ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 16:40
ޣައްޒާގައި އަތުން ފަހާގޮތަށް ބަދަލުކުރި ފަހާފޮށި
ޣައްޒާގައި އަތުން ފަހާގޮތަށް ބަދަލުކުރި ފަހާފޮށި
ރޮއިޓާރސް
ޣައްޒާގެ ހާލަތު
"ޟަރޫރަތަކީ އީޖާދުގެ މަންމަ": އުނުއޮރިޔާން ނިވާ ކުރަން ޣައްޒާގެ ފަހުލަވާނަކު ހޯދީ އާދަޔާ ޚިލާފު ޙައްލެއް!
 
ކަރަންޓު ފަދަ ޛަރޫރީ ޚިދުމަތްތަކަކީވެސް މިއަދު ޣައްޒާގައި އިންތިހާއަށް ތަދު
 
ފަހާ ފޮއްޓަށް ބޭނުންވާ ހަކަތަ ހޯދަނީ ބައިސްކަލު ބޭނުން ކޮށްގެން

ފަލަސްޠީނުގެ ބިންތަކަށް ވެރިވަގެނެގެން އުޅޭ ޚުދުމުޚޫތާރު ޔަހޫދީ އިޒްރޭލުން، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 100 ދުވަސް ފާއިތުވެގެން ދިޔައިރު، އެ އަނިޔާވެރިކަމާއި ހިތްދަތި ތަކުލީފުތަކުގެ ތެރޭގައި ދިރިއުޅުން ކޮޅަށް ޖަހަން، ޣައްޒާގެ ރަށްވެހިން ދަސްކޮށްފިއޭ ބުނުމަކުން ގޯހެއް ނެތެވެ. އަދިވެސް ޙަމަލާތައް އޮތީ ކުރިއަށް ކަމަށް ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން ބުނަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ޣައްޒާގެ ރަށްވެހިންގެ ހިތްތަކުން އުންމީދުގެ އަލިކަން ފިލައެއް ނުދެއެވެ. އެފަދަ އެކަކީ މާޖިދު އަބޫ ޙާޖިބުއެވެ.

މާޖިދުއަކީ ދިރިއުޅުމަށްޓަކައި ވިޔަފާރި އުސޫލުން ފެހުމުގެ މަސައްކަތް ކުރަމުން އައި މީހެކެވެ. ނަމަވެސް އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމާއެކު ޣައްޒާއާ ދެކޮޅަށް ވަރުގަދަ ކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ކަރަންޓު ފަދަ ޛަރޫރީ ޚިދުމަތްތަކަކީވެސް މިއަދު ޣައްޒާގައި އިންތިހާއަށް ތަދު އެއްޗަކަށް އޮތީ ވެފައެވެ. ނަމަވެސް، ޙާލަތުގެ ޝިކާރައަކަށްވެ، ދެއަތް އުރާލައިގެން އިނުމުގެ ބަދަލުގައި، މާޖިދު ފެށީ އޭނާގެ ދިރިއުޅުން ކުރިއަށް ގެންދެވިދާނެ އިތުރު މަގުތައް ހޯދާށެވެ.

ފެހުމުގެ މަސައްކަތް ކުރަމުން މި އަންނަނީ 1997 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފަށައިގެން... ގާތްގަނޑަކަށް 26 އަކަށް އަހަރު މި ހޭދަވީ! މިދިޔަ 26 އަހަރު ދުވަހުވެސް އަހަންނަކަށް އެއްވެސް މައްސަލައަކާ ކުރިމައްޗެއް ނުވޭ. ފަހަން ބޭނުންވާ ހުރިހާ އެއްޗެއް ލިބެން ހުރޭ. ކަރަންޓާއި، ފަހާ ފޮއްޓާއި، ގާތުގަ މަސައްކަތް ކުރާނެ ފަހާ މީހުންވެސް ލިބޭ. އަހަންނަށް ކުރިމަތިވި ހަމަ އެކަނި މައްސަލައަކީ، އަހަރެމެންނަށް މިއަދު ކުރިމަތިވެފަ މި އޮތް ކާރިޘާ. އެއީވެސް ކަރަންޓު ނުލިބޭ ތީ.
މާޖިދު އަބޫ ޙާޖިބު؛ ފަލަސްޠީނުގައި ފެހުމުގެ ވިޔަފާރި ކުރާ މީހެއް

އެ މޭރުމުން މަސައްކަތް ކުރަމުން ގޮސް، މައި ސަޕްލައިން ފޯރުކޮށްދޭ ކަރަންޓާ ނުލާ، ފަހާ ފޮށިން ފަހާލެވޭނެ މަގު، އޭނާ ހޯދިއެވެ. މިއަދުވެސް ރަފަޙުގައި މާޖިދުގެ ވިޔަފާރި ދަނީ ކުރިއަށެވެ. ސިއްރަކީ، މާޖިދުގެ ފިރިހެން ދަރިފުޅު ދުއްވަން ގެންގުޅުނު ބައިސްކަލެވެ. ފަހާ ފޮއްޓަށް ބޭނުންވާ ހަކަތަ ހޯދަނީ ބައިސްކަލު ބޭނުން ކޮށްގެންނެވެ.

ޒަމާނުއްސުރެ މީހުން ބުނެ އުޅޭނެ، 'ޟަރޫރަތަކީ އީޖާދުގެ މަންމައޭ'. ދެން އަހަރެންވެސް ހަމަ އެކަނިމައިއެކަނި ފަހާފޮށި ކައިރީގަ އިށީނދެލައިގެން އިނދެ، ރަނގަޅަށް އެ ފޮށި ދަސްކުރީ. ފަހާ ފޮއްޓެއްގަ ހުންނަ ބައިތަކާއި އެ މަސައްކަތް ކުރާ ގޮސް ދަސް ކުރީ. އެހެންވެ، މިހާރު މޯޓަރެއްގެ ބަދަލުގަ އަހަރެމެން މި ބޭނުން ކުރަނީ ބައިސްކަލު. ކަރަންޓުގެ ބަދަލުގަ މި ބޭނުން ކުރަނީ މި ފިރިހެން ކުއްޖާ. އަހަރެމެންނަށް މިއަދު މިއޮތީ ކަރަންޓުގެ ދަތިކަންވެސް އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފަ. ކަރަންޓަށް އިންތިހާ ބޭނުން ޖެހިފަ. ފަހާ މީހެއްގެ ހައިސިއްޔަތުން، ކަރަންޓަކީ އަހަންނަށް ޟަރޫރީ އެއްޗެއް.
މާޖިދު އަބޫ ޙާޖިބު؛ ފަލަސްޠީނުގައި ފެހުމުގެ ވިޔަފާރި ކުރާ މީހެއް

އަދުގެ ޙާލަތަށް ރިޢާޔަތް ކޮށް، ދަރިފުޅުގެ ބައިސްކަލު ބަދަލު ކޮށްފައި ވަނީ ވަގުތީ މޯޓަރަކަށެވެ. މާޖިދު ބުނި ގޮތުގައި، ފަހާ ފޮއްޓަށް ބޭނުން ވާ ހަކަތަ، ބައިސްކަލު އަނބުރައިގެން ލިބޭ ގޮތަށް ފަރުމާކޮށްފައި ވާ އިރު، އެ ކަމުގައި އޭނާގެ ފިރިހެން ދަރިފުޅާއި އަދިވެސް ބައެއްގެ އެހީތެރިކަން ލިބެއެވެ.

އަހަރެންގެ ހަގަށް ހުރި ފިރިހެން ކޮއްކޮއަކީވެސް އެހެން ކުދިން ގޮތަށް މަގުތަކަށް ނުކުމެ، ސަކަރާތް ޖަހާލާ، ބައިސްކަލު ދުއްވާ ހަދާލެވެން ޖެހޭނެ ކުއްޖެއް. އެކަމަކު މިއަދު، އަހަރެމެން މި ބައިސްކަލު މި ބޭނުން ކުރަނީ ފަހާ ފޮށީގެ މޯޓަރެއްގެ ގޮތުގަ. ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން. ކަރަންޓުގެ ބަދަލުގަ މި ހުރީ އަހަރެން.
ަޖުދީ އަބޫ ޙާޖިބު؛ މާޖިދުގެ ދަރިފުޅު

ކަރަންޓުގެ ސަޕްލައި ދަތިވުމާއެކު މާޖިދުގެ ވިޔަފާރިއަށްވެސް ނޭދެވޭ އަސަރު ފޯރަން ފެށިއެވެ. ނަމަވެސް ޕެޑަލް އަނބުރައިގެން އޮޕަރޭޓް ކުރާ މެޝިންގެ އެހީގައި، މާޖިދުގެ ވިޔަފާރިއަށް އުންމީދީ އިންޤިލާބެއް ވަނީ ގެނެސްދީފައެވެ. މާޖިދު ކަސްޓަމަރުންވެސް އޭނާގެ ޚިދުމަތް ބަލައިގަނެއެވެ.

ކަލޭމެންނަށް އެބަ ފެނޭތަ އެ ކުއްޖާގެ ބައިސްކަލު؟ އަސްލު އެއީ އެކުއްޖާގެ އުފަލައް ބޭނުން ކުރަން ޖެހޭ އެއްޗެއް ދޯ! އެކަމަކު، މާޖިދު އެ އޮތީ އެ ބައިސްކަލު ރޫޅާލާ އެގޮތް މިގޮތް ހަދާފަ. އެހެން މީހުންނަށް އެހީވާން. އެހެން މީހުން އުނުއޮރިޔާން ނިއްވާކޮށްލަން ހެދުން ފަހައިދޭން. އަދު ކަރަންޓުގެ ކަންކަން މި އޮތް ގޮތުން، އީޖާދީ ޙައްލެއް އޭނަ އެ ހޯދީ. ކަލޭމެންނަށް ނިކަން ޚިޔާލަށްވެސް ގެނެވޭތޯ ބަލާބަލަ... އަހަރެމެން ޣައްޒާގަ މި ހޭދަ ކުރީ 3 މަސްދުވަސް، ކަރަންޓާ ނުލާ. ތަޞައްވުރު ކޮށްލެވޭތަ؟ ކަރަންޓެއް، ފެނެއް، ކާބޯތަކެއްޗެއް ނެތް. އެކައްޗެއްވެސް ނެތް. ކަލޭމެންނާ ވާހަކަދައްކަން މިތާ ހުރިއިރުވެސް، މިސައިލްތައް އެހެރަ ދަނީ. ދިރިއުޅުމަކީ ނާމާން ހުވަފެނަކަށް ވެއްޖެ. އަހަރެމެން ދިރި މި އުޅެނީ ނާމާން ހުވަފެނެއްގެ ތެރޭގަ. އަހަރެމެން މި ކެތް ކުރާ ވަރަށް، އަހަރެމެން މިއަދު މި އުޅޭ ޙާލުގަ އެހެން އެއްވެސް ބަޔަކަށް ނުއުޅެވޭނެ. މިކަން ބަރުދާސްތެއް ނުކުރެވޭނެ.
ނިދާލް ޤަދާން؛ މާޖިދުގެ ކަސްޓަމަރެއް

ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، މާޖިދު މިއަދު ދެމުން އެ ގެންދާ ޚިދުމަތަކީ، ޣައްޒާއަށް މި ވަގުތު ކޮންމެހެންވެސް ބޭނުން ޖެހިފައި އޮތް ޚިދުމަތެއް ކަން ނިދާލް ފާހަގަ ކުރިއެވެ.

މިކަހަލަ އީޖާދުތަކާ މެދު ވިސްނުން މުހިންމު. އެހެން ނޫނީ ހެދުމެއް ފަހާލަން ދާނީ ވަކި ކޮންތާކަށް؟ ބައެއް މީހުންގެ އަތުގަ ހުރީ މާ ބޮޑެތި ހެދުން، ނޫނީ މާ ކުޑަކުޑަ ހެދުންތަކެއް. އެހެންވީމަ، ދިރިއުޅުމައިގެ ކުރިއަށް ދާން، މި ކަހަލަ ކަންކަން ކުރަން އެބަ ޖެހޭ. އަސްލު، ޙަޤީޤަތަށް ބުނަންޏާ، އަހަރެމެންނަށް މިހާ ހިސާބަށްވެސް މި އާދެވުނީ މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅުން.
ނިދާލް ޤަދާން؛ މާޖިދުގެ ކަސްޓަމަރެއް

މާޖިދު ބުނި ގޮތުގައި، ޤަތުލުޢާންމު ކުރިން ވިޔަފާރި ހިނގަމުން ދިޔަ ގޮތާ އަޅާ ބަލާއިރު، މިއަދު މާ ބޮޑު ޑިމާންޑެއް ނެތެވެ. ކަން އެހެން އޮތެއް ކަމަކު، އޭނާ އުންމީދު ކަނޑައެއް ނުލައެވެ.

މި ހަނގުރާމަ ނިމި، އެންމެންނަށްވެސް އެބައެއްގެ ގެއަށް އަނބުރާ ދެވޭ ގޮތްވެ، ކަރަންޓުގެ ޚިދުމަތް ޢިޔާދަވެ، އަހަރަމެންގެ ވިޔަފާރި ކުރިން އޮތް ގޮތަށް ޢިޔާދަވެގެން ދިއުމަށް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަމިއްލަ ދިރިއުޅުމައިގެން އެންމެންނަށްވެސް އުޅެލެވޭ ގޮތްވުމަށް އެދި، އަނެކުންނަށް އިޚްތިރާމް ކުރާ ޙާލުގަ، ކަރަންޓު ފޮށިން ފަހައިގެން، އެ ފަހާ އެއްޗެހި ކަރަންޓު އިސްތިރިން އިސްތިރކޮށްލައިގެން، ކަސްޓަމަރުނުން ބޭނުންވާ އެއްޗެއް، އެމީހަކު އެ ބޭނުންވާ ގޮތަކަށް ނިންމާ ދެވޭނެ ދުވަހަކަށް އެދި ދުޢާ ކުރެވޭ.
މާޖިދު އަބޫ ޙާޖިބު؛ ފަލަސްޠީނުގައި ފެހުމުގެ ވިޔަފާރި ކުރާ މީހެއް

ދުނިޔޭގެ އެންމެ ގަދަ ފަދަ ބާރުތައް ކަމަށް ބުނާ ޤައުމުތަކެއްގެ 'ޙިމާޔަތުގައި' އޮވެގެން ނިރުބަވެރި ޔަހޫދީން ދެމުންދާ ޢުދުވާންތަކުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 24000 އަށް އަރައެވެ. ޣައްޒާގެ ޢުމްރާނީ ބިނާވެށި ސުންނާފަތި ކޮށްފައި ވާ އިރު، އިޤްތިޞާދު އޮތީ ދެފުށްޖެހިފައެވެ. ކޮންމެ ފަދަ ބިރެއް ދައްކާ، ޢާއިލާތަކެއްގެ ޖީލުތައް ހުރި ގޮތަށް މި ދުނިޔެއާ ވަކި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި މުޖުރިމުންނަށް ނިގުޅައި ނުގަނެވުނު އެއްޗަކީ ޣައްޒާ ރަށްވެހިންގެ ހިތުގައި ވާ އީމާންތެރިކަމާއި، ކެތްތެރިކަމާއި، ސާބިތުކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް