖިލިސް އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮންނަ ހާލަތުގައި، މަޖިލީހުގެ ޖުމަލް މެމްބަރުންގެ އަދަދު ގުނުމުގައި އެ ގޮނޑިއެއް ނުހިމަނާނެ" ކަމަށެވެ.