ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 13:57
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ރޮއިޓަސް
ޓްރަމްޕަށް ދިގު ޖަލު ޙުކުމެއް
ޓްރަމްޕަށް ދިގު ޖަލު ހުކުމެއް އަންނާނެ: ވަކީލް
އެމެރިކާގެ ކުރީގެ ރައީސްގެ މައްޗަށް އުފުލާފައިވާ ސިއްރު ލިޔުންތަކުގެ ޝަރީއަތް މިމަހުގެ 20 ވަނަ ދުވަހު ފަށަން ވަނީ ނިންމާފައި

ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް ނަހަމަގޮތުގައި ބޭނުންފުޅު ކުރެއވި ކަމުގެ ތުހުމަތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގައި ހުކުމް އިއްވުމުން "ދިގު މުއްދަތަކަށް" ޖަލަށް ލެވިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޑިމޮކްރެޓުންނަށް ނިސްބަތްވާ ވަކީލަކު ދެއްވައިފިއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ޓްރަމްޕްގެ މައްޗަށް 37 ދައުވާއެއް އުފުލާފައިވަނީ އޭނާ ދިރިއުޅުއްވާ ސައުތު ފްލޮރިޑާގެ ގެކޮޅުގައި ގާނޫނާ ހިލާފަށް ގައުމީ ސަލާމަތާ ބެހޭ ވަރަށް ނާޒުކު މައުލޫމާތުތަކެއް ހިފަހައްޓާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ. އޭގެ ތެރޭގައި ވޮޝިންޓަންގެ ނިއުކްލިއާ ގާބިލުކަމާއި އެމެރިކާ އަށް ނުވަތަ އެ ގައުމުގެ ބައިވެރިންނަށް ހަމަލާއެއް ދީފި ނަމަ އެ ގައުމުން ގެންގުޅޭ ސްޓްރެޓެޖީތަކުގެ އެންމެ ސިއްރު ތަފްސީލުތައް ހިމެނެއެވެ.

ސްޕެޝަލް ކައުންސެލް ޖެކް ސްމިތު އިސްވެ ހުންނަވާ ޕްރޮސެކިއުޓަރުން ބުނަނީ އެ ލިޔުންތައް އަނބުރާ ދިނުމަށް ފެޑެރަލް އޮފިޝަލުން އެދުމުން ޓްރަމްޕް އެކަމަށް ދެކޮޅު ހެއްދެވި ކަމަށެވެ. ޓްރަމްޕް ވަނީ ކުށުގެ ހުރިހާ ތުހުމަތެއް ދޮގުކުރައްވައި، ދައުވާއަށް އިންކާރު ކުރައްވާފައެވެ.

"އެ ފްލޮރިޑާ މައްސަލާގައި ހުށެހޅިފައިވާ ހެކިތަކަކީ ކިހާ ގެއްލުން ހުރި ހެއްކެއްކަން މީހުން ހަނދާން ނައްތާލަނީ،" ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީ (ޑީއެންސީ) 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ތަމްސީލު ކުރެއްވި މާކް އެލިއަސް އާދީއްތަ ދުވަހު އެމްއެސްއެންބީސީގެ ދަ ވީކެންޑްގައި ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ކުރީގެ ރައީސަކު އެމެރިކާ ސަރުކާރުގެ ވަރަށް ބޮޑަށް ސިއްރުކުރެވިފައިވާ ނާޒުކު ލިޔުންތައް ވަގަށް ނަގައި، އެލިޔުންތަކާ މެދު ހަޑިހުތުރު ކޮށް އަމަލުކޮށް، އެ ލިޔުންތައް މީހުންނަށް ދައްކައި، ހެދި ވާހަކަ
މާކް އެލިއަސް

އެލިއަސް ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި ޝަރީއަތުގައި އެ ހެކިތައް އިއްވުމުން އެއީ ސިޔާސީ ގޮތުން އޭނާއަށް ގެއްލުން ހުރި ހެއްކަކަށް ވެދާނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ޖަލަށް ދިއުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މި ދައުވާއަކީ އެމެރިކާގެ ކުރީގެ ރައީސަކު ކުރިން އިސްކޮށް އުޅުއްވި ފެޑެރަލް ސަރުކާރަކުން ޖިނާއީ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށް ބުނެ ޓްރަމްޕަށް އިތުރު ފެޑެރަލް ދައުވާއެއްވެސް 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އުފުލާފައިވެއެވެ.

މީގެ އިތުރުން ނިއުޔޯކްގެ ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލި ކަމުގެ ތުހުމަތާއި އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ އިންތިހާބުގެ ނަތީޖާ ގެއްލުވާލަން ރޭވި ކަމުގެ ތުހުމަތުގައި ވެސް އޭނާގެ މައްޗަށް ވަނީ ވަކިވަކިން ދައުވާ އުފުލައިފައެވެ.

ޓްރަމްޕްގެ މައްޗަށް މިފަދަ ދައުވާތަކެއް އުފުލިފައިވާއިރު، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއަށް ޗެލެންޖް ކުރެއްވުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓު ހޯއްދެވުމަށް އެންމެ ކުރީގައި ހުންނެވި ޓްރަމްޕް އާދީއްތަ ދުވަހު އެންބީސީ ނިއުސްއިން އާންމުކުރި ހެޑް ޓު ހެޑް ޕޯލްގައި ޓްރަމްޕް ވަނީ ބައިޑަންގެ މައްޗަށް ފަސް ޕޮއިންޓް، 47 އިންސައްތައާއި 42 އިންސައްތައާ ދެމެދުގެ އަދަދަކުން ކުރި ހޯދާފައެވެ.

ނަމަވެސް ހަމަ އެ ޕޯލްއިން ދައްކާ ގޮތުގައި ޓްރަމްޕަށް ކުށެއް ސާބިތުވެއްޖެ ނަމަ ބައިޑަން 45 އިންސައްތައާއި 43 އިންސައްތައާ ދެމެދުގެ އަދަދަކަށް ކުރީގައި ހުންނާނެއެވެ.

- ކޮމެންޓް