ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 16:13
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް
ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީއަތްތައް ވެސް މެދުކަނޑާލައިފި
 
11 ގާޒީން، ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް މިވަގުތު ހުރީ އެންމެ މާލަމެއް
 
ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ވަނީ ގެއްލުންވެފައި
 
ބަންދާމެދު ގޮތެއް ނިންމުމުގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށްގެންދެވޭނީ މައްސަލައިގެ އެންމެހާ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން

ކްރިމިނަލް ކޯޓަށް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ޝަރީއަތްތައް ވެސް މެދުކަނޑާލައިފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަކް ކޯޓުން ބުނީ ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޯޓަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށްފައިވާތީއާއި، ކޯޓުގެ ކަރަންޓުގެ މިއުގައަށް އަސަރުކޮށް ކަރަންޓު ކެނޑެމުންދާތީއާއި، ކޯޓުގެ ސަރވަރއަށް ފެނުގެ އަސަރުކޮށް ނެޓްވޯރކް ކެނޑެމުންދާކަމަށެވެ. އަދި ސަރވަރ ރައްކާތެރިކުރުމުގެ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރަން ޖެހިފައިވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެހެންކަމުން 15 ޖަނަވަރީ 2024ވާ ހޯމަ ދުވަހުން ފެށިގެން، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކާއި އެންމެހައި ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ މައްސަލައިގެ އެންމެހައި ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ކަމަށް އެކޯޓުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވާތީ، ޝަރީއަތްތައް ހިންގުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ހައްލުކޮށް ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހަމަޖައްސައިދިނުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު، އެ ޒިންމާ އަދާކޮށް، ކޯޓުގެ ވަސީލަތްތައް ރަނގަޅުކޮށްދިނުމަށް ދާދި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއެމްވީން ސުވާލުކޮށްލުމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކޯޓުގައި ހުރި ޝަރީއަތް ކުރާ މާލަންތަކުގެ ތެރެއިން މިހާރު ބޭނުން ކުރެވޭ ހާލަތުގައި ހުރީ 2 މާލަން ކަމަށާއި، އޭގެ ތެރެއިން 1 މާލަން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ޚާއްސަކުރަން ޖެހޭކަމަށެވެ.

ކޯޓުގެ އެކި ސެކްޝަންތަކުގައި ތިއްބަވާ 11 ގާޒީން ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް މިވަގުތު ހުރީ އެންމެ މާލަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް