ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 17:01
ޣައްޒާގައި ފޯން ޗާޖު ކުރަން އެއްތަނަކަށް ޖަމާވެފައިތިބި މީހުން
ޣައްޒާގައި ފޯން ޗާޖު ކުރަން އެއްތަނަކަށް ޖަމާވެފައިތިބި މީހުން
ރޮއިޓާރސް
ފޯނު ޗާޖު ކުރުން
ކެތްތެރިކަމުގެ ބާރުން ފޯނެއް ޗާޖު ކުރެވިދާނެ!
 
ކޮންމެ ދުވަހަކުވެސް، ފޯނު ޗާޖު ކުރުމުގެ އިންތިޒާރުގައި އެތައް ގަޑިއިރެއް "ބޭކާރު" ކުރަން މަޖުބޫރުވޭ
 
ފޯނެއް އޮތުމަކީ، އެ ދުވަހަކު ކާބޯތަކެތި ލިބެން ހުރި ތަނެއް ބަލައިލަންވެސް އޮތް އެހީއަކަށް ވޭ

ޣައްޒާގެ ހޮސްޕިޓަލެއްގެ ކަރަންޓު ސޮކެޓަކަށް ޖަހާފައިވާ އެކްސްޓެންޝަން ބޯޑަކާއި، އެ ބޯޑާ ގުޅާފައިވާ އިތުރު ބޯޑުތަކާއި، އެ ބޯޑުތަކުގެ ވަށައިގެން އެގޮތް މި ގޮތަށް އޮޅި، ގޮށްޖެހިފައިވާ ކަރަންޓު ވާތައް ވަށާލައިގެން، އެކި އުމުރުގެ ފިރިހެނުން އެ ތިބެނީ، މުހިންމު، ނަމަވެސް ކާމިޔާބު ކުރަން ދަތި ލަނޑުދަނޑިއެއް ހާސިލު ކުރުމުގެ އުންމީދުގައެވެ. އެ މީހުން އެތަނަށް ޖަމާވެ އެ ތިބެނީ، އަތުގައި އޮތް ފޯނު ޗާޖު ކޮށްލެވިދާނެ ކަމުގެ އުންމީދުގައެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން މީގެ 3 މަސް ކުރިން ގަތުލުއާންމު ފެށުމާއެކު، އެންމެ ފުރަތަމަވެސް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކަނޑާލިއެވެ. އަމިއްލަ ގޭބިސީތަކާއި އެނޫންވެސް ތަންތަނުގައި ހުރި ޖަނަރޭޓަރުތަކުންވެސް ކަރަންޓު އުފެއްދުމަށް އޮތް ދޮރު ބަންދުކުރުމުގެ ގޮތުން، ޣައްޒާއަށް އެތެރެކުރާ ތެލުގެ ސަޕްލައިގައި އަތްއެޅިއެވެ. ހަކަތައިގެ ހުރިހާ ދޮރެއް ބަންދުކުރިއެވެ.

މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނުވާ ފަދަ ލާއިންސާނީ ގަތުލުއާންމެއް ހިންގަމުންދާ ޣައްޒާގައި، ޗާޖު ހުރި ފޯނެއް އޮތުމަކީ މީހަކަށް ލިބިދޭ އެންމެ ބޮޑު ހިތްވަރާއި އެއްބާރުލުމުގެ ގޮތުގައި ސިފަކުރެވިދާނެއެވެ. އެއެއް މިއެއް ބެލުމެއް ނެތި، ކެނޑިނޭޅި ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި، އާއިލާ މީހުންނާއި ލޯބިވާ އެތައް ބައެއްގެ ހަލު ބަލައިލެވުމަކީ ނަފުސަށް ލިބޭނެ ހާދަހާ ބޮޑު ހިތްހަމަޖެހުމެކެވެ. އިޒްރޭލުގެ ގޮށްމުށުގެ ބާރުން ޣައްޒާއަށް ބޭނުންވާ ކާބޯތަކެތިވެސް އެތެރެކުރެވޭ ގޮތެއް ނުވެއެވެ. އެހެންކަމުން، ފޯނެއް އޮތުމަކީ، އެ ދުވަހަކު ކާބޯތަކެތި ލިބެން ހުރި ތަނެއް ބަލައިލަންވެސް އޮތް އެހީއަކަށް ވެއެވެ. އެހެން ނޫންނަމަ، ދިގު ސަފުތަކެއްގެ ފަހަތުގައި އެތައް ގަޑިއިރަކު މަޑުކޮށް، އިންތިހާ ވަރުބަލިކަމާއި ހާސްކަމުގެ ތެރޭގައި އަނބުރާ ގެއަށް ދާން ޖެހެނީ ހުސްއަތާއެވެ.

ފޯނު ޗާޖު ކުރަން ބަލާއިރު، އަހަރެން މި ކުރަނީ 50، ނޫނީ 60 ޕަސެންޓާ ހިސާބަށް. 100 ޕަސެންޓް ހަމަ ކުރަން ވަރަށް އުނދަގޫ. ހަނގުރާމައިގެ ކުރިން، މަށަކީ 100 ޕަސެންޓަށް ފޯނު ޗާޖު ކޮށްގެން އުޅޭ މީހެއް. އޭރު ހުރިހާ ކަމެއްވެސް ރަނގަޅު. އެކަމަކު މިއަދު، 100 ޕަސެންޓަށް ފޯނު ޗާޖު ކުރުމަކީ ހުވަފެނެއްގަ ނޫނީ ނުވާނެ ކަމެއް. ދިރިއުޅުން ވަރަށް ދަތި. 50، 60 ނޫނީ 70 ޕަސެންޓަށް ފޯނު ޗާޖު ކުރެވޭނީ މިހާރު، އެންމެ ބޮޑުވަރަކަށްވެސް. އެއީ، އެވަރު ކުރަންވެސް އެބަ ނަގާ ވިއްޔާ 3 ގަޑި، 4 ގަޑިއިރު. އަނެއް ބައި ފަހަރު، ޗާޖު ކުރަން އޮންނަ ވާގަނޑުވެސް މަސައްކަތް ނުކޮށްފާނެ.
ުމުހައްމަދު އަބޫ ސަޚީތާ؛ ގެދޮރު ގެއްލިފައިވާ، ޣައްޒާ މީހެއް

މުހައްމަދު އަބޫ ސަޚީތާއަކީ ޣައްޒާގެ އުތުރުގައި އޮންނަ އައްޝާތީ ރެފިއުޖީ ކޭމްޕު ދޫކޮށް، ތުއްތު ފިރިހެން ދަރިފުޅާއި އާއިލާ ގޮވައިގެން، ދެކުނުގެ ރަފަހަށް ބަދަލުވި އެކަކެވެ. މުހައްމަދު ބުނިގޮތުގައި ކޮންމެ ދުވަހަކުވެސް، ފޯނު ޗާޖު ކުރުމުގެ އިންތިޒާރުގައި އެތައް ގަޑިއިރެއް "ބޭކާރު" ކުރަން މަޖުބޫރުވެއެވެ.

ކޮންމެ ދުވަހަކުވެސް އަހަރެމެން މިތަނަށް އައިސް، ފޯނު ޗާޖުކޮށްލަން އެބަ ބޭކާރުކުރަން ތިން ހަތަރު ގަޑިއިރު. ތެދެއް، ކަރަންޓާ ނުލާ ދިރިއުޅުމަކީ ވަރަށް، ވަރަށް އުނދަގޫ ކަމެއް. އަހަރެންގެ އޮންނާނެ އެންމެ 7 މަހުގެ ކުޑަކުޑަ ކުއްޖެއްވެސް. އެހެންވެ، އަލިކަމެއް ބޭނުން ވިއަސް، އެކަމަށްވެސް ބޭނުން ކުރަން ޖެހެނީ ފޯނު. އާއިލާ މެންބަރުންގެ ހާލު ބަލާލަންވެސް މި އޮންނަނީ ފޯނު. އެމީހުން އަދިވެސް ތިބީ އުތުރުގަ. އިންޓަރނެޓް މި ހުންނަނީ ކަނޑާލާފަ. ޚިދުމަތް ލިބޭ ފަހަރު ވިއްޔާ ލިބޭ ޚިދުމަތުގަ ފެންވަރެއް ނުހުރޭ.
ުމުހައްމަދު އަބޫ ސަޚީތާ؛ ގެދޮރު ގެއްލިފައިވާ، ޣައްޒާ މީހެއް

ރަފަހްގައި ހިންގާ އިމާރާތީ ހޮސްޕިޓަލުގެ ބޭރުގައި ގާއިމުކޮށްފައިވާ ފޯނު ޗާޖު ކުރާ ޕޯސްޓަކީ، ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަނެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެތަނުން ފޯނު ޗާޖު ކުރުމަށް، އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. އެ ޕޯސްޓުގައި ހުންނަ ސޮކެޓްތަކަށް ކަރަންޓު ދޫކޮށްފައި ހުންނަނީ ހޮސްޕިޓަލުގެ ފަރާތުންނެވެ. ކަރަންޓު ސަޕްލައި ކުރަނީ އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމުތަކުގެ އެހީގައެވެ. ތެޔޮ ހުރިނަމަ، ޖަނަރޭޓަރެއްގެ އެހީގައެވެ.

އިރުގެ އަވިން ހަކަތަ އުފައްދާ ސޯލާރ ޕެނަލްތައް ހުންނަ އަމިއްލަ ގޭބިސީތަކާއި ކުދި ވިޔަފާރިތަކުންވެސް ފޯނު ޗާޖު ކުރުމުގެ ޚިދުމަތް ދެއެވެ. ނަމަވެސް ގިނަ ފަހަރަށް ފީއެއް ނަގައިގެންނެވެ. ގިނަ މީހުންނަށް އެ ވަރުގެ ފައިސާކޮޅެއްވެސް ދެވޭނެ ގޮތެއް ނޯވެއެވެ.

ގަވައިދުން ޗާޖު ކުރަން ޖެހޭ ހަމަ އެކަނި އެއްޗަކީ ފޯނެއް ނޫނެވެ. ރަފަހްގައި ބޯކޮށުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރަމުން އަންނަ މުހައްމަދު އަބޫ ތާހާ ކިޔައިދިން ގޮތުގައި، 2 ކަސްޓަމަރުންގެ ދެމެދު ރޭޒަރު ޗާޖު ކުރުމަށްޓަކައި އޭނާ ބަރޯސާ ވަނީ ސޯލާރ ޕެނަލަކަށެވެ.

އިޒްރޭލުގެ ޢުދުވާންތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 24000ށްވުރެ މައްޗަށް އަރައެވެ. ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަޚަމްވެފައެވެ. މުޅި ޣައްޒާގެ އާބާދީހެން މިއަދު ދިރިއުޅެމުން ދަނީ އަމިއްލަ ފަސްގަނޑުގައި، ރެފިއުޖީންގެ ގޮތުގައެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ހައްގާއި، ދިރިއުޅުމުގެ ޒަރޫރީ ހައްގުތަކުންވެސް މަހުރޫމުވެފައިވާ ހާލުގައެވެ. މުޅި ރަށް މިއަދު އޮތީ ބަނޑަށެވެ. ނަމަވެސް، އެ ހާލުގައިވެސް ޣައްޒާގެ ރަށްވެހިންނަކީ ކެތްތެރި، އީމާންތެރި، އަދި އަނެކާއަށް ކަމޭހިތާ، އޯގާތެރި ބައެކެވެ. ޣައްޒާގެ ކޮންމެ ދިމާއަކުންވެސް ފެނިގެންނަނީ އިންސާނިއްޔަތުކަމުގެ ރީތި މިސާލުތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް