ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ލަންކާއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މިއީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ, އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެ ކަމަށް ވެސް މަޖިލީހުން ބުނެއެވެ.
އަދި ލަންކާގެ ޚާރިޖީ ވަޒީރާއި ސަރުކާރުގެ ބައެއް އިސްވެރިންނާވެސް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބައްދަލުކުރައްވާނެއެވެ.
އަސްލަމް ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ފުރަތަމަ މަރުހަބާ ދެންނެވީ ވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރދެނާއެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންނަވައެވެ.