ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 14:28
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވި ކުޑަކުއްޖަކަށް ފަރުވާދެނީ
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވި ކުޑަކުއްޖަކަށް ފަރުވާދެނީ
ރޮއިޓާސް
ފަލަސްތީނުގައި ޝަހީދުވި މީހުން
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 26،000ށް ވުރެ މައްޗަށް އަރައިފި
 
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 183 މީހުން މަރުވެ، 377 މީހުން ޒަޚަމްވެފައިވޭ

އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް އަސްކަރީ ބޮޑެތި އޮޕަރޭޝަންތަކެއް ފެށި ފަހުން މިހާތަނަށް މަރުވި މީހުންގެ އަދަދު 26،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ. ހަމާސް އަށް އަމާޒުކޮށް އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކާއި އެއްގަމު ހަމަލާތައް ހަތަރު ވަނަ މަހަށް ވަދެ، އިތުރު 60،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން އާބާދީ ބޮޑު އެންކްލޭވްގައި ދިން ހަމަލާތަކުގައި އެކަނިވެސް ފަލަސްތީނުގެ 183 މީހުން މަރުވެ، 377 މީހުން ޒަޚަމްވެފައިވާ ކަމަށް ރެސްކިއު ވޯކަރުން ރިޕޯޓްކުރެއެވެ. ހާއްސަކޮށް ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލް ފަދަ ޕަބްލިކް އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އަލް އަމާލް ހޮސްޕިޓަލަށް އަމާޒުކޮށް ސްނައިޕަރުން ވަނީ ފިލަން އުޅުނު މީހުންނަށް ބަޑި ޖަހާފައެވެ.

އަލްޖަޒީރާއިން ބުނީ ދެކުނުގެ ޚާން ޔޫނިސް ސިޓީގައި ކެނޑިނޭޅި ބަޑީގެ ހަމަލާތައް ދެމުން އަންނައިރު، ގިނަ ރައްޔިތުންގެ އެމީހުންގެ ގެތައް ވަނީ ކުދިކުދިވެ، އެތަންތަން ހުސްކުރަން ޖެހިފައެވެ.

އަހަރެން ފިލަންދާނެ އެއްވެސް ތަނެއްނެތް، އެއްވެސް ތަނެއްގައި ސަލާމަތެއް ނެތް
ޚާން ޔޫނިސްގެ ރައްޔިތެއް ކަމުގައިވާ އަހްމަދު އަލްޖަޒީރާއަށް ބުންޏެވެ.

އިސްރާއީލްގެ ހަމަލާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުށްވެރިކުރުން އިތުރުވަމުންދާއިރު، ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް އިން މިހާރު ވަނީ، އިސްރާއީލުގެ މައްޗަށް އުފުލާފައިވާ ޖަރީމާތަކާ ގުޅިގެން ވަގުތީ ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އެދުނު މައްސަލައިގެ ހުކުމް އިއްވުމަށް ތައްޔާރުވެފައެވެ.

ހަމާސްގެ ރޮކެޓް ހަމަލާތަކުގެ ސަބަބުން އަމިއްލަ ދިފާއުގައި ހަމަލާދިނުމުގެ ޙައްޤު އޮތްކަމަށް އިސްރާއީލު ބުނަމުން ދިޔަ ނަމަވެސް ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރުކާނެކަމަށް ބެލެވެއެވެ.  

ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ރޮކެޓާއި މޯޓާގެ ހަމަލާތަކުގައި އިސްރާއީލުގެ އާންމުންގެ 1،100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 200 އަށްވުރެ ގިނަމިހުން ހަމާސްއިން ރަހީނުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރެއިން ގިނަމީހުން މިހާރުވަނީ މިނިވަން ކޮށްފައެވެ.

އދ.ހިމެނޭގޮތުން ބައިނަލް އަޤުވާމީ ފެންވަރުގައި ބޮޑެތި ޖަމިއްޔާތަކާއި، ގައުމުތަކުން މިހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކާއި، އިސްރާއީލާއި ދެކޮޅަށް ކުރާ މުޒާހަރާތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިތުރުވަމުން ދިޔަނަމަވެސް އިސްރާއީލްގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަކުރަމުންނެވެ.

ބައިނަލްއަގްވާމީ ޤާނޫނުތަކަށްވެސް ގޮންޖަހާލާ އިސްރާއީލުން ބުނަމުންދަނީ ހަމާސްއާއި، އެޖަމާޢަތަށް އެހީތެރިވާ އެންމެންގެ ވަސް ދުނިޔޭން ފޮހެލުމަށްފަހުގައި ނޫނީ ހަނގުރާމަ ނުހުއްޓާނޭކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް