އާސެނަލް ކަޓުވާލުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދއިފިއެވެ.
އާސެނަލްގެ މައްޗަށް އެފްއޭކަޕް ތިންވަނަ ބުރުގައި ލިވަޕޫލުން ކުރިހޯދީ 2-0 ނެވެ. މެޗުގައި ލިވަޕޫލަށް ކުރި ލިބުނީ 80 ވަނަ މިނިޓްގައި އާސެނަލްގެ ކީވިއޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެވަނަ ގޯލެއް ޖަހާ ލީޑް ފުޅާކުރީ މެޗުގެ އިތުރު ވަގުތުގެވެސް ފަސްވަނަ މިނިޓްގައެވެ. އެއީ ލުއިސް ޑިއާޒް ޖެހި ލަނޑުންނެވެ. އެއީ ޖޮޓާ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މެޗުން ބަލިވެ ކެޓިޔަސް, މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން ކުޅުނީ އާސެނަލް އިންނެވެ. ލަނޑުޖަހަން ފުރުޞަތުވެސް ހޯދިއެވެ.
ލިވަޕޫލުން ކުޅުނީ ގައުމީ ޓީމަށް ދޫކޮށްފައިވާ ފޯވާޑް ސަލާހު ނުލައެވެ. މީގެއިތުރުން އަނިޔާގެ ސަބަބުން ކެޕްޓަން ވެންޑައިކް ވެސް މެޗުގައި ނުކުޅެއެވެ. ސީޒަން ރަނގަޅަށް ފެށި އާސެނަލްގެ ފޯމް މިވަގުތު ރަނގަޅެއް ނޫނެވެ. އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެފްއޭކަޕް ތިންވަނަ ބުރުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު ތިން މެޗެއް އެއްވަރުވެ ރީޕްލޭ މެޗަށް ދާން ޖެހުނެވެ. އެއީ ވެސްޓް ހޭމްއާއި ބްރިސްޓަލް ސިޓީ ވާދަކުރި މެޗާއި, ނޮޓިންގހަމް ފޮރެސްޓާއި, ބްލެކްޕޫލް ވާދަކުރި މެޗާއި, ލޫޓަން ޓައުންއާއި ބޯލްޓަން ވާދަކުރި މެޗެވެ.