އުސޫލުން ބޭރުން ރާއްޖެ ޓީވީއަށް ގެއްލުން ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން މަސައްކަތް ކުރާ ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
ރާއްޖެ ޓީވީން ބްރޯޑްކާސްޓިން ކޮމިޝަނަށް އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ރާއްޖެ ޓީވީ ބަންދުކުރުމާ ގުޅޭ ހަބަރުތައް ފެތުރިގެން ދިޔައިރު، އެ ހަބަރުތަކުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން، ވަކި ޓީވީ ސްޓޭޝަނެއްގެ ލައިސަންސް ބާތިލްކުރާ ވާހަކަ ބުނެފައި ނެތަސް، ވަގުތު އޮންލައިންގައި ސީދާ ރާއްޖެ ޓީވީގެ ނަން ގެނެސް ހާމަކޮށްފައިވާ ޚަބަރުގެ މަސްދަރަކީ ކޮމިޝަންގެ މެމްބަރެއް ކަމަށް ވުމެވެ. ވަގުތުގެ އެ ހަބަރާ ގުޅިގެން ކޮމިޝަންގެ މެމްބަރަކާ ހަވާލާދީ ސަން އާއި އަވަސް އޮންލައިންގައި ގެނެސްދީފައިވާ ހަބަރުގައި، ސީދާ ރާއްޖެޓީވީގެ ނަން ނެތަސް، އޭގެ ކުރިން އެ ޚަބަރު ޝާއިއު ކުރި ނޫހުގައި ރާއްޖެޓީވީގެ ނަން އޮތުމުން މި ޚަބަރު ރާއްޖެޓީވީއަށް ނިސްބަތްވާ ކަމަށް އެތައް ބަޔަކަށް ވިސްނުނު ކަމަށް ރާއްޖެ ޓީވީގެ ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖެ ޓީވީއަށް ނިސްބަތްވާ ގޮތަށް ކޮމިޝަންގެ ބައެއް މެމްބަރުން ވާހަކަ ދައްކާފައި ވަނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ ކޮބައިކަން ވެސް ސްޓޭޝަނަށް އެނގުމެއް ނެތި ކަމަށް ރާއްޖެ ޓީވީން ބުނެފައިވެ އެވެ. މިއީ މައްސަލަ ބެލުމުގެ އުސޫލު ކޮމިޝަނުން މުގުރާލުން ކަމަށް ވެސް ރާއްޖެ ޓީވީން ބުނެފައިވެ އެވެ. މައްސަލައެއް ބަލާނަމަ، ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ނެތި ސްޓޭޝަން ބަންދު ކުރަން ކޮމިޝަނުން އުޅުއްވާ ކަމަށް ނޫސްތަކުގައި ލިޔާ ހިސާބަށް ދިޔައީ ކޮމިޝަންގެ މެމްބަރުން ދެއްވި މައުލޫމާތުގެ ސަބަބުން ކަމަށް ވެފައި، އެކަމުގެ ސަބަބުން ބެލުންތެރިންނާއި ސްޕޮންސަރުންގެ ހިތްތަކުގައި ޝައްކުތައް އުފެދިގެން ދިޔަ ކަމަށް ވެސް ރާއްޖެ ޓީވީން ބުނެފައިވެ އެވެ.
"މި ކުންފުނިން ދެކޭ ގޮތުގައި، މައްސަލަ ބެލުމާއި ތަހްގީގުކުރުމަށް ތިޔަ ކޮމިޝަނުން އަމިއްލައަށް އެކަށައަޅާފައިވާ އުސޫލް މިކަމުގެ ސަބަބުން މުގުރިއްޖެއެވެ. އަދި ރާއްޖެޓީވީއަށް ގެއްލުންވާ ގޮތަށް ތަފާތު ކުރުންތައް ކޮމިޝަނުން އިންތިހާއަށް ގެންގުޅުއްވާ ކަމަށް މީގެ ކުރިން މިސްޓޭޝަނުން ބުނަމުން އައި ބުނުމަށް ލިބުނު އިތުރު ހެއްކަކަށްވެސް މިކަން ވެއްޖެ ކަމަށްވެސް ދެކެމެވެ،" ރާއްޖެ ޓީވީގެ ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖެ ޓީވީ ބަންދުކޮށް ހުއްޓުވުމަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ މަގްސަދު ކަމަށް ވިޔަސް އެކަންވެސް ކުރައްވާނީ އެންމެ ކުޑަމިނުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުން ކަމަށް ހީކުރެވިފައި އޮތް ނަމަވެސް މިހާރު މިވީ ގޮތުން، ރާއްޖެޓީވީއާ މެދު އަމަލު ކުރެއްވުމުގައި ފުރަތަމަ ކަނޑައަޅުއްވަނީ ހުކުމް ކަމަށާއި އަދި މައްސަލަ ބައްލަވަނީ އޭގެ ފަހުން ކަން މި ހިނގާދިޔަ ހާދިސާއިން އެނގި ކަށަވަރުވެއްޖެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.