ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 19:20
އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް
އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް
ފްލެޓް މައްސަލަ
ފްލެޓް މައްސަލައިގައި ދިގު އިންތިޒާރަކަށް ފަހު އޭސީސީގެ ޖަވާބު - "ތަހުގީގުގެ ބޮޑުބައި ނިމިއްޖެ"
މި މައްސަލަ ބަލާ ނިމޭނެ ދުވަހެއް އޭސީސީން ހާމަ އެއް ނުކުރޭ
އޭސީސީން ބުނީ ފްލެޓް މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަމަށް

ނިމިިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅިގެން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަމަށް އޭސީސީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ހަވާލުކުރުން އޭސީސީ އިން ހުއްޓުވާފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ ގުރުއަތު ލައިގެން 4،000 ފްލެޓް ލިބޭ މީހުން ފައިނަލްކޮށްފައި ވަނިކޮށެވެ. އަދި މި މަސައްކަތް ހުއްޓުވާފައިވަނީ ފްލެޓް ދިނުމުގައި ގޯސްތަކެއް ހުރި ކަމަށް ތުުހުމަތުކޮށެވެ.

އޭގެ ފަހުން މިހާރު 57 ދުވަސް ވަނީ ވެފައެވެ. މާލެ ސަރަހައްދުން ފްލެޓް ލިބޭނެ ކަމަށް ލިސްޓުކޮށް ގެޒެޓްކޮށްފައިވާ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ނިމިދިޔަ ހަފްތާ ނުވަތަ މި ހަފްތާގައި ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިޒް ވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އެ މަސައްކަތް ކުރިއަށް ދާ ގޮތާއި މެދު ޖަވާބެއް ހޯދުމަށް އަންގާރަ އަދި ބުދަ ދުވަހު އާއްމުން ވަނީ ހައުސިން މިނިސްޓްރީ އަށް އެއްވެފައެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި ފްލެޓްތައް ދިނުމުގެ މަސައްކަތް ކުރެވޭނީ އޭސީސީން ބަލާ މައްސަލަ ނިމުމުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުދަ ދުވަހު ބުނެފައެވެ.

Advertisement

އެކަމާއި ގުޅިގެން ބުރާސްފަތި ދުވަހު އާއްމުން ވަނީ އޭސީސީ އަށް ގޮސްފައެވެ. ފްލެޓްތަކުގެ މައްސަލައިގައި ކަމާއި ގުޅުން ހުރި ފަރާތްތަކަށް އާއްމުން ގޮސް އަޑު އުފުލަމުންދާއިރު އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އިސްމާއިލް ނާއިފް ރާއްޖެ އެމްވީ އަށް ވިދާޅުވީ އޭސީސީގެ ރައީސް ބުރާސްފަތި ދުވަހު އާއްމުންގެ ތެރެއިން ބަޔަކާއި ބައްދަލުކުރެއްވި ކަަމަށެވެ. އަދި އޭސީސީން އެ މައްސަލަ ބަލާތާ 57 ދުވަސް ވިޔަސް އޭސީސީ އަށް ގެދޮރުވެރިޔާ ޕޯޓަލް އަށް އެކްސެސް ލިބުނުތާ އަދި ވީ 30 ދުވަސް ކަމަށް ވިދާޅުވި ކަމަށެވެ. އަދި އޭސީސީން އެ މައްސަލައިގެ ތަހުގީގުގެ 95% ނިންމާފައިވާ ކަަމަށް އޭސީސީގެ ރައީސް ވިދާޅުވި ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް އޭސީސީ އަށް ގުޅުމުން އެ ކޮމިޝަނުން ބުނީ ފްލެޓް މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. ނަމަވެސް ވަކި އިންސައްތަ އެއް ހާމަކުރެވެން ނެތް ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ބަލާ ނިމޭނެ ދުވަހެއް އޭސީސީން ހާމަ އެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް