ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް ޢުމުރުފުޅުން 82 އަހަރުގައި އަވަހާރަވެއްޖެއެވެ.
ގެއިންގޯބްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގެއިންގޯބް އަވަހާރަވީ އާދީއްތަ ދުވަހު ވެރިރަށް ވިންޑްހޯކްގެ ލޭޑީ ޕޮހަމްބާ ހޮސްޕިޓަލުގައި ކަމަށެވެ. އަވަހާރަވީއިރު އަރިހުގައި އަނބިކަނބަލުންނާއި ބޭފުޅުންވެސް ތިއްބެވި ކަމަށް އެބަޔާނުގައި ވެއެވެ.
ގެއިންގޯބްގެ އޮފީހުން މިދިޔަ މަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރޫޓިން ކޮލޮނޮސްކޯޕީ އާއި ގެސްޓްރޯސްކޮޕީގެ ތެރެއިން "ކެންސަރު ގެ ސެލްތައް" ފެނުމާ އެކު އެ މަނިކުފާނު ފަރުވާ ހޯއްދަވަން ފަށާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ގެއިންގޯބްގެ ބަލި ދެނެގަތް ގޮތުގެ ތަފްސީލެއް އަދި ޕްރޮގްނޯސިސްގެ ތަފްސީލެއް ދީފައި ނުވި ނަމަވެސް ރިޔާސީ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަމަށް ބުނެފައި ވެއެވެ.
ގެއިންގޯބްގެ އޮފީހުން ފަހުން ބުނެފައިވަނީ އެ މަނިކުފާނު ބޭސްފަރުވާއަށް އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށާއި އެނބުރި ނަމީބިއާއަށް ވަޑައިގަންނަވާނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.
ބޮޑުވަޒީރުކަން ވެސް 12 އަހަރު ފުރުއްވި ގެއިންގޯބް އަކީ 2014 ވަނަ އަހަރު ނެމީބިއާގެ ތިން ވަނަ ރައީސަކަށް އިންތިހާބުވުމުގެ ކުރިން ދިމާވި ސިއްހީ މައްސަލަތަކުގެ ތާރީހެއް އޮތް ބޭފުޅެކެވެ.
2013 ވަނަ އަހަރު ނަސްލީ ތަފާތުކުރުމާ ދެކޮޅު އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވި ގެއިންގޯބް ސިކުނޑީގެ އޮޕަރޭޝަނެއް ކުރެއްވި އިރު ޖެހިގެން އައި އަހަރު އޭނާ ވަނީ ޕްރޮސްޓޭޓް ކެންސަރުން ސަލާމަތްވެފައިވާ ކަން ހާމަކުރައްވާފައެވެ.
އަދި އަވަށްޓެރި ސައުތު އެފްރިކާގައި އެއޯޓިކް ސާޖަރީއެއް ހެދިކަން މިދިޔަ އަހަރު ގެއިންގޯބް ވަނީ އިއުލާންކުރައްވާފަ އެވެ.
1990 ވަނަ އަހަރު މިނިވަންކަން ހޯދި ޖަރުމަނުގެ ކުރީގެ ކޮލޮނީއެއް ކަމަށްވާ ނެމީބިއާގައި އަންނަ ނޮވެމްބަރު މަހު ރިޔާސީ އިންތިހާބާއި ޕާލަމެންޓް އިންތިހާބު ބާއްވަން ވަނީ ނިންމައިފައެވެ.
ގެއިންގޯބް އަށްފަހު ވެރިކަމަށް ވަޑައިގަންނަވާނީ ވެރިކަން ކުރާ ސްވާޕޯ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނަންދީ-އަންދައިތުވާހް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ހޮވިވަޑައިގެންފި ނަމަ އެ ގައުމުގެ ފުރަތަމަ އަންހެން ވެރިޔަކަށް އެކަމަނާ ވާނެއެވެ.