ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 10:16
މެޗުން މޮޅުވުމުން ސައުތު ކޮރެއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުން މޮޅުވުމުން ސައުތު ކޮރެއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އޭއެފްސީ އޭޝިއަން ކަޕް
ކޮރެއާ އަތުން ބަލިވެ، އޭޝިއަން ކަޕުން ސައުދީ ކަޓައިފި
މުބާރާތުގެ ކުއާޓާ ފަައިނަލްގައި ހުކުރު ދުވަހު ކޮޮރެއާ އިން ނިކުންނަން ޖެހޭނީ އޮސްޓްރޭލިއާއާ ދެކޮޅަށް

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ގަދަ 16 ވަނަ ބުރުގައި ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ސައުދީ އަރަބިއްޔާ މުބާރާތުން ކަޓައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސައުދީ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ދެ ވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސައުދީންނެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ސައުދީ އަށް ލީޑު ނަގައިދިނީ އަބްދުﷲ ހާދީ ރަދީފް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިނީ ސަލީމް އަލް ދައުސަރީ އެވެ. މެޗުން ސައުދީ މޮޅުވާން ދަނިކޮށް، ކޮރެއާ އިން ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގެ ވެސް ފަހު މިނެޓުގަ އެވެ. އެ ލަނޑު ޖެހީ ޗޯ ގީ ސުން އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮރެއާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ސައުދީގެ ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބު ކުރެވުނު ނަމަވެސް، ފަހު ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ. އެއީ ސާމީ އަލް ޖަލީލް އަދި އަބްދުލް ރަހްމާން ގަރީބްގެ ޕެނަލްޓީ އެވެ. އެ ދެ ޕެނަލްޓީ ވެސް ކޮރެއާގެ ގޯލު ކީޕަރު ވަނީ ހުއްޓުވައިފަ އެވެ.

މުބާރާތުގެ ކުއާޓާ ފަައިނަލްގައި ހުކުރު ދުވަހު ކޮޮރެއާ އިން ނިކުންނަން ޖެހޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

- ކޮމެންޓް