ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 05:44
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ފެނުނީ ކުޅުންތެރިންގެ އިތުބާރު، މިއީ ކާމިޔާބެއް: ޕޮޗެޓީނޯ
 
މިވަގުތު މާޔޫސްކަމެއްގެ ތެރޭގައި އޮތް ޗެލްސީ އަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު

އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ގެ ސެމީ ފައިނަލް މެޗުގައި ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އިތުބާރާއެކު ކުޅުނު މަންޒަރު ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ފަހު ވާހަކަ ދައްކަމުންނެވެ. މިޑްލްސްބަރާގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީ އޮތީ ބަލިވެފަ އެވެ. ނަމަވެސް، އަމިއްލަ ދަނޑުގައި ހޯދި ބޮޑު މޮޅާއެކު، ޗެލްސީ ވަނީ މުބާރާތުގެ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފަ އެވެ. މިއީ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅޭނެ ފުރަތަމަ ފައިނަލް އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، މެޗަށް ކުރިމަތިލިއިރު ވެސް ޓީމުގައި ވަރަށް ބޮޑު މާޔޫސްކަމެއް އޮތް ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ލެގުން ބަލިވެފައި އޮތުމުން، ޓީމުން އެކަން ފާހަގަކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ދެ ވަނަ ލެގުގައި ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، ކުޅުންތެރިން އިތުބާރާއެކު ކުޅެ، ހޯދީ ފުރިހަމަ މޮޅެއް ކަމަށް އޭނާ ބުންޏެވެ. އެއާއެކު، މިވަގުތު މާޔޫސްކަމެއްގެ ތެރޭގައި އޮތް ޗެލްސީ އަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޗެލްސީ އަކީ އަބަދު ވެސް ވަރަށް ރަނގަޅު "މެންޓާލިޓީ" އެއްގައި ކުޅުމެން އަންނަ ޓީމެއް ކަމަށެވެ. ދެ ވަނަ ލެގުގައި ޓީމުގެ ފަރާތުން އެ މަންޒަރު ފެނުނު ކަމަށާއި އެގޮތުގައި ދެމި ތިބެ، ކުރިއަށް ދާން މަސައްކަތް ކުރާނެ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. އަބަދު ވެސް ކުލަބުގެ ބޭނުމަކަށް ވަނީ މޮޅުވުންކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ. އެއީ އުނދަގޫ މަސައްކަތެއްކަން ވެސް އެނގޭ ކަމަށާއި، ނަމަވެސް އެކަމާ ކުރިމަތިލާނެ ކަމަށް އޭނާ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭނާ އެ ޓީމާ ހަވާލުވީއިރު ވެސް ޗެލްސީގެ ނަތީޖާތައް ދަށެވެ. އެހެންވެ، ޕޮޗެޓީނޯ އަށް އޮތީ ޗެލްސީގެ ނަތީޖާ ރަނގަޅު ކުރުމެވެ. އޭނާ ހަވާލުވި ފަހުން މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަށް އެކަށީގެންވާ ނަތީޖާއެއް ނުހޯދޭތީ، ޕޮޗެޓީނޯ އަށް ޕްރެޝަރު ބޮޑުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް