ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 07:03
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ރައީސް ލަންކާއަށް ވަޑައިގަތުން
ލަންކާއާއެކު މަޖިލީހުގެ މުވައްޒަފުންނަށް ކުރިން ހިންގި ތަމްރީނުތައް، އަލުން ފެށުމަށް މަޝްވަރާކޮށްފި
 
މިއީ ލަންކާގެ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާއެއް

ސްރީލަންކާ އަދި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންގެ މެދުގައި ކޮވިޑުގެ ކުރިން ހިނގަމުންއައި ތަމްރީން ޕްރޮގްރާމުތައް ހުއްޓިފައިވާތީ، އެ ތަމްރީނުތައް އަލުން ފެށުމުގެ މަޝްވަރާތައް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވައިފައިވަނީ ލަންކާގެ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހު އެ ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިއެވެ.

އެގޮތުން ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އަސްލަމް ވަނީ ސްރީލަންކާގެ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި، ޒަމާނުއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވާފައެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ މަޖިލީހުގެ ރައީސް މަހިންދާގެ ވާހަކަފުޅުގައި ވަނީ ދެޤައުމު ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި، ވެރިކަމަށް ބަދަލު އައި ނަމަވެސް، ދެ ޤައުމު ދެމެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މިމަހުގެ 19ގެ ނިޔަލަށް މަޖިލީހުގެ ރައީސް އަސްލަމް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހު އަސްލަމް ވަނީ ސްރީލަންކާގެ އެކްޓިން ފޮރިން މިނިސްޓަރު ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލުކުރައްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، މުސްތަގުބަލުގައި ވެސް ދެ ގައުމަށް އިތުރަށް ފައިދާވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް