ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 13:59
ވެމްކޯ ކުނި ނެގުން
ވެމްކޯ ކުނި ނެގުން
ރާއްޖެއެމްވީ
ވެމްކޯ ކޮރަޕްޝަން
2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވެމްކޯއިން 43 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވޭ: އޮޑިޓް ރިޕޯޓް
 
އާންމު ބީލަމުގެ އުސޫލުން ބޭރުން އެންމެ ފަރާތެއްގެ އަގެއް ހޯދައިގެން 43.9 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވޭ
 
އެއްބަސްވުމުގެ އަގުގެ އިތުރަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ މައްސަލައެއް ހިމެނޭ

2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވެމްކޯއިން 43 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވާކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން އެންމެ ފަރާތެއްގެ އަގެއް ހޯދައިގެން 43.9 މިލިއަން ރުފިޔާގެ ވެހިކަލް 2016ވަނަ އަހަރާއި 2017ވަނަ އަހަރުގެ ތެރޭ ވެމްކޯއިން ގަނެފައިވާ ކަމަށެވެ.

އާންމު ބީލަމުގެ އުސޫލުން ބޭރުން ތަކެތި ގަތުމުގެ ސަބަބުން ވާދަވެރި އަގުތަކެއް ހޯދައިގެން އެންމެ އެކަށީގެންވާ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކާ މަސައްކަތް ޙަވާލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، މަސައްކަތް ޙަވާލު ކުރުމުގައި ވަކި ފަރާތަކަށް ނަޖާއިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ކުނި އުފުލަން ބޭނުންކުރާ 10 ޑަމްޕް ޓަރަކެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް ފާހަގަވާކަމަށެވެ. އެއީ 16 ނޮވެމްބަރު 2016 ގައެވެ. އެގޮތުން މޮޑިފައި ކޮށްފައިވާ ވެހިކަލްތަކެއް ހޯދައި، އެ އުޅަނދުތައް އުފެއްދި ޤައުމާއި، އުޅަނދުތަކުގެ ބްރޭންޑު އޮޅުވާލާފައިވާކަން ފާހަގަ ކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ކުނި އުފުލުމަށް ވެމްކޯއިން ގަނެފައިވާ 10 ޑަމްޕް ޓްރަކް ސަޕްލައި ކުރުމުގެ މަސައްކަތް ޙަވާލުވި ފަރާތާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަގަކީ 6.8 މިލިއަން ރުފިޔާ ކަމުގައިވީނަމަވެސް، މަސައްކަތް ޙަވާލުވި ފަރާތަށް ވެމްކޯއިން ފައިސާ ދެއްކިއިރު އެއްބަސްވުމުގެ އަގުގެ އިތުރަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ޖީއެސްޓީ ފައިސާގެ ގޮތުގައި ދައްކާފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ފައިސާ މަސައްކަތާ ޙަވާލުވި ފަރާތުން ޖީއެސްޓީގެ ގޮތުގައި މީރާއަށް ދައްކާފައިނުވާކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް