2024 ވަނަ އަހަރު ފަރަންސޭސިވިލާތުގައި އޮންނަ ޕެރިސް އޮލިމްޕިކްސްއިން އިސްރާއީލު ބާކީކުރުމަށް އެކްޓިވިސްޓުން ގޮވާލައިފިއެވެ.
ފަލަސްތީނުގެ 300 އަށް ވުރެ ގިނަ ކުޅިވަރު ކްލަބްތަކާއި މަދަނީ ޖަމިއްޔާތަކުން ވަނީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްއިން އިސްރާއީލު ބާކީކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އަށް ގޮވާލާފައެވެ.
ފުޓުބޯޅަ، ބާސްކެޓްބޯޅަ އަދި ވޮލީބޯޅައިގެ ދާއިރާއިން ފަލަސްތީނުގެ ޓީމުތައް އިސްނަގައިގެން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 24،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެން ފެށި ކެމްޕެއިނެކެވެ.
ޣައްޒާގައި ހުންނަ ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީގެ އޮފީސް ހަލާކުކޮށްލުމާއި، ފަލަސްތީނުގެ އޮލިމްޕިކް ފުޓްބޯޅަ ޓީމުގެ ކޯޗު ކެޕްޓަން ހާނީ އަލް މަސްދާރު ޝަހީދުކޮށްލުމަކީ އެ ގޮވާލުންތަކަށް ބާރު އެޅި ހާދިސާތަކެވެ.
މި ކެމްޕެއިން ކުރިއަށް ގެންގޮސްފައި މިވަނީ ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ އަދި ބައިނަލްއަގްވާމީ އެކި އެކި ފަރާތްތަކުގެ ތާއީދު ލިބިފައިވާ (އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާއްމުގެ) މައްސަލައާއި ގުޅިގެން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލަށް ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ފަލަސްތީނުގެ އިސްތިއުނާފުގައި އައިއޯސީން މީގެ ކުރިންވެސް ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދީ، މިންގަނޑުތައް އެއްހަމައެއްގައި ތަންފީޒު ކުރުމަށް ގޮވާލިއެވެ.
އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ ސައީދު އޮޑޭ ހިމެނޭ ގޮތަށް ފަލަސްތީނުގެ އެތުލީޓުންތަކެއް ޝަހީދުކޮށްލުމަކީ ވެސް ކުޅިވަރު ޑިޕްލޮމެސީގެ ތެރެއިން ފަލަސްތީނުގެ ކުޅިވަރު ކްލަބުތަކުން ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުމުގެ ތެރެއިން ފާހަގަކޮށްފައިވާ ކަމެކެވެ.
މީގެ ކުރިން ޣައްޒާގެ އަލް ޔަރްމޫކް ސްޓޭޑިއަމްގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަށްފަހު ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާ އާއި އެހެނިހެން ކުޅިވަރު ފެޑަރޭޝަން ތަކުން އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.
އޮލިމްޕިކް ޗާޓަރަށް އިސްރާއީލުން އަމަލުކުރި ގޮތް ބަލަން ގޮވާލައި އަޔަލެންޑްގެ 200 އަށް ވުރެ ގިނަ އެތުލީޓުން ވެސް ވަނީ އަޑުއުފުލާފައެވެ.
އިންޓަނޭޝަނަލް އައިސް ހޮކީ ފެޑަރޭޝަން (އައިއައިއެޗްއެފް) އިން ދާދި ފަހުން ވަނީ "ސަލާމަތީ" ސަބަބުތަކަށްޓަކައި އިސްރާއީލު ޗެމްޕިއަންޝިޕުން ބާކީކުރިކަން އިއުލާނުކޮށް، ރަޝިއާ އާއި ބެލަރޫސް ސަސްޕެންޑް ކުރި ސަބަބު ދައްކުވައިދީފައެވެ.