އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ނިއުޕޯޓް ކައުންޓީ ބަލިކޮށް، މެންޗެސްޓަރ ޔުނައިޓެޑުން މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ނިއުޕޯޓް ކައުންޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ޔުނައިޓެޑުން ލީޑު ނަގާފައި ވަނިކޮށް، ނިއުޕޯޓް ކައުންޓީ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އޭގެ ފަހުން ޔުނައިޓެޑު ވަނީ ދެ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް އެވެ. އޭނާ އެ ލަނޑު ޖެހީ އެންޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަ މިނެޓު ފަހުން، ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖެހީ ކޮބީ މައިނޫ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑިއޭގޯ ޑަލޮޓް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 36 ވަނަ މިނެޓުގައި ނިއުޕޯޓް ކައުންޓީގެ ފުރަތަމަ ލަނޑު ޖެހީ ބްރީން މޮރީސް އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނިއުޕޯޓް ކައުންޓީ އިން ވަނީ ދެ ވަނަ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެޑަމް ލެވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ވިލް އިވާންްސް އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި، ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެންޓޮނީ އެވެ. ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ރަސްމުސް ހޮލުންޑް އެވެ.
އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޔުނައިޓެޑުން ކުޅޭ މެޗު އޮންނާނީ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.