ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ބޮޑުވަޒީރު ނަތަންޔާހޫއަށް ބާރު އެޅުއްވި ކަމަށް އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ފާއިތުވި ދުވަސްތަކުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށާއި އެ މަޝްވަރާތަކުގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުއްވި ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، ހަމާސް ޖަމާއަތުން އަދިވެސް ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރެވޭނެ ފަދަ މާހައުލެއް ގެނައުމަށް ބައިޑަންގެ ސަރުކާރުން ދަނީ އިސްރާއީލަށް ބާރު އަޅަމުންނެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ބޮޑުވަޒީރާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައިވާ ކަމަށާއި، ކޮންމެ ބޭފުޅަކު ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެންވާހަކަފުޅު ދެއްކެވިކަމަށެވެ. ބައިޑެން ވިދާޅުވީ ހަނގުރާމަ މެދުކަނޑާލުން ނޫންގޮތެއް އޭނާއަށް ވިސްނިވަޑައި ނުގަންނަވާކަމަށާއި، ގައިދީން ސަލާމަތްވާންއޮތް ހަމައެކަނި ގޮތަކީ އެއީކަމަށް ނަތަންޔާހޫއަށް ދެންނެވި ކަމަށެވެ.
ވައިޓް ހައުސްއިން ބުނީ ފަލަސްތީނުގެ އާންމުން ހިމާޔަތް ކުރުމަށް އިތުބާރު ކުރެވޭ އަދި ތަންފީޒު ކުރެވޭ ޕްލޭނެއް ނެތި ރަފަޙްގައި އަސްކަރީ ފިޔަވަޅު ތައް ކުރިއަށް ނުގެންދަން ބައިޑަން އަނެއްކާވެސް ތަކުރާރުކޮށް ނަތަންޔާހޫއަށް އަންގަވާފައިވާ ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ 29،000 މީހުން ޝަހީދުކޮށްލައި ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދއިން ބުނެއެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު އުފުލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.