ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތީގެ އަތުލައިގަތުމަށް މަގުފަހި ކޮށްދިނީ ލަންކާގެ ސަލާމަތީ ބާރު ތަކުން ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތަައް ބުނެފިއެވެ.
ސްރީލަންކާގެ ނޫހެއް ކަމަށްވާ ލަންކާސަރާގައި ބުނެފައިވަނީ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިފަހައްޓާފައިވާ ކަމަށާއި، ބޯޓު ހިފެހެއްޓީ މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. އަދި އެ ބޯޓުން ބަޔަކު ހައްޔަރު ކުރި އިރު، އެކަމަށް މަގުފަހުކޮށް ދިނީ ލަންކާގެ ސަލާމަތީ ބާރުތަކުން ދިން މައުލޫމާތުގެ މައްޗަށް ކަމަށެވެ.
މި ބޯޓުން ގާތްގަނޑަކަށް 300 ކިލޯގެ މަސްތުވާތަކެތި ފެނުނު އިރު އެތަކެއްޗަކީ ލަންކާގައި ރޭވިގެން ކުށްކުރާ ގްރޫއްޕެއްގެ އެއްޗެހި ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެ އެވެ. އަދި އެ ބޯޓުގައި ތިބި 6 މީހަކު ހައްޔަރުކުރި ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ. އަދި ލާންކާ އިން ފުލުހުންގެ ޓީމެއް ރާއްޖެ އައިސް މިކަމުގައި މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވެސް ލަންކާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ގިނައަދަދެއްގެ ތަކެތި، އެމްއެންޑީއެފުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފަައިވާ ކަމަށެވެ.
ނަމަވެސް ތަކުރާރުކޮށް ފުލުހުންނަށް ގުޅައި މީޑިއާ ގްރޫޕުގައި ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ދީފައި ނުވެ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައާއި ދިވެއްސަކާއި ގުޅުން އޮވޭތޯ ކުރި ސުވާލަށް ވެސް ފުލުހުން ޖަވާބެއް ދީފައި ނުވެ އެވެ. ގްރޫޕަށް ފޮނުވާ މެސެޖްތައް ބަރާބަރަށް ސީން ކުރި ނަމަވެސް ފޯނަށް ޖަވާބެއް ނުދީ މެސެޖްތަކަށް ޖަވާބެއް ނުދ އެވެ.
ބޯޓުން މަސްތުވާތަކެތި އަތުލައިގަތް އިރު، އެ ދުވަހު ފުލުހުން ވަނީ ގދ. ވާދޫގައި ބޮޑު އޮޕަރޭޝަނެއް ވެސް ހިންގާފަ އެވެ. އެ އޮޕަރޭޝަނުގައި އެކި ތަންތަން ބަލާ ފާސްކުރި އިރު 4 މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް މިހާތަނަށް އައި އިރު މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ދީފައި ނުވެ އެވެ.